އިސްލާމްދީނަކީ އޯގާވެރިކަމުގެ ދީނެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ދީނެވެ. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމުގެ ސުންނަތިން ހާމަވަނީ މި ހަޤީޤަތެވެ.

މުސްލިމުންގެ ނަން ކިލަނބުކުރުމަށް ބަޔަކު ކިތަންމެ މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމުގައިވިޔަސް، ހަޤީޤީ މުސްލިމުންނަކީ އިސްވެ ފާހަގަކުރެވުނު ކަންކަމަށް އިސްކަންދޭ ބައެއްކަން ޔަޤީނެވެ. އޯގާތެރި، އެކުވެރި އެއްބައިވަންތަ ބައެއްކަން ޔަޤީނެވެ.

އެކި ދީންތަކާއި ނަސްލުތަކުގެ މެދުގައި ތަފާތުކުރުން އިންތިހާއަށް އޮތް، އަވަށްޓެރި އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު، މުމްބާއީގެ މި މިސްކިތުން ފެންނަނީ ނަމޫނާއެކެވެ. އެތައް ބައެއްގެ ތެރެއިން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބަނޑުފުރާނަ މުއްތިކޮށްލާނޭ ކާ އެއްޗެއް ދިނުމުގެ މަސައްކަތް ކުރަނީ މި މިސްކިތުންނެވެ.

މުމްބާއީގެ ބިލާލު މަސްޖިދުގައި ކޮންމެ ރެއެއްގެ އިޝާ ނަމާދަށްފަހު ކާބޯތަކެތީގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް، އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންމެ ރެއަކު ކުރެއެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ސައީދު އަޝްރަފު މުއީން ޤުއަދްރީ ބުނެފައިވާ ގޮތުގައި، ކާއެއްޗެއްސަށް ބޭނުންޖެހިގެން އަންނަ ކޮންމެ މީހަކަށް އެފަރާތުން ދެނީ ޕާރުސަލެކެވެ. މި ޕާރުސަލުގައި ތިން ރޮށްޓާއި ސަބްޒީ އަދި އަސާރަ ހުރެއެވެ.

މި ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތްވެސް، ހިލޭ ސާބަހަށް މުސްލިމުން ކުރާއިރު، ކާތަކެތި ދިނުމުގައި މީހުންގެ މެދުގައި ތަފާތެއް ނުކުރެއެވެ. އެއީ ކޮންމެ ދީނެއްގެ މީހަކަސް، ކޮންމެ ފަންތިއެއްގެ މީހެއްވިޔަސް، އެއީ އޭގެ ބޭނުންޖެހިފައިވާ މީހެއްނަމަ، އެކަމުގައި ތަފާތެއް ނުކުރެއެވެ. ހަމައެހެންމެ، ކާތެކަތި ހުންނަނީ ވެޖިޓޭރިއަން އަދި ނޮން-ވެޖް ބަޔަށް ބަހާފައިވެސްމެއެވެ.

ކޮންމެ ރެއަކަށްވެސް ތައްޔާރުކުރާ ބާވަތްތައް ގިނަ ވެއްޖެކަމުގައިވާނަމަ، މިސްކިތް ހިމެނޭ ސަރަޙައްދުގެ މީހުންނަށް އެތަކެތި ބަހައެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި މިކަމަށް ހިތްވަރު ލިބުނީ ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމުގެ ސުންނަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު