ޕާން ބޯކިބާ

އަހަރެމެން އާދައިގެމަތިން ހަވީރު ސަޔަށް ކައިއުޅޭ ފޮނި ބޯކިބާ ތަކުގެ ތެރެއިން ޕާން ބޯކިބާ މިއީ ތަންކޮޅެއް ފަސޭހައިން ހަދާލެވޭ ބޯކިބަލެކެވެ. ބޭނުމިއްޔާ ކާކުލަ ކޮޅެއް އަޅާލައިގެން، އަހަރެމެން ތައްޔާރުކުރި ވަރަށް ވުރެ ފޮނިގަދަކޮށް ތައްޔާރު ކުރިއަސް ހަމަ ރަނގަޅުވާނެއެވެ.

އަހަރެމެންގެ ބޯކިބާ ފިހުނީ 7 އިންޗި 7 އިންޗީގެ ތަބަކެއްގައެވެ. ބޯކިބާ ފޮތިކުރީ 9 އެތިކޮޅަށެވެ.

 

ބޭނުންވާ ތަކެތި:

5 ޖޯޑު ހުދު ޕާން ( ކުދިކުދި އެތިކޮޅުކޮޅު ހުންނާނެ ގޮތަށް ވީދާފައި)

2 ޖޯޑު ފެން

2 ބިސް

1 ސައިސަމުސާ ބަޓަރު ( ފިނިކަން ކަނޑުވާފައި)

1 ގެރިކިރު ދަޅު

1 ސައިސަމުސާ ވެނީލާ އެސެންސް

1/4 ޖޯޑު ހިކިމޭބިސްކަދުރު

4\1 ޖޯޑު ކަނަމަދު

ތައްޔާރުކުރާނެގޮތް:

  1. 1. ދެ އަތުން ޕާންތައް ކުދި އެތިކޮޅުކޮޅު ހުންނާނެގޮތަށް ވީދާލާށެވެ. ވަރަށް ކުދިކުދި ކުރާކަށް ނުޖެހޭނެއެވެ. އަދި ޕާން ފޮތިތަކުގެ އަރިމަތިތައް ބޭނުން ކުރިއަސް ހަމަ ރަނގަޅުވާނެއެވެ.
  2. 2. ވީދި ޕާންތައް ބޯތައްޓަކަށް އަޅާފައި އޭގެތެރެއަށް މަޑުމަޑުން ފެންފޮދު އޮއްސާލާށެވެ. އެއްފަހަރު ފެންފޮދު އޮއްސާލައިފިނަމަ ޕާން ފޯވާއިރު އެކިއެތިކޮޅުކޮޅު ފޯވާނީ އެކިވަރަށެވެ. ފެންއަޅައިފައި ފޯ ކުރަން 20 ވަރަކަށް މިނަޓު ބަހައްޓާށެވެ.

3. އަވަން 175 ޑިގްރީސް ސެލްސިއަސް އަށް ހޫނުކުރަން ޖައްސާށެވެ.

4. ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބަކުގެ އެތެރޭގައި ރަނގަޅަށް ކުޑަ ތެޔޮ ކޮޅެއް އުނގުޅާލާށެވެ. އަރިމަތިތަކުގައި އުނގުޅަންވާނެއެވެ.

5. ބޯތައްޓެއްގައި ބިސްކޮޅު ގިރާލާށެވެ. އެއަށްފަހު ބަޓަރާއި ގެރިކިރު ބޯތައްޓަށް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ.

6. ދެން ހިކިމޭބިސްކަދުރާއި، ކަނަމަދާއި، ވެނީލާއެސެންސް އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ.

7. ދެން ފޯކުރި ޕާންތައް ބޯތައްޓަށް އަޅާނީއެވެ. ނަމަވެސް ޕާންކޮޅު އެޅުމުގެ ކުރިން އިނގިލިތައް ބޭނުންކޮށްގެން ތަންކޮޅެއް ލުއިކޮށް ޕާންކޮޅު މޮޑެލަން ވާނެއެވެ.

8. ބޯތައްޓަށް އަޅާފައި ހުރިހާ އެއްޗެއް އަނެއްކާވެސް ރަނގަޅަށް އެއްކޮއްލާށެވެ.

9. ކުރިން ތައްޔާރުކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާފައި ރީއްޗަށް މަތި އޮމާން ކޮށްލާށެވެ.

10. ދެން ކުރިން ހޫނުކުރަން ޖެއްސި އަވަނުގެ ތެރެއަށް ލައިގެން ބޯކިބާ ފިހާނީއެވެ. އެކި އަވަނުގައި ތަކެތި ފިހެވޭނީ އެކިގޮތަށެވެ. މައްޗަށް ރަން މުށި ކުލަ އަރާފައި އަދި މެދަށް ދަތްކޮއްޓިއެއް ހަރާލާފައި ނަގާއިރު އޭގައި އެއްޗެއް ހަރުލާފައި ނުވާނަމަ އެއޮތީ ފިހެވިފައެވެ.

އަހަރެމެންގެ ބޯކިބާ ފިހެވުނީ 50 މިނެޓުންނެވެ. ފިހަން ބެއިންދީ މެދުރެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު