ބޭނުންވާ ތަކެތި:

ކުކުޅު މެރިނޭޓް ކުރުމަށް؛

250 ގްރާމް ބޯންލަސް ކުކުޅު

½ ސައިސަމުސާ ތެޅި މިރުސް

½ ސައިސަމުސާ މުގުރި ދިރި

½ ސައިސަމުސާ މުގުރި ކޮތަނބިރި

½ ސައިސަމުސާ މުގުރި އަސޭމިރުސް

¼ ސައިސަމުސާ ލޮނު

މަސްގަނޑަށް؛

1 މެދު ސައިޒުގެ ފިޔާ

3 ލޮނުމެދު

½ ބެލް ޕެޕަރ ( ¼ ފެހި، ¼ ރަތް)

1 މޭޒުމަތީ ސަމުސާ އަދި 1 ސައިސަމުސާ އޮލިވް އޮއިލް

1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

½ ސައިސަމުސާ ތެޅި މިރުސް

1 ސައި ސަމުސާ މިކްސްޑް ޑްރައިޑް ހަރބްސް

½ ސައި ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ފެން

ރެޕްތައް ހަދަން؛

1 ޖޯޑު ތުނިކޮށް ކޮށާފައިހުރި ޗެޑާ ޗީޒް

1 ޖޯޑު ތުނިކޮށް ކޮށާފައިހުރި މޮޒަރެލާ ޗީޒް

4 ޑެލި ސަން ފްލާ ޓޯޓިޔާ (7 އިންޗީގެ ޓޯޓިޔާ ހުންނަ ކުޑަ ޕެކެޓު)

ރެޕްތައް ޓޯސްޓް ކުރަން؛

2 ސައި ސަމުސާ ބަޓަރު

ތައްޔާރުކުރާނެ ގޮތް:

ކުކުޅުކޮޅު ކިއުބުކޮށް ކޮށާލާށެވެ. ކިއުބުތައް ބަހައްޓާނީ ހަފާލައިގެން ކާލެވޭ ވަރަށެވެ. ބޯތައްޓަކަށް ކުކުޅު، ތެޅި މިރުސް، ދިރި، ކޮތަންބިރި، އަސޭމިރުސް އަދި ލޮނު އަޅައި އެއްކޮށްލާށެވެ. ދެން މެރިނޭޓް ކުރަން އެހަށް ބަހައްޓާލާފައި ރެސިޕީއަށް ބޭނުންވާ އެހެން ކަންކަމައިގެން ކުރިއަށް ދާށެވެ. އެންމެ ފުރަތަމަ ފިޔާ ތުނިކޮށް ކޮށާށެވެ. ދެން ތުނިކޮށް ދިގަށް ބެލް ޕެޕަރ ކޮޅު ކޮށާލާށެވެ. ލޮނުމެދުކޮޅު ކުދިކޮށް ކޮށާލާށެވެ. ތެއްޔަކަށް 1 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލްކޮޅު އަޅާ ހޫނު ކުރާށެވެ. ހޫނު ވީމައި އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައި ކުކުޅު ކޮޅު ރޯފިލަންދެން މެދު ގިނީގައި ކައްކާށެވެ.

ހަތް ވަރަކަށް މިނެޓް ވަންދެން ކެކުނީމައި ތަށްޓަކަށް ކުކުޅުކޮޅު ނަގާށެވެ. ހަމަ އެ ތެއްޔަށް 1 ސައިސަމުސާ އޮލިވް އޮއިލް އަޅާފައި އޭގެ ތެރެއަށް ފިޔާ، ލޮނުމެދު އަދި ބެލް ޕެޕަރ އަޅާފައި ހުރިހާ އެއްޗެއް އެއްކުރަމުން 4 މިނިޓު ނޫނީ ފިޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ. ދެން ޗިލީ ސޯސް، ތެޅި މިރުސް، މިކްސްޑް ހަރބަސް، ލޮނު އަދި ފެން އަޅާ އެއްކޮށްލާފައި މިނެޓް ވަރު ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅު ކޮޅު އަޅާ އެއްކޮށްލާފައި އަދި މިނިޓެއްވަރު ކައްކާލާށެވެ. އޭރުން މަސްގަނޑު އެއޮތީ ހަދާ ނިމިފައެވެ. ބޮޑު ތައްޓަކަށް މޮޒަރެލާ ޗީޒް އާއި ޗެޑާ ޗީޒް އަޅާފައި އެއްކޮށްލާށެވެ. ދެން އެއްވަރުގެ ހަތަރު ޕޯޝަންއަށް ބަހާލާށެވެ. ދެން ޓޯޓިޔާއެއް ތައްޓެއްގައި ބާއްވާށެވެ. ޗީޒް ޕޯޝަންއެއް ނަގާފައި އޭގެ ދެބައިކުޅަ އެއްބައި ޓޯޓިޔާގެ އެއް ފަރާތަށް އަޅާށެވެ. ދެން މަސްގަނޑު ހަތަރު ބަޔަށް ބަހާލާފައި އެއިން އެއްބައި ޗީޒް މަތީގައި ފަތުރާލާށެވެ. ދެން ޗީޒް ޕޯޝަންގެ އަނެއް ބައި ކުކުޅުގެ މައްޗަށް ބުރުވާލާށެވެ. ދެން ޓޯޓިޔާ މެދުން ފަތް ޖަހާލާށެވެ. މިގޮތަށް މަސްގަނޑާއި ޗީޒް އަޅައިގެން ޓޯޓިޔާތައް ހުސްކޮށްލާށެވެ. ރެޕްތައް މިހާރު އެހެރީ ފިހަން ތައްޔާރު ވެފައެވެ. ތަވައެއް ހޫނު ކުރާށެވެ. ދެން އޭގައި ½ ސައިސަމުސަލުގެ ބަޓަރުކޮޅެއް ހާކާލާށެވެ. ދެން ތަވާ މަތީގައި ރެޕްއެއް ބާއްވާލާފައި 3 މިނެޓު ނޫނީ ދެފުށަށް ކުލަ އަރާ ޗީޒް ވިރެންދެން ފިހާށެވެ. ދެން ތައްޓަކަށް ނަގާފައި މެދުން ދެ ފަޅިއަށް ކަފާލާށެވެ. ދެން ހުރި ރެޕްތައްވެސް މިގޮތަށް ފިހެލާފައި މެދުން ކަފާލާށެވެ. އެއިރުން އެހުރީ ޗިކަން ކަސަޑިއާ ހަދާ ނިމިފައެވެ.