އެބޯލާ ވައިރަސް ޖެހިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް އެބޯލާ ޖެހިގެން 245 މީހަކުވަނީ މަރުވެފައެވެ. އަދި 426 މީހަކު މިބައްޔަށް ޕޮޒިޓިވްވަނީ ވެފައެވެ. މިއީ އެބޯލާ ޖެހިގެން ދެވަނައަށް އެންމެ ގިނައިން މީހުން މަރުވި ފަހަރެވެ. އެންމެ ގިނަ މީހުން އެބޯލާ ޖެހިގެން މަރުވެފައިވަނީ 2014 ވަނަ އަހަރު ދެކުނު އެފްރިކާގައެވެ. އެފަހަރު އެބޯލާ ވައިރަސް ޖެހިގެން ޖުމްލަ 11،000 މީހުންވަނީ މަރުވެފައެވެ. ތިންވަނަ އަށް އެބޯލާ ވައިރަސް ޖެހިގެން މީހުން މަރުވެފައިވަނީ 2001 ވަނަ އަހަރު އުގެންޑާ ގައެވެ. އެއަހަރު ޖުމްލަ 224 މީހަކުވަނީ މަރުވެފައެވެ.

1976 ވަނަ އަހަރު އެބޯލާ ވައިރަސް ފުރަތަމަ ފަހަރަށް ކޮންގޯގައި ފެތުރުނު ފަހުން މިއީ އެޤައުމުގައި އެބަލި ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވި 10 ވަނަ ފަހަރެވެ.

ކޮންގޯގައި އެބޯލާ ފެތުރޭކަމަށް ރަސްމީކޮށް އިއުލާން ކުރުމުން ޑަބްލިއު އެޗް އޯ އިން އެބޯލާ ބަލިން ސަލާމަތް ވުމަށް ބޭނުންވާ ވެކްސިން އެތެރެ ކުރަމުންދާ ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

އެބޯލާ ވައިރަހަކީ ނުރައްކާތެރި ވަހިރަހެކެވެ. މިވައިރަހުގެ ސަބަބުން އިންސާނާގެ އެތެރެހަށްޓާއި ބޭރުފުށަށް ލޭފައިބާ ގޮތްވެއެވެ. ހަށިގަނޑުގައި މިވައިރަސް ފެތުރި ގިނަވާ ވަރަކަށް ހަށިގަނޑުގެ ދިފާއީބާރު ދެރަކޮށް ބަލިކޮށްލައި އަދި ގުނަވަންތަކަށް ގެއްލުންތައް ދޭންފަށައެވެ. ލޭ ގަނޑުކޮށް މަނާކޮށްދޭ ސެލްތަކުގެ ބާރުދެރަކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން މަނާނުވެ ލޭފައިބަން ފުރުސަތު ދެވެ އެވެ. އެބޯލާ ބަލީގައި މިބަލިޖެހޭ މީހުންގެ ސަތޭކައަކުން ނުވަދިހަ މީހުން މަރުވެއެވެ.