އިސްރާއީލުގައި އަލްޖަޒީރާ މަނާކޮށް އެ ގައުމުގައި އެ ޓީވީ ބަންދު ކުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފިއެވެ.

ދުނިޔޭގެ އެންމެ ނަން މަޝްހޫރު މީޑިއާތަކުގެ ތެރޭގައި ހިމެނޭ އަލްޖަޒީރާ، އިސްރާއީލުގައި ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން ފާސްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭގެ ފަހުން އެ އޮފީހަށް ވަދެ، އެ އޮފީހުގައި ހުރި ތަކެތި ވަނީ ގެންގޮސްފައެވެ.

މިގޮތަށް ފާސް ކުރުމާއި އެކީ އަލްޖަޒީރާ އަރަބިކް ވެސް އެގައުމުގައި ދެން ނުފެންނާނެއެވެ.

އެކަން ކުށްވެރިކޮށް އެމްޖޭއޭއިން ބުނީ އަލްޖަޒީރާގެ މަސައްކަތަށް ހުރަސްއެޅީ އަނބުރާ ގެންގޮސް، ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިނުމަށް އިންޓަނޭޝަނަލް ފެޑެރޭޝން އޮފް ޖާނަލިސްޓް އަދި ޕަލެސްޓައިން ސިންޑިކޭޓް އޮފް ޖާނަލިސްޓުން ގޮވާލި ގޮވާލުމުގައި އެމްޖޭއޭއިން ވެސް ބައިވެރިވާ ކަމަށެވެ.

އަލްޖަޒީރާގެ އިސްރާއީލު އޮފީސް ބަންދުކުރުމަށް އިސްރާއީލުން ނިންމި ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޓިމް ޑޯސަން ވެސް ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ކެބިނެޓުން އެކަން ފާސްކޮށްފައިވަނީ ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން ބަންދު ކުރެވޭ ގޮތަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ގަތުލު އާންމު ހިންގަމުން އަންނަ މި ދުވަސްވަރު އަލްޖަަޒީރާގެ ހުރިހާ އެޑިޝަނެއް ބަންދު ކުރަން ނިންމުމާއި އެކީ އެސަރަހައްދުގައި ހިނގާ އެއްވެސް ކަހަލަ ކަމެއް އަލްޖަޒީރާއަކަށް ދެން ނުދެއްކޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޫ

    ޔޫއެން އަދި އެމެރިކަން ސެންޓަރު، އަދި އީޔޫ އޮފީސް ދޮށުގައި މުޒާހަރާ ކުރަންވީ. ޓީވީ ތަކުން މި މީހުން އަހަރުމެނަށް ގޮތް ކިޔާދޭން ފޮނުވާ އިސްތިހާރުތައްވެސް ހުއްޓަންވީ.