ބޮލީވުޑްގެ މަޝްހޫރު ބަތަލް ވިިކީ ކޯޝަލް ފެނިގެންދިޔަ "އޫރީ: ދަ ސާޖިކަލް ސްޓްރައިކް" އަކީ މިއަހަރުގެ ފުރަތަމަ އެންމެ ބޮޑު ހިޓް އެއް ފިލްމެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަމުން އަންނަތާ 100 ދުވަސް ވެއްޖެއެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ލިޔެ/ޑައިރެކްޓް ކުރި މި ފިލްމު ނެރެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. މި ފިލްމުގެ ބަތަލެއްގެ ގޮތުގައި ވިކީ ކޯޝަލް ފެނިގެން ދެއެވެ.

އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ވިކީ ފެނިގެންދާ "އުރީ" އަކީ 2016 ގައި ޕާކިސްތާނުގެ ޓެރިސްޓް ޖަމާއަތަކުން އިންޑިއާ އަށް ދިން ހަމަލާއެއްގައި އެ ގައުމުގެ 19 ސިފައިން މަރައިލި ހާދިސާގެ ރައްދުގައި އިންޑިއާގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަށް ކްރިޓިކުން ބެލުންތެރިންގެ ލޯބި އިންތިހާއަށް ލިބިގެން ދިޔައިރު، އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އާދީއްތަ ދުވަހާ ހަމައަށް 336.97 ކްރޯޑް ރުޕީސް އަށް އަރައިފައެވެ. "އުރީ" އަކީ އެންމެ 45 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ރޯނީ އާއި އަދިތިޔާ މިހާރު ވަނީ ވިކީ ހިމަނައިގެން އިންޑިއާގައި މިހާތަނަށް ހަދާނެ އެންމެ ބޮޑު އެއް ސުޕަހީރޯ ފިލްމު ވެސް އިއުލާންކޮށްފައެވެ.

"އުރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޔާމީ ގޯތަމް، ކިރިތީ ކުލްހާރީ، ޕަރޭޝް ރާވަލް އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު