މި އާދަޔާ ހިލާފު ދެމަފިރިން ވަނީ "މިޑް އެއާ އެސްކޭޕެޑާ"އެކު މީގެ ކުރިން ދުވަހަކުވެސް ނުކުރާ ފަދަ ކެއުމެއް ތަޖުރިބާ ކޮށްފައެވެ.

ބިމަށް ވުރެ އުހުގައި ތައްޔާރުކޮށްފައިވާ މޭޒާއި ގޮނޑީގައި ތިބެ ކެއުމުގެ ތަޖުރިބާ ކުރުމަކީ އެންމެންނަށް ކުރެވިދާނެ ކަމެއް ނޫނެވެ. އެއީ ބައެއް މީހުންނަކީ މިފަދަ ކަންކަން ކުރުމަށް ޖެހިލުންވާ، އަދި ބިރުގަންނަ ބައެކެވެ.

މި ދެމަފިރިން ސީޓުތަކުގައި ހިފަހައްޓައިގެން ތިބެ، ވައިގެ ތެރޭގައި ނުރައްކާތެރި ގޮތަކަށް އޮށޯވެ، ހިތްގައިމު މަންޒަރުތަކާއެކު ކެއުމުގައި ވަނި ޝާމިލް ވެފައެވެ.

މިގޮތުން ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަޖުރިބާކާރު ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އެހީތެރިކަމާއެކު، ކެއުމުގެ ތަފާތު އެކި ބާވަތްތަކުގެ ރަހަ ބަލައި، ކެއުމުގެ ރަހަ ލިބިގަތުމަށް ސަމާލުކަން ދެވިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ ތަޖުރިބާ ކޮށްލަން ރަނގަޅު ކަމަކަށް ވާނެއެވެ.

ހިތްގައިމު ފަރުބަދަތަކުގެ ޕެނަރޮމިކް މަންޒަރުތައް ފެންނަ ގޮތަށް، ރޭގަނޑުގެ ކެއުމަކަށް އިންސާފްކޮށްލުމަކީ ރޮމޭންޓިކް ކަމެއް ހެން ހީވެއެވެ.

ދާދި ފަހުން ވައިރަލްވި ވީޑިއޯއަކުން ފެންނަނީ ކޭބަލްްއެއްގެ އެހީގައި ކާމޭޒުދޮށުގައި ދެމަފިރިން އެކަކު އަނެކަކުގެ ކުރިމަތީގައި އިށީންދެގެން ތިބޭ ތަނެވެ.

މި ދެމަފިރިން ތިބީ ވަރަށް ރީތިކޮށް ހެދުން އަޅައިގެންނެވެ. އެގޮތުން އަންހެން މީހާ ހުދު ކުލައިގެ ހެދުމެއްގައި ހުރިއިރު، ފިރިހެން މިހާ ހުރީ ކަޅު ކުލައިގެ ސޫޓެއްގައެވެ.

ބެލެވޭގޮތުގައި އެ ސެޓަޕް އިންތިޒާމުކޮށްފައި ވަނީ ފޮޓޯ ޝޫޓަކަށެވެ. ދެ މަފިރިން ތިބީ ވެއްޓިދާނެ ކަމުގެ ބިރަށް ހިފަހައްޓައިގެންނެވެ.

މިއީ ސީދާ ކޮން ތަނެއްގައި ނެގި ވީޑިއޯއެއްކަން ނޭނގޭއިރު، އެތަނުގައި އިރުޝާދު ދޭން ތިބި އަންހެނަކު ވާހަކަ ދައްކަނީ ރަޝިޔާ ބަހުން ކަމަށް ބެލެވެއެވެ.