ބޮލީވުޑް އެކްޓަރު ވަރުން ދަވަން އަކީ މެދުކެނޑުމެއް ނެތި އަބަދުވެސް ބޮލީވުޑްގެ ތަފާތު ފިލްމުތަކުން ފެންނަ ކުޅަދާނަ އެކްޓަރެކެވެ. ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "މެއިން ތެރަ ހީރޯ" ފަދަ ފިލްމުތަކުން ގިނަބައެއްގެ ލޯބި ހޯދި ވަރުން ދާދިފަހުން ވަނީ އޭނާގެ ބައްޕަ ޑައިރެކްޓަރު ޑޭވިޑް އާއިއެކު އިތުރު ފިލްމެއްގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޑޭވިޑް ޑައިރެކްޓް ކުރާ މި ކޮމެޑީ ފިލްމާއި ގުޅޭ މާ ގިނަ މައުލޫމާތު މީގެ ކުރިން އާންމުކޮށްފައި ނުވިނަމަވެސް، ވަރުންއާއިއެކު އަންހެން ލީޑް ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރާނީ އެކްޓްރެސް ސާރާ އަލީ ޚާން ކަމަށް ފަހުގެ ރިޕޯޓްތައް މިވަނީ ބުނެފައެވެ.

"މިއީ ފުދޭ ވަރަކަށް ބޮޑަށް އާއިލީ ޕްރޮޑަކްޝަނެއް. ބޮލީވުޑްގައި އުޅޭ ޑޭވިޑްގެ ގާތް އާއިލާ ފަރާތްތަކަށް މި ފިލްމުން އިސްކަން ދީފައި ވާނެ. މީގެކުރިންވެސް މިގޮތަށް އުފެއްދި އާއިލީ ފިލްމަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވަނީ. އަނެއްކާ މިހާރު ވަރުން އަކީ ވެސް ފިޔަޖަހަމުން އަންނަ ތަރިއެއް. އެހެންވެ، ޑައިރެކްޓަރު ޑޭވިޑްގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔުމަށް ވަރުން އަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް މި ފިލްމު ވެގެންދާނެ" ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ މެންބަރަކު ބުނެފައިވެއެވެ.

ދާދިފަހުން ބޮލީވުޑަށް ނިކުތް ސާރާ ވަނީ "ސިންބާ" އާއި "ކެދާނަތު" ފަދަ ފިލްމުތައް ކުޅެފައެވެ. އަދި މިހާރުވެސް އިތުރު ފިލްމުތަކުން އޭނާއަށް ފުރުސަތު ލިބެމުންދާކަމަށްވެސް މީގެކުރިން އޭނާ ވަނީ ބުނެފައެވެ.

ޑޭވިޑް ވަނީ 1995 އަހަރު ނިކުތް "ނަންބަރ ވަން" ގެ އެކިއެކި ސީރީސްތައް ވެސް ޑައިރެކްޓްކޮށްފައެވެ. އޭގެ ތެރޭގައި "ހީރޯ ނަންބާރ ވަން"، "ޝާޑީ ނަންބަރ ވަން"، "ކޫލީ ނަންބާރ ވަން" ފަދަ ފިލްމުތައް ހިމެނެއެވެ.