ދަރިން ހޯދައިގެން އާއިލާއެެއް ބިނާ ކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް ބައްޕައަކަށްވާން ބޭނުންވާ ކަމަށް ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ އަދި އެމެރިކާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.

"ސްޕޮޓިފައިގެ ދަ ރިވައިންޑް" ގައި ނިކް ބުނީ ދަރިން ހޯދައިގެން ހަޔާތުގެ ކުރިއަށް ހުރި ދުވަސްތައް ހޭދަކުރުމަކީ ފިރިހެނަކަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އަދި އަވަހަށް ދަރިން ހޯދައިގެން، އަމިއްލަ ހަޔާތުގެ ތަޖުރިބާގެ ވާހަކަތައް ދަރިންނާ ހިއްސާ ކުރުމަށް ބޭނުންވާ ކަމަށްވެސް ނިކް ވަނީ ބުނެފައެވެ،

"ބައްޕައަކަށް ވުމަކީ އަހަރެން ވަރަށް ބޮޑަށް ދެކެމުން އައި ހުވަފަނެއް. އުންމީދަކީ ވަރަށް އަވަހަށް ދަރިން ވެސް ހޯދުން. އަދި ޒުވާން އުމުރުގައި އަހަރެން ދެކޭ ގޮތުގައި ދަރިން ހޯދައިގެން ހަޔާތުގެ ކުރިއަށް ހުރި ދުވަސްތައް ހޭދަކުރުމަކީ ފިރިހެނަކަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް" އޭނާ ބުންޏެވެ.

މީގެ ކުރިން މަޝްހޫރު ފިލްމީ ތަރި ޕްެރިޔަންކާ ވެސް ވަނީ ވަރަށް އަވަހަށް މަންމައަކަށްވާން ބޭނުންކަމުގައި ބުނެފައެވެ. އަދި މީހަކާއި އިނދެގެން ކްރިކެޓް ޓީމެއް ހަމަވާވަރަށް ދަރިން ހޯދަން ބޭނުން ކަމުގައި ޕްރިޔަންކާ ވަނީ ބުނެފައެވެ.

މިމަހުގެ އެއް ވަނަ ދުވަހު ނިކް އާއި ޕްރިޔަންކާ ކައިވެނިކުރި އިރު އެމީހުން ވަނީ އެމީހުންގެ ކައިވެނި ހަފްލާތަށް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަދިވެސް އެދެތަރިންގެ ކައިވެނި ހަފްލާތައް އެއްކޮށް ނުނިމެއެވެ.

ކައިވެންޏަށް ފަހު ދެތަރިން ވެސް ވަނީ އެނބުރި މަސައްކަތައް ނުކުމެފައެވެ. އެގޮތުން ނިކް އެމެރިކާ އަށް ގޮސްފައިވާ އިރު، ޕްރިޔަންކާ އަންނަނީ އިންޑިއާގައި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް ކުރަމުންނެވެ. ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒް ކުރާ ހޮލީވުޑްގެ ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް"އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަފީސް

    ސޮރަށްވުރެ ކޮއެ 10 އަހަރު ބޮޑު!

  2. ޖޮއްބެ

    ހީވަނީ ދައްތަ ކައިރީގަ ކޮއްކޮ ހުންނަހެން.