ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ތަރިއެއް ކަމަށްވާ އާޔޫޝް ޝަރްމާ އެންމެ ފަހުން ކުޅެފައިވާ ފިލްމު "ރުސްލާން"ގައި ކުޅެފައިވާ ރޯލާއި މެދުގައި ސަލްމާން ހާން ތައުރީފު ކޮށްފިއެވެ.

އާޔޫޝްގެ "ރުސްލާން" މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، މި އެކްޝަން ތުރިލާގައި އޭނަ ކުޅެފައިވާ ވަރުގަދަ އެކްޝަން ރޯލަށް ތައުރީފުކޮށް، ޓްރެއިލާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ސަލްމާން ބުނީ ފިލްމަށް އާޔޫޝްކޮށްފައިވާ ބުރަ މަސައްކަތް ފެންނަ ކަމަށެވެ.

ބުރަ މަސައްކަތް ކޮށްގެން ކުޅޭ ފިލްމުގައި ނަތީޖާ ފެންނަ ވަރު ވެސް ރަނގަޅު ވާނެ ކަމަށް ބުނެފައިވެއެވެ.

"ރުސްލާން" އަކީ ކޭކާ ރާދަމޯހަން ޕްރޮޑިއުސްކޮށް، ކަރަން ލަލިތު ބުޓާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ ސުޝްރީ ޝްރެޔާ މިޝްރާއެވެ. "ރުސްލާން" ގެ ކާސްޓްގައި ސުނިލް ޝެޓީ އާއި ޖަގަޕަތީ ބާބޫގެ އިތުރުން ވިދިއާ މަލްވަޑޭ ވެސް ހިމެނެއެވެ.

އާޔޫޝަކީ ސަލްމާން ޚާންގެ ޅިޔަނެކެވެ. އާޔޫޝް ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ހާންއާއެވެ.

އާޔޫޝް އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ ސަލްމާން ޕްރޮޑިއުސް ކަމުގެ ދަށުން 2018 ގައި އުފައްދާފައިވާ ފިލްމު "ލަވްޔާތުރީ" އެވެ. އޭގެ ފަހުން 2021 ގައި ފިލްމު "އަންތިމް" ގައި ވެސް ސަލްމާން އާއިއެކު އާޔޫޝް ވަނީ މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު