ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ ވީޑިއޯ ގޭމަކީ، ޕްލޭޔާ އަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ) އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ހިތްދަމައިގަނެ މި ގޭމުގެ އަވައިގައި ޖެހިގެން ދިޔައިރު، ގޭމުގެ ސަބަބުން ނޭދެވޭ އަސަރު ގިނަ ބަޔަކަށް ކުރަމުންދާ ކަމަށް ބުނާ ވާހަކަ ފެތުރިފައި ވެއެވެ. މި ސަބަބަށްޓަކައި ބައެއް ޤައުމުތަކުން މި ގޭމް ކުޅުން މަނާކޮށް، ގޭމް ނުކުޅެވޭގޮތް ވެސް ހަދާފައި ވެއެވެ. އޭގެ ތެރޭގައި ޗައިނާވެސް ހިމެނުނެވެ.

ޕަބްޖީއަކީ، އޭގެ ސަބަބުން އެކަކު އަނެކަކާއި ދެމެދު ނަފްރަތުވުން އުފެދި ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަމަށް މީހުން ހިއްޖައްސުވައި އެފަދަ ކަންކަމަށް ހިއްވަރުލިބެން މަގުފަހި ކުރުވާ ގޭމެއް ކަމުގައި ދައްކަމުންދިޔަ ވާހަކަތަކަށް ޗައިނާ ދިން ޖަވާބަކީ މިއީއެވެ. އެޤައުމުގައި މިހާރުވަނީ ސެންސަރޝިޕް މިންގަނޑަށް ފެތޭގޮތަށް ކުޅެވޭނެ ޕަބްޖީ ގޭމެއް ތަޢާރަފްކޮށްފައެވެ. އެއީ ޗައިނާގައި ކުޅުމަށް ޚާއްސަކޮށްގެން ނެރެފައިވާ ޕަބްޖީގެ "ސުލްޙަވެރި" ވާޝަނެކެވެ. ޗައިނާގެ ޑިވަލޮޕަރުންތަކެއް އުފެއްދި މި ގޭމަށް އެތައް ބައެއްގެ ނަޒަރު މިހާރު ހުއްޓިފައިވާއިރު، އެންމެ ތަފާތު ކަމެއްގެ ގޮތުގައި ގޭމުން ފެނިގެން ދަނީ ހަނގުރާމައެއްގެ ތެރެއިން މަރުވެދާ ކޮންމެ މީހަކު، މަރުވުމުގެ ކުރިން ސުލްޙަވެ "ޓާޓާ" ކިޔާ މަންޒަރު ފެނިގެން ދިއުމެވެ.

"ގޭމް އޮފް ޕީސް"ގެ ނަމުން ނަން ދީ، ޗައިނާގައި ނެރެފައިވާ މި ގޭމަކީ ޕަބްޖީގެ އަސްލު ގޭމާއި އާއި ދާދި އެއްގޮތަކަށް ހަދާފައިވާ ގޭމެކެވެ. މި ގޭމުގައިވެސް ޕަބްޖީގެ އަސްލު ގޭމުގައި ކުރާން ޖެހޭ ކަންކަންތައްތަކާއި މެޕު އަދި ގޭމުގައި ފެންނަ ތަކެތި ތަފާތެއް ނުވެއެވެ. ނަމަވެސް ގޭމުން ފެނިގެންދާ ބައެއް ހަތިޔާރާއި އުޅަނދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައި ވެއެވެ. އަދި މުޅި ގޭމުގައި ބޭނުންކޮށްފައި ވަނީ ޗައިނާގެ ބަހެވެ. ނަމަވެސް މިގޭމުވެސް މެނޭޖް ކުރަނީ ޕަބްޖީގެ އަސްލު ގޭމް މެނޭޖުކުރާ ޓެންސެންޓް ކުންފުނިންނެވެ. ހަމަ އެހެންމެ ޕަބްޖީގެ އަސްލު ގޭމުގެ އެކައުންޓުތައް "ގޭމް އޮފް ޕީސް"ގެ އެކައުންޓަށްވެސް ބަދަލުކޮށްގެން ލެވެލް އަދި ރޭންކަށް ބަދަލެއް އައުމެއް ނެތި ކުޅެވެއެވެ.

"ގޭމް އޮފް ޕީސް" އުފެއްދި ކްރާފްޓަން ކުންފުނިން ބުނެފައިވާގޮތުގައި، މި ގޭމަކީ ހަނގުރާމައިގެ ގޭމެއް ކަމުގައި ވީނަމަވެސް، ގޭމު ކުޅޭ ފަރާތްތަކަށް އެދެވޭ އަސަރުތަކެއް މި ގޭމުން ކުރުވާނެ އެވެ. އަދި ޗައިނާގެ އާންމު މިންގަނޑުތަކަށް މި ވާޝަންގައި ގެނެސްފައިވާ ބަދަލުތައް ފެތޭނެ ކަމަށާއި، ދެކޮޅުވެރިކަމާއި އެކު ކުރި ހޯދުމަށް މަސައްކަތް ކުރާ ކުރުމުގައިވެސް ސުލްޙަވެރިކަން އިސްކުރުމަށް މި ގޭމުން ހިއްވަރު ލިބޭނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ޕަބްޖީއަކީ ހަނގުރާމައިގެ މައިދާން ސިފަކޮށް، ހަނގުރާމަ ކުރާ ގޭމެކެވެ. މި ގޭމުގައި ގުރޫޕްކޮށް ކުޅެވޭއިރު، ޓީމުގެ ބައިވެރިންނާއި ގޭމުގެ ޒަރިއްޔާއިން އަނގަބަހުން ވާހަކަ ދެއްކެއެވެ. މި ގޭމަކީ 23 މާރިޗް 2017 ގައި ނެރެފައިވާ ގޭމެކެވެ. ފޯނުންވެސް ކުޅެވޭ މިގޭމަކީ ވަރަށް ފަސޭހައިން ދެވިހިފާ ގޭމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ސަތޭކަ މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑް ކޮށްފައިވާ މަޝްހޫރު ޕަބްޖީ ގޭމް ކުޅެގެން އާންމު ދިރިއުޅުމަށް އަސަރުކުރާ ކަމަށް ބުނެ ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ. އަދި މި ގޭމުގެ މައްސަލަތަކުގައި އިދާރާތަކައް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާކަމަށް ވެސް ވެއެވެ.