ކެންސަރު ބަލިން ސަލާމަތްވުމަށްޓަކައި ޗައިނާގެ ޒިއާން ސިޓީއަށް ނިސްބަތްވާ އަންހެނަކު ފުޅިއެއްގެ ފުރާހުރި ފުޅަ ކައިފިއެވެ.

ކެންްސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ އެ އަންހެން މީހާ ފުޅަ ކައިފައި ވަނީ މީހަކު ބުނި ބުނުމަކަށެވެ. ފުއްޕާމޭގެ ކެންސަރު ޖެހިގެން މީގެ ތިން އަހަރު ކުރިން ފެށިގެން އެ އަންހެން މީހާ ދިޔައީ ފަރުވާ ހޯދަމުންނެވެ.

ލިި ނަމަކަށް ކިޔާ އެ އަންހެން މީހާ، މީގެ މަހެއްހާ ދުވަސް ކުރިން ފުޅަ ކެއުމަށްފަހު ބަނޑުގައި ރިއްސާތީ ނުނުދިގެން އުޅުނެވެ. އެކަން ދެ ހަފްތާއަށް ދެމިގެން ދިއުމުން އޭނާ ނިންމީ ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ. އެހެންވެ އޭނާ ޑޮކްޓަރަށް ދެއްކިއެވެ.

2016 ވަނަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ލި ޑޮކްޓަރަށް ދެއްކުމުން ފުރަތަމަ ބެލެވުނީ، ކެންސަރު އޭނާގެ ހަށިގަނޑުގެ ތެރެއަށް ފެތުރިގެން ދަނީ ކަމަށެވެ. އެހެން ނަމަވެސް ތަހުލީލުތަކުން އޭނާގެ ހަށިގަނޑުގެ ތެރެއަށް ކެންސަރު ފެތުރިގެން ނުދާކަން އެނގިގެން ދިޔައެވެ.

އިތުރަށް ލިއަށް ދިމާވާ މައްސަލަ ބެލުމަށް ހެދި ތަހުލީލުތަކުން އެ މީހާގެ ހަށިގަނޑު ތެރެއިން ފުޅަ ފެނިފައިވާކަަމަށް ޑޮކްޓަރުން ބުންޏެވެ. އަދި ލި ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އޭނާ ފުޅަ ކެއި ކަމަށް އެއްބަސްވެފައެވެ.

އޭނާ ބުނީ، އޭނާގެ ރަހުމަތްތެރިއަކު ފުޅަ ކައިގެން ކެންސަރު ސަލާމަތްވި ކަމަށް ބުނުމުން، އޭނާވެސް އެގޮތަށް ކަންތައް ކުރަން ބޭނުންވީ ކަމަށެވެ.

އެ ވާހަކަތައް އަޑުއެހުމަށްފަހު ޑޮކްޓަރު ވަނީ ލިއަށް ބޭސް ދީފައެވެ. އަދި އެއް ދުވަސް ތެރޭގައި އޭނާގެ ބަނޑުގައި ރިއްސުން ވަނީ ރަނގަޅު ވެފައެވެ.