ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެނުން އޮންނަ ރަފާހަށް ވަރުގަދަ ހަމަލާތަކެއް ދޭކަށް ނުޖެހޭނެ ކަމަށް ޖަރުމަންވިލާތުން ބުނެފިއެވެ.

ޖަރުމަންވިލާތުން މިފަދައިން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ރަފާހަށް އަސްކަރީ ޓޭންކަރުތަކުން އަރައިގަތުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށެވެ.

އެގޮތުން އެގައުމުގެ ފޮރިން މިނިސްޓަރ، އަނަލީނާ ބެއާބޮކް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނިރުބަވެރި އިސްރާއީލުން ބޮޑު ހަމަލާއެއް ރަފާހަށް ދޭކަށް ނުޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ އެއަށްވުރެ ވަރުގަދަ ބޮޑު ހަމަލާއެއް ނިރުބަވެރިން ރަފާހަށް ދީފާނެ ކަމުގެ އިންޒާރު ވެސް ދީފަައެވެ.

އޭނާ ބުނެފައިވަނީ އެތަނުގައި އެތަކެއް މިލިއަން މީހުން ދިރިއުޅެމުން އަންނައިރު، އެ އެންމެން ކުއްލިއަކަށް ހުސް ނުކުރެވޭނެ ނުވަތަ ކުއްލިއަކަށް ވައިގެ ތެރެއަށް ގެއްލިގެން ނުދެވޭނެ ކަމަށެވެ. އަދި އެމީހުންނަށް ރައްކާތެރިކަމާއި އިންސާނީ އެހީ ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް އޭނާ ވަނީ ރަފާހް އަދި ކެރެމް ޝަލޮމް ބޯޑަރު ހުރަސް ކުރާ ތަންތަން މިހާރުން މިހާރަށް ހުޅުވަން ޖެހޭ ކަމަށް ވެސް ބުނެފައެވެ.

ނިރުބަވެރިން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަންތައް ފުޅާކޮށް، ރަފާހަށް ރޭ ވަދެގަނެފައިވާއިރު، ރޭ ވައިގެ މަގުން ރަފާހަށް ދިން ހަމަލާއެއްގައި މިހާތަނަށް 23 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ހަމަލާދޭންނުޖެހޭނީތާ އެކަމަކު ފަލަސްތީނު ބިމާހަމަކޮށް ރައްޔިތުންކޮޅު މަރާހުސްކުރަމުންދާއިރުވެސް ހިތްވަރުދީދީ ތިޔަތިބެނީނު ؟؟