އެކުގައި ކުޅޭނެ އެކުވެރިއަކަށް ހަދަން އިންޑިއާގެ ހަރިޔާނާގައި ރާމާ މަކުނެއް ކުޑަ ކުއްޖެއް ވަގަށް ނަގައިފިއެވެ.

އުމުރުން ދެ އަހަރުގެ މި ކުއްޖާ ވަގަށް ނެގުމަށް ފަހު ރާމާ މަކުނު ވަނީ މި ކުއްޖާ އަބުރާ ދިނުމަށް ދެކޮޅު ހަދާފައެވެ. އުމުރުން ދެ އަހަރުގެ މި ކުއްޖާ ފެނިފައިވަނީ މަގެއްގެ އެއް ފަރާތުގައި މަކުނަކާއި އެކު ކުޅެން އިންދައެވެ.

ކުޑަ ކުއްޖާގެ މަންމަ ދަރިފުޅު ނަގަން ދިޔުމުން މަކުނު ވަނީ ކުއްޖާ ގައިގައި ބާރަށް ބައިދައިގަނެ ކުއްޖާ ދިނުމަށް ދެކޮޅު ހަދާފައެވެ. މަކުނު ވަނީ އަނެއްކާވެސް މި ކުއްޖާ ގޮވައިގެން ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކުޅި ބަލަން ތިބި މީހުންގެ ގިނަ ކަމުން މަކުނަށް މިކަން ކާމިޔާބު ނުވީއެވެ.

މަކުނު މި ކުއްޖާ އެކު ކުޅޭ މަންޒަރު އަދި ކުއްޖާ އަބުރާ ދިނުމަށް ދެކޮޅު ހަދާ ވީޑިއޯ މިހާރު ދަނީ މީސް މީޑިއާގައި ދައުރު ވަމުންނެވެ.

https://m.youtube.com/watch?v=M2Z8ukivO5Y

އިންޑިއާގައި މަކުނުގެ އުދަގޫ ޖެހުމަކީ އާންމު ކަމެކެވެ. އަދި މަކުނު ކުޑަކުދިން ވަގަށް ނެގުންވެސް ވަނީ އާންމުވެފައެވެ. އެގޮތުން، މިދިޔަ އަހަރު ނޮވެންބަރު މަހު އިންޑިޔާގެ އާގްރާ ސަރަޙައްދުގެ ގެއެއްގެ ތެރޭގައި އޮތް ކުއްޖަކު ވެގެން ދިޔައީ ރާމާމަކުނެއްގެ ޝިކާރައަކަށެވެ. އުމުރުން އެންމެ 12 މަހުގެ މި ކުއްޖާ، ރާމާމަކުނުގެ ޝިކާރައަށް ވެގެންދިޔައީ، މަންމަގެ ގާތުގައި އޮއްވައެވެ.

ކުއްޖާގެ ބައްޕަ، އިންޑިޔާގެ ނޫސްތަކަށް ބުނެފައިވާ ގޮތުގައި ރާމާމަކުނު ހިފުމަށްޓަކައި އެމީހުން އެތައް މަސައްކަތެއް ކުރިއެވެ. ރާމާމަކުނު ހިފާ، ކުއްޖާ ދިރިހުއްޓާ ސަލާމަތްކުރުމަށް އެމީހުން އެތައް މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް އެކަން ކާމިޔާބު ވާގޮތެއް ވެފައި ނުވެއެވެ.