ސައިންޓިސްޓުން ވަނީ ދުނިޔޭގެ އެންމެ އަޑު މަޑު ކޮޓަރި ހަދާފައެވެ. އަދި އެ ކޮޓަރީގައި އެއްވެސް މީހަކަށް ގަޑިއިރަކަށް ވުރެ ގިނަ އިރަކު ނުހުރެވޭނެއެވެ.

މި ތަނުގެ ތެރޭގައި އަމިއްލަ ލޭ ދައުރު ކުރާ އަޑުވެސް އިވޭ، މި ކޮންކްރީޓް ކޮޓަރި އަކީ ދުނިޔޭގެ އެންމެ އަޑުމަޑު ކޮޓަރީގެ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑުންވެސް ވަނީ ބަލައިގަނެފައިވާ ތަނެކެވެ.

މިތަން ހަދާފައި ހުންނަނީ އެމެރިކާގެ ވޮޝިންގްޓަންގެ ރެޑްމަންޑުގައި ހުންނަ މައިކްރޯސޮފްޓްގެ މައި އޮފީހުގެ ތެރޭގައެވެ. މިތަނުގެ ބެކްގްރައުންޑް އަޑު ހުންނަނީ އިންސާނުންގެ ކަންފަތަށް އިވުމުގެ ގާބިލުކަން ލިބިފައިވާ މިންގަނޑަށް ވުރެ 20 ޑެސިބަލް ދަށުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ކޮޓަރީގެ ތެރޭގައި ގަޑިއަރަކަށް ވުރެ ގިނައިރު ހުންނާކަށް އެއްވެސް މީހަކަށް ކެރިފައެއް ނުވެއެވެ.

ނަމަވެސް ގިނަ އިރު މިތަނުގައި ހުރެވިއްޖެނަމަ، އަމިއްލަ ހިތް ތެޅޭ އަޑު އިވޭނެ ކަމަށް ވެއެވެ. އަދި ކަންފަތް ބީރުވާފަދަ އަޑެއް ކަންފަތުގެ ތެރެއިން އިވޭނެ ކަމަށްވެސް ވެއެވެ. އަދި ހަރަކާތް ކުރާ އިރު، ކަށިތައް ފުނޑޭ ކަހަލަ އަޑުވެސް އިވޭނެއެވެ. އަދި އެންމެ ފަހުން ބެލެންސް ގެއްލި، ހަރަކާތް ކުރަން ދަތިވެގެން ދާނެއެވެ.

މި ކޮޓަރިއަށް "އެނެކޯއިކް" ކޮޓަރިއޭވެސް ކިޔައެވެ. އެއީ މި ކޮޓަރީގައި އެއްވެސް ވަރަކަށް އެކޯ ނުއުފައްދާތީއެވެ.

މިއީ ދުނިޔޭގެ އެންމެ އަޑު މަޑު ކޮޓަރި -- ފޮޓޯ: މައިކްރޯސޮފްޓް

2015 ވަނަ އަހަރު އިމާރާތް ކުރި މި ކޮޓަރީގައި، މިހާތަނަށް ގަޑިއަކަށް ވުރެ ގިނަ އިރު އެއްވެސް މީހަކަށް ކޮޅަށް ހުރެވިފައެއް ނުވެއެވެ. މިކަމަށް ރަސްމީ މުބާރާތެއް ކުރިއަށް ގެންގޮސްފައި ނުވިޔަސް، މި ކޮޓަރި ޑިޒައިން ކުރުމުގައި ހަރަކާތްތެރިވި މައިގަނޑު ފަރާތް ކަމަށްވާ ހަންޑްރާޖް ގޯޕާލް ބުނެފައިވަނީ، މި ކޮޓަރީގައި އެެންމެ ގިނަ އިރު މީހަކަށް ހުރެވިފައިވަނީ ގާތްގަނޑަކަށް 55 މިނެޓް ކަމަށެވެ.

އެހާ އަޑުމަޑު ކޮށް އެ ކޮޓަރި ތައްޔާރު ކުރަން ގާތްގަނޑަކަށް 2 އަހަރު ދުވަސް ނެގިއެވެ. އެ ކޮޓަރި ޑިޒައިން ކޮށްފައި ހުންނަނީ ފިޔަލެއް ހުންނަ ފަދަ ގޮތަކަށް، ހަ ފަށަލައިގެ ކޮންކްރީޓާއި ސްޓީލް ބޭނުން ކޮށްގެންނެވެ. އެއާއެކު އިމާރާތާއި އެ ކޮޓަރިއާއި މުޅިން ވަކިވެގެން ދެއެވެ.

ދުނިޔޭގެ އެންމެ އަޑު މަޑު ކޮޓަރީގެ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑްސްގެ ލަގަބު ކުރިން އޮތީ މިނިއަޕޮލިސް ގައި ހަދާފައި ހުރި ކޮޓަރިއަކަށެވެ. އެތަނުގެ އަޑުގެ ދަރަޖަ އުޅެނީ -9.4 ޑެސިބެލްސް ގައެވެ.

މައިކްރޯސޮފްޓްގެ މި ކޮޓަރީގެ އަޑުގެ ދަރަޖަ އުޅެނީ -20.3 ޑެސިބެލްސް ގައެވެ. މާނައަކީ އިންސާނާއަށް އަޑު އިވުމުގެ ކުޅަދާނަކަން ލިބިފައިވާ މިންގަނޑަށްވުރެ 20.3 ޑެސިބަލް ދަށުގައެވެ.

އާދައިގެ ކޮޓަރިއެއްގައި 10 ޑެސިބަލް ގައި މަޑުމަޑުން ނޭވާ ލާ އަޑު އިވޭނެއެވެ. އަދި 30 ޑެސިބަލްގައި ވައިއަޑުން ވާހަކަ ދައްކާ އަޑު އިވޭނެއެވެ. -23 ޑެސިބަލް ގައި ވައިގެ އެއް މޮލެކިއުލް އަނެއް މޮލެކިއުލާއި ޖެހޭ އަޑު އިވޭނެ ކަމަށްވެއެވެ.

އެހެން އެނެކޯއިކް ކޮޓަރި ތަކެކޭ އެއްގޮތަށް، މި އަޑު މަޑު ކޮޓަރިވެސް ބޭނުން ކުރަނީ ސައުންޑުގެ އާލާތްތަކާއި، އިލެކްޓްރޯނިކް އާލާތްތައް ޓެސްޓު ކުރުމަށެވެ. އެގޮތުން މައިކްރޯސްފްޓް ގެ އާ ކޮމްޕިއުޓަރުގެ އާލާތްތަކާއި، މައިކްރޯފޯނާއި، ހެޑްފޯނާއި، ސްޕީކަރު ތަކުގައި ހުންނަ އިތުރު އަޑުތައް ދެނެގަތުމަށް މި ކޮޓަރި ބޭނުން ކުރެއެވެ.

މި ކޮޓަރީގެ ޑިޒައިނާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޯޕާލް ބުނެފައިވަނީ ބައެއް މީހުންނަށް އެއްވެސް އަޑެއް ނީވުމުން ކަންފަތް ބީރުވާ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށާއި، ކަންފަތް ފުރިފައި ހުންނަ ކަހަލަ ގޮތެއްވެ، އަދި ބައެއް ފަހަރު ކަންފަތުގެ ތެރޭގައި ފާޑެއްގެ ރަނގަބީލުގެ އަޑެއްވެސް އިވޭ ކަމަށެވެ. އަދި ވަރަށް މަޑު އަޑުތައްވެސް ސާފުކޮށް އިވިގެންދާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"ބޯ އެއް ފަރާތަށް އަނބުރާލާ އިރު، އެ ހަރަކާތުގެ އަޑުވެސް އިވިގެން ދާނެ. އަދި އަމިއްލަ އަށް ނޭވާ ލާ އަޑުވެސް އިވޭނެ، އަދި އެ އަޑު އިވޭނީ ފުދޭ ވަރަކަށް ބާރަށް." ގޯޕާލް ބުނެފައިވެއެވެ.