އިންތިޚާބުތަކުގައި ފަސޭހަކަމާއި އެކު ބޭނުންކުރެވޭ ފަދަ ސޮފްޓްވެއާއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނި، މައިކްރޮސޮފްޓުން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުގައި، މި ސޮފްޓްވެއާ އަކީ އެމެރިކާގައި ކުރިޔަށްގެންދާ އެތެރޭގެ އިންތިޚާބުތަކަށް ޚާއްސަކޮށްގެން، އޮޅުވާލުންތަކަށް ޖާގަނުދީ ފަސޭހަކަމާއެކު ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށްގެން އިންތިޚާބުތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ފަރުމާކުރާ ސެކިއުރިޓީ ރަނގަޅު ސޮފްޓްވެއާއެއް ކަމަށެވެ.

މައިކްރޮސޮފްޓުން ބުނެފައިވަނީ، މި ސޮފްޓްވެއާ ފަރުމާ ކުރަނީ ސެކިއުރިޓީ ރަނގަޅު ވޯޓިންގ ސިސްޓަމްތަކެއް އުފެއްދުމަށް ކޮންޓްރެކްޓެއްގެ ދަށުން އެމެރިކާގެ ދިފާއީ މައި މަރުކަޒު، ޕެންޓެގަންގެ ރީސާޗް އޭޖެންސީން ހަވާލުކޮށްފައިވާ ކުންފުންޏަކާއި ގުޅިގެން ކަމަށެވެ.

މައިކްރޮސޮފްޓުން މިހާރު ތައްޔާރުކުރާ ސޮފްޓްވެއާއަށް ދީފައިވާ ނަމަކީ "އިލެކްޝަން ގާޑް" އެވެ. އެމެރިކާގައި ކުރިޔަށްދިޔަ ޑިވަލޮޕަރުންގެ ކޮންފަރެންސެއްގައި އެ ސޮފްޓްވެއާ ފަރުމާކޮށް ތައްޔާރުކުރަމުންދާކަން އިއުލާނުކޮށްފައިވަނީ މައިކްރޮސޮފްޓުގެ ސީއީއޯ ސަތިއަ ނަޑެއްލާއެވެ.

މައިކްރޮސޮފްޓުން ބުނިގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އޮޕެން-ސޯސް ސޮފްޓްވެއާއެއްގެ ގޮތުގައި ޓެސްޓު ކުރުމަށް ހިލޭ މި ސޮފްޓްވެއާ ނެރޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނެރަލް އިލެކްޝަން އަންނަންވާއިރަށް މި ސޮފްޓްވެއާގެ މަސައްކަތް އެކީގައި ނިމި ތައްޔާރުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނިގޮތުގައި މިފަދަ ސޮފްޓްވެއާއެއް އިންތިޚާބުތަކުގައި ބޭނުންކުރުމަކީ އެ އިންތިޚާބުގައި ބައިވެރިވާ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ބައެއް ކަހަލަ ބަދަލުތައް ސޮފްޓްވެއާ މެދުވެރިކޮށް ގެންނަ ނަމަ އެކަން ރެކޯޑު ކުރެވި ބައެއް ބަދަލު ގެނައުމަށް ޕްރޮގްރާމުން ފުރުސަތު ލިބިގެން ނުދާނެ ކަމީ ވޯޓުގެ ސައްޙަކަން އިތުރުވާނޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މައިކްރޯސޮފްޓުން އީސީ ޝަރީފް ގެންގޮސް އަޕްލޯޑުކުރަންވީނު! އެއީ ހުރިގޮތަށް ހުރި ސޮފްޓްވެއަރއެއް! ބޭނުން ވައްތަރެއްގެ މަކަރެއް ހަދާލަދޭނެ!