"ފޯމިއުލާ 3" ގެ މެކާއޫ ގްރޭންޑް ޕްރީގެ ތެރެއިން ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތައް ލިބުނު މީހެއްގެ ފުރާނަ ހައިރާންކުރަނިވި ގޮތަކަށް ސަލާމަތްވެއްޖެއެވެ.

މި ހަފްތާގެ ތެރޭގައި، މެކާއޫގައި ކުރިއަށް ދިޔަ ރޭސްކާރު ދުއްވުމުގެ މި ރޭހުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ޖަރުމަނު ރައްޔިތަކަށެވެ. އޭނާގެ ނަމަކީ ސޯފިޔާ ފްލޮއޭޝް އެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ސޯފިޔާ ދުއްވަމުން ދިޔަ ކާރުގެ ކޮންޓްރޯލް ގެއްލިވަނީ މައްޗަށް އަރާ އެހެން ކާރެއްގައި ޖެހިފައެވެ. އަދި، ކޮންޓްރޯލް ނުކުރެވި ގޮސްވަނީ، ރޭސިންގ ޓްރެކުގެ އެއްފަރާތުގައި، ފޮޓޯގްރާފަރުންނާއި މާޝަލުން ތިބުމަށް ހަމަޖައްސާފައިވާ ސަރަޙައްދަށް އަރާފައެވެ. އެހެންނަމަވެސް، އެކްސިޑެންޓުގައި އޭނާ މަރުވެފައި ނުވެއެވެ. އަދި، މިއީ ވަރަށް ހައިރާންކުރަނިވި ކަމެއްކަމަށްވެސް ދާއިރާގެ ފަރާތްތަކުން ބުނެފައިވެއެވެ.

ސޯފިޔާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުން، ލިބިފައިވާ ގެއްލުންތައް އިތުރަށް ގޯސް ނުވާނެފަދައިން ކަންތައްތައް ކުރިއަށް ގެންގޮސް ފަރުވާ ދިނުމަށް މެޑިކަލް ޓީމުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި، އިއްޔެ ހެނދުނު ފެށި އޮޕަރޭޝަންވެސް ރަނގަޅަށް ކުރިއަށް ދާކަމަށް ބުނެފައިވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސޯފިޔާ ދުއްވަމުން ދިޔަ ކާރު ގޮސްފައިވަނީ ގަޑިއަކު 171. މޭލު ބާރު މިނުގައި ނުވަތަ ގަޑިއަކު 276.2 ކިލޯމީޓަރު ބާރު މިނުގައެވެ. އެފަރާތްތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ކާރު ގޮސް އެރި އެހެން ކާރެއް ދުއްވަން އިން މީހަކަށްވެސް ވަނީ އަނިޔާތަކެއް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހަމައެހެންމެ، އެސަރަޙައްދުގައި ތިބި މީޑިޔާގެ ދެ މީހަކަށާއި މާޝަލް އަކަށްވެސް އަނިޔާވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ އެތައް ނުރައްކާތެރި ޙާދިސާތަކެއް، މިފަދަ ރޭސްތަކުގައި ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު