2012 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާއިން ބޮލީވުޑްއަށް ތައާރަފް ވެގެންދިޔަ މަޝްހޫރު ޑައިރެކްޓަރ ވިކްރަމް ބަޓްގެ ދަރި އާލިއާ ބަޓްއަކީ މިހާރު ބޮލީވުޑްގެ އެންމެ ކުޅަދާނަ ޒުވާން ތަރިންގެ ލިސްޓްގައި އުޅޭ އެއް ބަތަލާއެވެ. ބޮލީވުޑްގެ އިތުރުން އާލިއާ އަށް ވަނީ ޓެލޫގޫ ފިލްމަކުން ވެސް ފުރުސަތު ލިބިފައެވެ. މިއީ އެނާ ޓެލޫގޫ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ފުރަތަމަ ފަހަރަށް ޓެލޫގޫގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫކަމެއްކަމަށް ގަބޫލުކުރަމުން އާލިއާ ބުނެފައިވަނީ ކޮންމެ ކަމެއްވެސް ފުރަތަމަ ފަހަރު ކުރާއިރު އުނދަގޫވާނެކަނެ ކަމަށެވެ. ނަމަވެސް އެފަދަ ފުރުސަތަކަށް ވެސް ތައްޔާރު ކަމަށް އޭނާ ބުނެފައިއެވެ.

ހަމަ އެހެންމެ، އުމުރުން 26 އަހަރުގެ އާލިއާ ވަނީ އޭނާ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ހާމަކޮށްފައެވެ. އަދި އޭނާގެ މި އުންމީދުގައިވެސް ވަރަށް އަވަހަށް ކުލަޖެހި މިފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށްވެސް އާލިއާ ވަނީ ބުނެފައިވެއެވެ.

ބޮލީވުޑުން ވިދާލި ބަތަލާ ޕްރިޔަންކާ ޗޮޕްރާގެ އިތުރުން ބަތަލާ ދީޕިކާ ޕަޑުކޯން ވެސް އަންނަނީ ހޮލީވުޑްގައި މަސައްކަތް ކުރަމުން އެވެ.

ދެން އާލިއާ އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ބުދަ ދުވަހު ނެރުމަށް ހަަމަޖެހިފައިވާ ފިލްމު ކަލަންކް އިން އެވެ. އަދި އެ ފިލްމަށް ފަހު އާލިއާ ފެނިގެންދާނީ އޭނާގެ ލޯބިވެރިޔާ ރަންބީރް އާއި އެކު ބްރަހްމަސްތްރާ އިން އެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުގައެވެ. އޭގެ އިތުރުން، ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "އިންޝާﷲ" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އާލިއާއަށް މިހާރު ވަނީ ލިބިފައެވެ.