ބާބު 3 - ނޭނގިވެވޭ އިޙްސާސެއް މީ

"މަ އޭރުވެސް ބުނީމޭ މިރޭ މަ ކާނީ ބޭރުންނޭ!" މޯނާގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ގަދަވަމުން ދިޔައެވެ. "އެކަމަކު ނޭނގޭކަމަށް ހަދާފަ ރުހާމް އަންނައިރަށް ކާން އެރުވީނު އެ! މަ ތައްޔާރުވެގެން އިންކަން މީނައަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ! ކޮންމެ ކަމަކުން ޖެއްސުންކުރަން ތެޅޭ އަންހެނެއް މީ!"

"މޯނާއަށް ހަމަ ސާބަހޭ!" ރުހާމް އިންތަނުން ކުއްލިއަކަށް ތެދުވީ ޒީކަށް ބަލަމުންނެވެ. އަދި ނިކަން ބާރަށް މޯނާއާ ދިމާއަށް އަޔެވެ. "އޭނައަށް ކިހިނެއްތަ އެނގޭނީ މޯނާ ބޭރަށް ދަނީ މަ ގޮވައިގެންކަމެއް؟"

"އާނ! އެނޭނގުނީތާ! އެހެނެއްނު ވާނީ މިގޭގަ އެހާ މީހުން ގިނަ ވީމަ!" މޯނާ އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. "މަތަނަކަށް ދަންޔާ ދާނީ ހިސާބުގަނޑު މީހުން ގޮވައިގެން ވީމަ އެ ނޭނގުނީ! ރުހާމް ގޮވައިން ތަންތަނަށް ދާނީ އޭނަ ވީމަ ހަމަ ރަނގަޅަށް ވެސް ނޭނގުނީ އެ!"

"ހުއްޓާލާ!" ރުހާމް ނިކަން ބާރަށް ބުންޏެވެ. "ކޮންމެސް އެއްޗެކޭ ކިޔައިގެން އަބަދުވެސް އަރާރުން ވާނެ މޮޅު ގޮތެއް ހޯދަންވާނެ! މިރޭ ހަމަ ބޭރުން ކާން ވާނީ! ނިކަން ރަނގަޅަށް މި ފަހަރު ކާންދޭނަމޭ!"

ރުހާމް މޯނާގެ އަތުގެ ކުޑަހުޅާ ހިސާބުގައި ހިފައި ހިނގައިގަންނަން އުޅުނު ވަގުތު މޯނާ އެ އަތް ފޮޅުވައިލިއެވެ.

"މިރެޔަށް ވާވަރަށް ކެވިއްޖެ. ބަނޑުފުރިއްޖެ." ޒީކްއާ ދިމާއަށް ކަޅިއަޅާލައިފައި މޯނާ ބަދިގެއިން ނުކުމެގެން ދިޔައީ ރަބަރަށް ވާންކޮށް ދޫކޮށްލި އުންޑައެއްހެންނެވެ.

ރުހާމް އަތުގެ އިނގިލިތަކުން ނިތުގައި ބާރަށް ހިފައިލަމުން ބަލާލީ ޒީކްއަށެވެ. އިސްޖެހުނު ގޮތަށް ގަބުވެފައި ހުރި ޒީކްގެ ދެކޮނޑުގައި ރުހާމް އަތް ޖައްސައިލީ ދެތިން ފަހަރު ގޮވައިލުމުން ވެސް ޒީކްގެ ފަރާތުން ޖަވާބެއް ނައުމުންނެވެ. ޒީކް އިސްއުފުލާލީ ލަސްލަހުންނެވެ. އެ ދެލޮލުގައި މުތީތަކެއްހެން ވިދަމުން ދިޔަ ކަރުނަ ފެނިފައި ރުހާމްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހިތުގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. ރުހާމަށް ކުރެވުނުހާ ވެސް ކަމަކީ ދެއަތަށް ބޯ ހޫރުވާލުމެވެ.

"ދައްތަ އަޅުގަނޑުދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންތަ؟" ކުރެހިފައިވާ އަޑަކުން ޒީކް އެހިއެވެ.

ރުހާމް ބަލަބަލާ ހުއްޓާ ޒީކްގެ ދެލޮލުގެ ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ގިނަވެ، ބަރާވެގެން ގޮސް ކޯތާފަތްމަތިން ތިރިޔަށް ދެމިގެން ދިޔައެވެ. ރުހާމަށް އެ މަންޒަރު ބަލަން އުނދަގޫވެގެން މޫނު ދުރަށް އަނބުރާލިއެވެ.

"ބުނެބަލަ! ކީއްވެގެންތަ؟" ޒީކް ބުނިއަޑު އިވުނެވެ. ރުހާމަށް އެ ސުވާލުގެ ޖަވާބުދޭކަށް ފަސޭހައެއް ނޫނެވެ. އޭނާ ގަސްތުކުރީ ހަނު ހުންނާށެވެ. އިރުކޮޅަކުން އިވުނީ ޒީކްގެ ގިސްލުމުގެ އަޑެވެ.

"އަޅުގަނޑު މިގެއިން ދާންވީ ކަންނޭނގެ!" ޒީކް އެހެން ބުނި އަޑު އިވުމާއެކު ރުހާމް ސިހިފައި ބަލާލިއެވެ. މިފަހަރު ރުހާމަށް ކެތެއްނުކުރެވުނެވެ. ދެއަތުން މޫނު ފޮރުވާލައިގެން ރޯންހުރި ޒީކްއާ ކައިރިއަށް ޖެހިލެވުނެވެ. އަދި ޒީކްގެ ބުރިކަށިމަތީގައި އަތް އަޅުވާލައި ގަޔާ ކައިރިކޮށް މޭގައި ލައްކޮށްލިއެވެ. ޒީކް ދެއަތް ތިރިކޮށްލުމަށްފަހު ދެއަތުގެ ތެރޭގައި ރުހާމްގެ އުނަގަނޑު ހައްޔަރުކޮށްލިއެވެ. އަދި އެ ތަނަވަސް މޭމަތީގައި ބޯ އަޅައިލީ ގިސްލެވެމުން ދިޔަ ހާލުގައެވެ. ރުހާމްގެ ފައިކޮޅުން ފެށިގެން ބޮލާއި ހަމައަށް އައްސިވެގެން ދިޔަވަގުތު ހުރިހާ ހިއްސުތަކެއް ގަނޑުވި ކަހަލައެވެ. އެ ދެމެދުގައި ވައިރޯޅިއަކަށް ވެސް ދެމިގަނެވޭނެހާ ޖާގަނެތި، އެގޮތަށް ޖެހި ފިތިފައި ތިބުމުން ރުހާމަށް ކުރެވެމުން ދިޔަ އިޙްސާސް ޚުދު ރުހާމަށް ވެސް ނޭނގެއެވެ. އެހެން ތިއްބައި ރުހާމަށް މޭމަތިން ހޫނުކަމެއް އިޙްސާސް ކުރެވުނެވެ. ޒީކްގެ ލޮލުން ފައިބަމުން އައި ކަރުނަ އޭނާގެ ގަމީހަށް ފޭދެމުން ދިޔަކަން އެނގުނީ ދެނެވެ.

"ޒީ ހުންނަން ވާނީ މިގޭގަ!" ޒީކްގެ ބޮލުގައި ރުހާމްގެ ތުންފަތް ޖައްސައި ބާރުކޮށްލިއެވެ.

ޒީކްގެ ރުއިމަށް ކުޑަވެސް ބަދަލެއް ނައުމުން ރުހާމް ޒީކްގެ ކޮނޑުގައި ހިފަހައްޓާލަމުން ހަށިގަނޑާ ކުޑަކޮށް ދުރުކޮށްލިއެވެ. ޒީކްގެ ދަތްދޮޅީގައި އަތްޖައްސާ ހިއްލާލީ އެއަށްފަހުއެވެ. އިޒުނަ ހޯދުމެއްނެތި އޭނާގެ ދެއަތުން ޒީކްގެ ކޯތާފަތް ފޮރުވާލިއެވެ. އަދި އަތުގެ ބޮޑުވާ އިނގިލިން ވަރަށް ލޯތްބާއެކު ކަރުނަތައް ފޮހެލަދިނެވެ.

"ޒީ! ތިކަމާ ދެރަވެ ރޯނެ ކަމެއް ނެތް! މޯނާ އެހެން ވާހަކަ ދައްކާނީ އޭނައަށް ނުވިސްނޭތީ! މަގޭ ދެކެ ކަންތައްތަކާ އައިސްފަ ހުނަ ރުޅި ޒީއަށް އެ ބާލުވާލަނީ! ޒީއަށް ވެސް މިހާ ދުވަސް ވީއިރު މޯނާގެ އެ މިޒާޖު ގަނޑު ދަސްވެއްޖެއްނު!" ޒީކްގެ މަޑުމަޑު ކޯތާފަތްމަތީ ރުހާމްގެ އިނގިލި ކާއްތައިލަމުން ވަރަށް އޯގާތެރިކަމާއި އެކު ބުންޏެވެ.

"ދައްތަ ޒީދެކެ އެހާ ރުޅި އަންނައިރު ވެސް ހާމްބެ ޒީއަށް ތިހާ ރަނގަޅީ ކީއްވެގެންތަ؟" ޒީކް ކޮށްލި ސުވާލާއެކު ރުހާމްގެ ހަރަކާތް ހުއްޓުމަކަށް އައެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރު ސީދާކޮށްލިއެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ޒީކް ހުރިހާކަމެއް މަތިން ހަނދާންނެތުނު ކަހަލައެވެ. ފުރަތަމަ ފަހަރަށް ރުހާމްގެ ތޫނު ދެލޮލަށް ގެއްލިފައި އޭނާއަށް ހުރެވުނީ އެލޮލުން ފެންނަމުންދިޔަ އަސަރު ދެނެގަތުމުގެ ބޭނުމުގައެވެ. އެދެލޮލުން ތަފާތު ޖަޒުބާތެއް ފެންނަން ހުރި ހެން އޭނާއަށް މި ހީވަނީ ކީއްވެގެން ހެއްޔެވެ؟ ޒީކް ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ރުހާމް މަޑުމަޑުން ހުރެފައި، ކުޑަކޮށް ތިރިވެލައި ޒީކްގެ ނިތުގައި ރުހާމްގެ ތުންފަތް ޖައްސައިލިއެވެ. ޒީކްގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅު ބާންޏެއް ދުވެލި ވަގުތު ކުއްލިއަކަށް ދުރަށް ޖެހެވުނީ ރުހާމްގެ މޭގައި ދެއަތް އަޅާ މަޑުމަޑުން ކޮށްޕައި ލަމުންނެވެ. ރުހާމަށް ހެދުނު ގޯސް ހިތަށް އެރުމާއެކު މޫނުމަތިން ލަދުވެތިކަން ފާޅުވިއެވެ. ޒީކްގެ މުޅި މޫނުމަތި ރަތްވެގެން ގޮސް ލަދުވެތިކަން ކަޝްފުވެފައި ހުރިތަން ފެނި ރުހާމް އަދި މާ ބޮޑަށް ލަދުގަތެވެ. ޒީކް އޭނާއާމެދު ނުބައި ނަޒަރަކުން ދެކިފާނެކަމަށް ހީކޮށް ރުހާމް ކަންބޮޑުވިއެވެ.

"ޒީގެ މަންމައަކީ އަހަރެންގެ ވަރަށް ގާތް މީހެއް." އެ ދަނޑިވަޅުގައި އެއްޗެއް ބުނުމަކީ އެންމެ ބުއްދިވެރި ގޮތްކަން ވިސްނިގެން ރުހާމް ބުންޏެވެ. "ޒީއަކީ މިހާރު އަހަރެންގެ ޒިންމާއެއް! ޒީގެ މަންމައަށް ކޮށްދޭކަމެއްގެ ގޮތުގައި އަހަރެން މުޅި އުމުރު ދުވަހު ވެސް ޒީއަށް ބަލާނަން! މުސްކާން މިއަދު ދުނިޔޭގައި ހުރިނަމަ ވެސް އެދޭނީ ހަމަ މިގޮތް!"

ޒީކް ގަދަކަމުން ހިނިތުންވެލިއެވެ. މަންމައަކީ ރުހާމަށް ކިހާ ޙާއްސަ މީހެއްތޯ އަހާލުމަށް ހިތްއެދުނު ނަމަވެސް ޒީކްގެ ދޫ ޚަރަކާތެއް ނުކުރިއެވެ. އެ ސުވާލު ކަރުބުޑުގައި ތާށިވުމުން ހިން ދިރުވާލީއެވެ. އޭނާއާމެދު އެހާ އޯގާތެރިކޮށް ކަންކަން ކޮށްދެމުން އެދަނީ ރުހާމްގެ ހިތުގައި މަންމަގެ މައްޗަށް އޮތް ގަދަރެއްގެ ބޮޑުކަމުން ކަމަށް ނިންމައި، އެސުވާލު ކުރިމަތިކުރުން މުހިންމުކަމަކަށް ޒީކް ނުދެކުނެވެ.

"ނިމުނީތަ؟" ޒީކް ކާމޭޒާ ދިމާއަށް ބަލާލަމުން ދެމީހުންގެ މެދަށް ވެރިވަމުންދިޔަ ހަމަހިމޭންކަން ނެތިކޮށްލިއެވެ. ޒީކް އެ ބުނި އެއްޗެއް ރުހާމަށް ދޭހަނުވިކަން އޭނާގެ ދެބުމަ ކައިރިވެގެންދިޔަ ގޮތުން އެނގުނެވެ. ރޮށި ފުނޑުވިގޮތަށް މޭޒުމަތީގައި ބަހައްޓާފައި ހުރި ތަށްޓަށް ޒީކް ލޮލުން އިޝާރާތްކޮށްލިއެވެ.

"މިރެޔަށް ވާވަރަށް ކެވިއްޖެ." ސަމާސާ ރާގެއްގައި ރުހާމް ބުންޏެވެ. "މަގޭ ބަނޑުވެސް ފުރިއްޖެ."

ހުދު ބޯކިރު ފޮދެއް ކަހަލަ ކުދި ދަތްތައް ފެންނަވަރަށް ޒީކް ހީގަތެވެ. ހަމަ އެހިނދު ހުނުން މައިތިރިކުރަން އަނގަމަތީގައި އަތް އަޅާލިއެވެ.

"ސާބަސް. ދައްތައަށް އަޑު އިވިއްޖެއްޔާ ދެމީހުންގެ ދުވަސް ދިޔައީ." ނުހޭން މަސައްކަތްކުރަމުން ޒީކް މޭޒާ ދިމާއަށް ހިނގައިގަތެވެ. ރުހާމްގެ ތުންފަތްމަތިން އުފާވެރި ލާނެތް ހިނިތުންވުމެއް ފާޅުވިއެވެ.

*1999 ވަނަ އަހަރު*

މުސްކާން ލައިގެން ހުރި ހުދު ހެދުމުގެ ފަސްބައިގައި ހިފައި މައްޗަށް ހިއްލާލިއެވެ. ހެވިފައި ހުރެ ފަހަތަށް އެނބުރި ބަލާލުމަށްފަހު އޭނާ ދުއްވައިގަތެވެ. ހަނދުވަރުދޭ ރެޔެއްކަމުން މުޅި ހިސާބު ސާފުކޮށް ފެންނަން އޮތެވެ. ހުދު ސާލެއްފަދަ ދޮންވެލިގަނޑު މަތީގައި އޭނާ ދުވަމުން ދިޔައީ ހެމުންނެވެ. މަޑު ފަސްގަނޑު ތެރެއަށް ދެފައި ވަދެގެންދާއިރު ހީލިކަރުވާ ކަހަލަ ފިނިކަމެއް ދެފަޔަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި، މުސްކާންގެ އަމާޒު ބެހެއްޓީ އޭނާގެ ފަހަތުން ދުވެފައި އައި މީހާގެ ކިބައިން ރެކި ސަލާމަތްވުމަށެވެ. އިސާހިތަކު އެމީހާ މުސްކާންއާ އަރާ ހަމަކޮށް، މުސްކާންގެ އަތުގައި ހިފައި އެމީހާއާ ދިމާއަށް ވާގޮތަށް ލުއްކެއް ޖެހިއެވެ. މުސްކާންގެ ލުއި ހަށިގަނޑު ހުރިތަނުން ލުހިގެން އައިސް އެމީހާގެ ހަށިގަނޑުގައި ލައިގަތެވެ. ދެމީހުން އެކުގައި ވެލިގަނޑު މައްޗަށް ވެއްޓި ޖެހުނުއިރު މުސްކާން އޮތީ އެމީހާގެ ގައިމަތީގައެވެ. މުސްކާންގެ ފަން ދިގު އިސްތަށިގަނޑުން އެމީހާގެ މޫނުވަނީ ފޮރުވިފައެވެ. މުސްކާން ހީގެންފައި ތެދުވަން އުޅުނު ވަގުތު އެމީހާ ނިކަން ހުށިޔާރުކަމާއެކު މުސްކާންގެ ގައިގާ އޮޅުލައިގަނެ އެ ބާރުގަދަ އަތުތެރޭގައި ޤައިދުކޮށްލިއެވެ.

"ދެން ލާހިކެއްނޫން ސަލާމަތްވާކަށް!" ރުހާމްގެ މޫނުމައްޗަށް ފެތުރިފައި އޮތް އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ބުންޏެވެ. "ހާދަ ދުވަހެއްގެ އިންތިޒާރެކޭ. މި ވޭތުވެގެން ދިޔަ 07 ދުވަސް ހީވީ 07 ގަރުނުހެން"

"އަހަރެންވެސް މިރޭ ވަރަށް އުފާވެއްޖެ! ހަފްތާއެއް ކޮށްފަ މިގޮތަށް އެކަހެރިކޮށް ބައްދަލުކޮށްލާނެ ފުރުސަތެއް ލިބުނީމަ!" ރުހާމްގެ މޭމަތީގައި މުސްކާން ބޯއަޅައިލައި ހަމަޖެހިލިއިރު އެ ތުންފަތުގައި މާނަފުން ހިނިތުންވުމެއްވިއެވެ. މޫނުމަތި އުޖާލައިވެފައި ހުރިވަރުން ހިތްހަމަޖެހިފައިވާ މިންވަރު އަންދާޒާކޮށްލެވެއެވެ. މުސްކާންގެ އިސްތަށިގަނޑު ތެރެއަށް އަތް ބާނައިގެން ކުޅެލަކުޅެލާ އޮތް ރުހާމްގެ ނަޒަރު ސީދާ ވެފައި ހުރީ އުޑުމަތީ ފެންނަން ހުރި ސާދަވިލޭރޭގެ ރީތި ހަނދަށެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. މުސްކާން މާނެވާ ލަމުން ދިޔައިރު އެ ނޭވާގެ ހޫނުކަން އޭނާގެ ހިއްސުތަކުގައި ހުޅުރޯކުރަމުން ދިޔައެވެ.

"މުސްކާން އަށް އެނގޭތަ؟ މި ހަނދަށްވުރެން ވެސް މުސްކާން ރީތިކަން؟" ރުހާމް އެހެން ބުނުމާއެކު މުސްކާން ހޫމް އަޅުވާލިއެވެ.

"ދެން ތިބުނީ އަހަރެން މީ ކައިރިން ހަޑި މީހެކޭދޯ؟ ގައިމު ހަނދަކީ ހަމައެކަނި ދުރުން ފެންނައިރު ރީތިއެއްޗެއް ވިއްޔާ!" މުސްކާން ތުއި ވެލިއެވެ.

"އެހެންތަ ވަނީ؟ އެހެން ވީރު އެންމެ ރަނގަޅު! މުސްކާންގެ ރީތިކަން ހަނދުވަރުން އެ ދޭ އަލިކަމަށް ވުރެން ވެސް ރީތި! މިހާރު ކަމުދޭތަ؟" މުސްކާން ގެ ކޯތާފަތްމަތީ ބީހިލަމުން ރުހާމް ބުންޏެވެ.

"ރުހާމަށް އެނގޭތަ؟ ރުހާމްގެ ތި ޝަހުވާނީކަން އިރުގެ ހޫނުކަމަށް ވުރެން ގަދަކަން؟" ޖެއްސުމުގެ ރާގަކަށް މުސްކާން އެހެން ބުނެލަމުން ދެތުންފަތް ފިއްތާ ބާރުކޮށްލީ ހިނިއަތުވެދާނެތީއެވެ.

"އެހެންތަ؟" ރުހާމް ގާތަށް ހިނިއައެވެ. "އެހެންވީރު މި ހޫނުން މިރޭ ހަމަ ފިއްސާލާނީ."

މުސްކާންގެ އުނަގަނޑުގައި ބާރަށް ބައްދާލަމުން ރުހާމް ވެލިގަނޑު މަތީގައި ފުރޮޅިލިއެވެ. މުސްކާން ބާރަށް ހީގަތްއަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އެވަގުތު ހޭޅިއާ ދިމާލުން އަލިކަމެއް ފެނުނުހެން ރުހާމަށް ހީވުމުން އޭނާގެ ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ.

"އަސްލުވެސް! ތި ޖިސްމުގެ ހޫނުން އަހަރެން ފިހިދާނެ!" ވައި އަޑުން ރުހާމްގެ ކަންފަތްބުޑުގައި ތުންފަތް ޖައްސާލަމުން މުސްކާން ބުންޏެވެ.

"ކޮންމެވެސް ބަޔަކު މިދިމާއަށް އެބައާދޭ!" ރުހާމް ތެޅިގެންފައި ތެދުވިއެވެ. މުސްކާންގެ ހިތް ތެޅިގަތް ވަގުތު އޭނާ ވެސް އޮތްތަނުން ތެދުވެ ގައިން ވެލިފޮޅަމުން ކޮޅު ކޮޅުމަތި ބަލާލިއެވެ.

"ވެލާ ބިސް ނަގަން އަންނަ ބައެއް ކަންނޭނގެ." އެހެން ބުނެފައި މުސްކާންގެ އަތުގައި ހިފައިގެން ރުހާމް ދުއްވައިގަތެވެ. ގަސްތަކުގެ ތެރެއަށް ދެމީހުން ވަދެގެން ދިޔައިރު ޓޯޗު ބައްތީގެ އަލި ބޮޑުވަމުން ކައިރިވަމުން އައިސް ދެ ފިރިހެނަކު ތުނޑީކޮޅަށް ނުކުތްތަން ފެނުނެވެ. އެތަނުން އެކަކަކީ ޒިޔާދެވެ. ދެން ހުރީ އޭނާގެ ގާތް މިތުރެއް ކަމަށްވާ މާޒިންއެވެ.

"ކަލެޔަށް ހަމަ ކަށަވަރުދޯ މުސްކާން އައީ މި ދިމާއަށްކަން؟" ޒިޔާދު އަތުގައި އޮތް ޓޯޗު ބައްތިން ކޮޅުކޮޅުމައްޗަށް އަލިކުރަމުން އެހިއެވެ.

"މަށަށް ހަމަ ޔަޤީން!" މާޒިން ވަރަށް ޔަޤީންކަމާއެކު ބުންޏެވެ. "މުސްކާން ހުރީ ވެސް ހުދުކުލައިގެ ހެދުމެއް ލައިގެން! މަށަށް ހީވަނީ ކަލޭ ދެއަތް އުރާލައިގެން ބަލަން ހުއްޓާ ހަމަ ރަނގަޅަށް ވެސް ތެޔޮ ނާށި ކާޅު ޖަހައިގަނެފިހެން! މަށަށް ޝައްކުވާ މީހެއްވެސް މަ ބުނެފާނަން! އެކަމަކު މީ އަދި ހީވާ އެއްޗެއް އިނގޭ! މަށަށް ހީވަނީ އެ ކާޅަކީ މި އުޅޭ ބިސްފޮޅި ހަރީރާގެ ދޮށީ ފިރިހެން ސޮރުހެން!"

"ބިސްފޮޅިއެއް، ހާލުފޮޅިއެއް، ފަތަފޮޅިއެއް ނޯންނާނެ!" ޒިޔާދު ދަތްތަކަށް ބާރުކޮށްލަމުން ބުންޏެވެ. "މުސްކާންއަކީ ހަމައެކަނި މަގޭ ހައްޤެއް."

*2018 ވަނަ އަހަރު*

ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ޒީކްއާ ރުހާމް މައްޗަށް އަރަމުން ދިޔައީ މަޑުމަޑުންނެވެ. ރުހާމް އެރީ ޒީކްގެ ފަހަތުން ކަމުގައި ވިނަމަވެސް، ދެމީހުން ތިބީ ދާދި ކައިރީގައެވެ. ސަރައްކާލީއާ ހަމައަށް އެރުނު ހިސާބުން ޒީކް މަޑުޖެހިލިއެވެ. ފަސްއެނބުރި ރުހާމަށް ބަލާލުމާއެކު ރުހާމްގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

"ދެން މިދަނީ ނިދަން! ހާމްބެވެސް ނިދާލެވޭތޯ ބަލާ!" ހިނިތުންވުމަކާއެކު ޒީކް ބުނެލިއެވެ.

"އެންމެ ރަނގަޅު. އަވަހަށް ގޮސް އަރާމްކޮށްލާ!" ރުހާމް ބުންޏެވެ. "ފުރަން ތައްޔާރުވެއްޖައިންތަ؟"

މާފުށްޓަށް ދަތުރު ދާން ރޭވިފައިވާކަން ޒީކްގެ ހަނދާނަށް އައީ ދެނެވެ. އެޔާއެކު އެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފަނާވެގެން ދިޔައީ ފަޅިސިކުންތެއްގެ ތެރޭގައެވެ. ހަވީރު މޯނާގެ ދުލުން ބޭރުވި ހަރުކަށި ބަސްތަކާ ދިން އިންޒާރު ކަންފަތްބުޑުގައި ގުގުމާލިހެން ހީވެފައި އޭނާގެ ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ.

"މިހާރު ނުދާގޮތަށް." ޒީކް ބުނެލިއެވެ.

"މޯނާދެކެ ބިރުންތަ؟" ސީދާ ޒީކްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ރުހާމް އެހިއެވެ.

"ނޫން ބިރަކުންނޫން. ބައްޕައަކީ މަންމަގެ ޤާޠިލު. ބައްޕައާ ބައްދަލުކުރާނެ ހިތްވަރެއް ޒީގެ ގައިގައި ނެތީމަ" ޒީކް ދޮގެއް ހެދިއެވެ. އޭނާ ބޭނުންވީ ހަޤީޤަތް ފޮރުވާށެވެ. ރުހާމްއަކީ މަޑުމައިތިރިކަމަށް ލޯބިކުރާ މީހެއް ނަމަވެސް އަނބިދަށުވެފައި ހުންނާނެ މީހެއްނޫންކަން ޒީކަށް ރަނގަޅަށް އެނގެއެވެ. ރުހާމް ބޭނުންކަމެއް ބޭނުންވާ ގޮތަކަށް މީހެއްގެ ރުހުމާ އިޒްނަޔަކާ ނުލާވެސް ކުރާނެއެވެ. އޭގެން ނުކުމެދާނެ ނަތީޖާއަކަށް އޭނާ ވިސްނާނީ ވެސް ކަންކޮށް ނިންމާފަހުންނެވެ. އެ ދަތުރުގައި ރުހާމް ބައިވެރިވެއްޖެނަމަ ޒީކަށް އޭގެ އޫޖޫރަ އަދާކޮށްދޭން ޖެހޭނީ ކޮންގޮތަކުން ކަމެއް ވެސް ނޭނގެއެވެ.

ޒީކް ހެދީ ދޮގެއްކަން އެ ދެލޮލުން ސާފުކޮށް ރުހާމަށް ފެނުނެވެ. މޯނާ ޒީކްދެކެ ނަފުރަތުކުރާވަރާއި ޒީކް މޯނާދެކެ ޖެހިލުންވާކަން އެއީ ރުހާމަށް އޮޅިފައިވާކަމެއް ނޫނެވެ. މަސްލަހަތު އޮތީ ދަތުރު ނުގޮސް މަޑުކޮށްގެންކަމުގައި ވަނީނަމަ، ޒީކް އިސްކަންދޭނީ އެކަން އެގޮތަށް ކުރާށެވެ. އެހެންމީހަކަށް ޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާން ވެސް ޒީކް ފަސްނުޖެހޭނެކަން ރުހާމް ދަނެއެވެ.

"ނުބުންޏަސް ތި ހެދީ ދޮގެއްކަން އަހަންނަށް އެނގޭ! މޯނާގެ ގޮތް މަށަށްވުރެން ބޮޑަށް އެނގޭނެ މީހަކު ވަކި ނުހުންނާނެ ދޯ! ތި ދަތުރެއްގެ ވާހަކަ ދެއްކީންސުރެން މޯނާ އެހުންނަނީ ދޮން ބޮޑުވެފައި. އެހެންވީމަ މޯނާ ޒީއަށް އެ ރޯޅި ބާލާނެކަން އެއީ މުޖައްރިބުކަމެއް. ޒީ މިހާރު ދަތުރުދާން ބޭނުން ނުވެގެން ތިއުޅެނީ ވެސް މޯނާގެ ސަބަބުންކަން އަހަންނަށް އެނގޭ." ދޮގު ފަޅާއެރުމުން ލަދުގަތްވަރުން ޒީކް މޫނު އަނބުރާލިއެވެ.

"ދެން ޒީގެ ބައްޕަ ދޯ؟ ޒީގެ ބައްޕައަކީ ގޯސްމީހެއްނޫން. އެއީ އަހަރެން ވަރަށް ރަނގަޅަށް ދަންނަމީހެއް. ޒިޔާދަކީ ޒީ މި ދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލީން ސުރެން އޭނާގެ ފުރިހަމަ އަޅާލުމާ ލޯބި ޒީއަށް އަބަދުހެން ދެމުން އައި ޒިންމާދާރު ބައްޕައެއް. މިއަދު ތަޤުދީރު ނިޔާކުރި ގޮތުން ދެބަފައިން ތިގޮތަށް ދުރުގައި އުޅެން ޖެހުނަސް އަދިވެސް ޒިޔާދުގެ ހިތުން ޒީއަށް ދެވިފައިވާ މަޤާމަށް ކުޑަވެސް ބަދަލެއް ނާންނާނެކަން މީ ރޭގަނޑު ފަދައިން އަހަންނަށް ޔަޤީންވޭ! މިހާ ގިނަ އަހަރުތަކެއް މިހެން ވޭތުވެގެން ދިޔައިމަ ބައްޕަ މިހާރު ހުންނާނީ ޒީ ދެކޭ ހިތުން ކެތްމަދުވެފަ! އަހަންނަށް އެނގިފައި އޮތް ގޮތުން ޒީއާ ބައްދަލުކުރަން ބައްޕަ އެތައް ފަހަރަކު މަސައްކަތް ކޮށްފައިވޭ! އެކަމު ޒީ އެކަމަށް އިންކާރު ކުރަމުން ގެންދާތީ މިހާތަނަށް ވެސް ބައްދަލު ނުވެވި ތިއޮތީ! އެހެންނޫނަސް މިހާރު ބައްޕައަށް ވެސް އެމީހުން އަނގާފަ އޮންނާނީ ޒީ މާދަން ބައްދަލުކުރަން އަންނާނެ ވާހަކަ! ބައްޕަގެ ރުހުން ލިބިގެން މިކަން މިހެން މިހާ އަވަހަށް މި ހަމަޖެހުނީ ވެސް! ބައްޕައަށް ކުރެވުނު ކުށުގެ ސަޒާ ބައްޕައަށް މިހާރު ވެސް އެދަނީ ލިބެމުން! އެއްވެސް ބަފައަކަށް ލޯބިވާ ދަރިޔަކާ ވަކިން އުޅެން ޖެހުމަށް ވުރެން ބޮޑު ސަޒާއެއް ވަކި އޮންނާނެތަ؟ ޒީގެ އެންމެ އިޝާރާތަކަށް ބަލަބަލާ ހުއްޓާ ތިގޮތަށް ކަންތައްކުރީމަ ބައްޕައަށް ވަރަށް އަސަރުކުރާނެ! ޒިޔާދަށް އިތުރު އަނިޔާއެއް ނުދީ! އެހެންވީމަ މޯނާ ބުނެފާނެ އެއްޗަކަށް ބިރުން، އޭނަ ރުޅިއަތުވެދާނެތީ އޭ ކިޔާފަ ދަތުރު ނުގޮސް މަޑުކުރާކަށް އަހަންނަކަށް ނުފެނޭ! މިގެއަށް ޒީ އައިފަހުން ފާއިތުވި 06 މަސް ދުވަހުގެ ތެރޭގައި އިސްވެ އަހަރެން ކައިރީ ކަމަކު ތިކީ ފުރަތަމަ ފަހަރަށް! އެހެންވީމަ އެ ފުރުސަތު އަހަރެން އަތުން ތިގޮތަށް ނިގުޅައިނުގަނޭ! ފުރަން ތައްޔާރުވޭ. އަހަންނަށް އިތުބާރުކުރޭ! އަހަރެން މޯނާ ހަމައަކަށް އަޅުވާނަން! ޒީ އެކަމާ ކަންބޮޑުވެ ހާސްވާނެކަމެއް ނެތް!"

ޒީކަށް ވިސްނައިދިނުމުގެ ގޮތުން ރުހާމް ވާހަކަ ދެއްކީ ވަރަށް އޯގާތެރިކަމާއި އެކުއެވެ. ރުހާމްގެ އޯގާތެރި ބަސްތަކުން ޒީކްގެ ހިތުގައި އާލާވި ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަވެގެން ދިޔައެވެ. ހަގީގަތުގައި ބައްޕައޭ ކިޔާގެން ރުހާމް އެ ދެއްކި އެއްވެސް ވާހަކަ އަކުން ޒީކްގެ ހިތް ބަދަލުވާގޮތެއް ނުވެއެވެ. ނަމަވެސް ރުހާމްއާ އަޝްވާގެ އެދުމުގެ މަތިންނާއި، މަންމަ އާ ގުޅުން ހުރި ހުވަފެންތަކުގައި މަންމަ އެކުރާ އާދޭހަށް އިޖާބަދިނުމުގެ ގޮތުން ދަތުރައިގެން ކުރިޔަށް ދާން ޒީކް ނިންމިއެވެ.

"އަޅުގަނޑު 6 ޖަހާއިރަށް ތައްޔާރުވެގެން ތިރިއަށް ފައިބާނަން!" ޒީކް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ދަރުތު ދާން ޒީކް އެއްބަސްވުމުން ރުހާމް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ނިދަން އޮށޯވެ އޮވެގެން ބައްޕައާ ބައްދަލުވުމުން ބުނާނެ އެއްޗަކާއި މެދު ޒީކް ފުންކޮށް ވިސްނިއެވެ. ހިތުގައި ފުނި ޖެހިފައި ހުރި އެތަކެއް ޝަކުވާއެއް ސުވާލުތަކެއްގެ ސިފައިގައި ދުލު ކުރިޔަށް ގެންނާނެ ގޮތަކާމެދު ފިކުރު ކުރިއެވެ. އެހާ ތުއްތުއިރު "ޔަތީމު" ހާލައިގެން އުޅެން މަޖުބޫރު ކުރުވީ ކީއްވެތޯ އަހަން ބޭނުންވިއެވެ. މަންމަ ގެއްލުނުރޭ ކަންވީގޮތް އޮޅުންފިލުވައި، މަންމައަށް އަނިޔާވެރިވި ސަބަބު ވެސް އޭނާ ތަފްސީލުކޮށް އެނގެން ބޭނުމެވެ. ބައްޕަގެ ދުލުން ބައްޕަގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނެ ކަމުގެ އުންމީދު ޒީކްގެ ހިތުގައި އަށަގަތީ ކީއްވެ ކަމެއް ޚުދު ޒީކް އަކަށް ވެސް ނޭނގެއެވެ. ޒީކްގެ އުމުރުން ވީހާ ދުވަހެއް ވެގެން މި ދިޔައީ ޒިޔާދު ހަމަލޮލަށް ނުފެނިއެވެ. ތަންދޮރު ވަކި ވާން ފެށި ހިސާބުން މަންމަ އާ ދެތެރޭ ކަންތައްކުރި ގޮތް އެނގި އެ ބައްޕަ ކުރި މައްޗަށް އަރަންވެސް އޭނާ ބޭނުން ނުވީއެވެ. ވީ ފޫހިން ދެކޭ ހިތްވެސް ނުވީއެވެ. ޒިޔާދު އެކި ގޮތްގޮތުން ޒީކްއާ ބައްދަލު ކުރަން މަސައްކަތް ކުރިނަމަވެސް، ބޯހަރުކަމާއި ގޮތްދޫނުކުރުން އިސްކޮށް އެކަމަށް އިޖާބަ ނުދިނީއެވެ. އޭނާ މާދަމާ ބައްޕަގެ ކުރި މައްޗަށް އަރާނީ ކޮންމޫނަކާގެން ހެއްޔެވެ؟ ބައްޕަ އަމިއްލަ ދިފާޢުގައި ބުއްދި ޤަބޫލުކުރެވޭވަރުގެ އުޒުރެއް ދައްކައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދެން ފަހެ އެބައްޕަގެ ކުށެއް ނެތްކަން އެނގިއްޖެނަމަ ޒީކަށް ދުވަހަކުވެސް އޭނާގެ އަމިއްލަ ނަފުސަށް މަޢާފުކުރެވިދާނެ ހެއްޔެވެ؟

ދަންވަރު އެކެއް ޖަހާބޮޑުވި އިރުވެސް ޒީކްއަކަށް ނުނިދުނެވެ. ބައްޕަގެ ކަންތަކާ ބޯގޭނުމުގެ އިތުރުން މޯނާއާ ރުހާމްއާ ދެތެރޭ ޖެހިދާނެ މައްސަލައަކާ މެދު ވިސްނަންވެސް އެތަށް އިރަކު އޮވެވުނެވެ. ތަފާތު އެކިއެކި ފިކުރުތަކުން ސިކުނޑި ހާސްކުރަން ފެށުމުން، ކޮޓަރިން ނުކުމެގެން ތިރިއަށް ފޭބިއިރު ރުހާމް ސޯފާގައި އޮތްތަން ފެނިފައި ޒީކްގެ ފިޔަވަޅުތަކަށް ލަސްކަމެއް އަޔެވެ. ފުރަތަމަ ނަޒަރުންވެސް ރުހާމް އެތަނުގައި އޮންނަން ޖެހުނު ސަބަބު ދެނެގަނެވުނެވެ. މޯނާ ކޮޓަރި ތަޅުލައިގެން އޮތީކަން ޔަޤީންވިއެވެ.

ޒީކް މަޑުމަޑުން އައިސް ސޯފާ ކައިރިއަށް ވެއްޓިފައި އޮތް ގަމީސް ނެގިއެވެ. ދެލޯ މަރާލައިގެން ހުސްގަޔާ އޮތް ރުހާމްގެ ފައިކޮޅުން ފެށިގެން ބޮލާއި ހަމައަށް ނަޒަރު ހިންގާލަމުންނެވެ. މިއަދު ޑިއުޓީއަށް ދާން ޒީކް އިސްތިރިކޮށް ދިން ފަޓުލޫނުގައި އުއްޑުން އޮށޯވެލައިގެން އޮތް ރުހާމްގެ އެއްއަތް އޮތީ ނިއްކުރިމަތީގައެވެ. އަނެއް އަތް އޮތީ އެ އޮމާން ދޮން މޭމަތީގައެވެ. ފުން ވިސްނުމެއްގައި އޮވެ ރުހާމަށް އެއޮތީ ނިދިފައެވެ. ގަމީސް ސޯފާގެ އެއްކޮޅުގައި ބާއްވާލައިފައި ރުހާމްގެ އެ ހަހުރަވެތި މޫނަށް ބަލަން ޒީކަށް ހުރެވުނެވެ. ހާދަހާވާ ފުރިހަމަ ސިފަތަކެކެވެ. އެ މޫނުމަތީގައި އެއްވެސް އައިބުކަމެއް ނެތެވެ. ރުހާމްގެ އަތުގެ މުލަށްދަނޑި ވަރުގަދަވެފައި ހަށިގަނޑުގައި އިސްތަށި މަދެވެ. ބަނޑަށް ގޮޅިބަރި އަރާފައި ނެތެއްކަމަކު، ގޮޅިއަރާފައި ހުރި ފަދައެވެ. އެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވަކިވަކިން ބަލައިލާ ކޮންމެ ފަހަރަކު އެ ހަށިގަނޑާ ބުރު ސޫރައިގެ ފުރިހަމަކަން ޒީކަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެ މޫނުމަތިން ފެންނަނީ އަޖައިބެއް ކަހަލަ ރީތިކަމެކެވެ.

"މާޝާﷲ. އިރެއްހައި ރީތި ނަލަ މޫނެއް! ތި ޖިސްމުގެ ހޫނުން ފިހޭހައިވޭ!" ޒީކަށް ބޭއިޚްތިޔާރުގައި އެހެން ބުނެވުމާއެކު އަނގަމަތީ ދެއަތް އަޅާ ބާރުކޮށްލެވުނެވެ. ބުނެވުނު އެއްޗަކާމެދު ވިސްނާލެވުމުން ކުޑަކޮށް ހިނި އަންނަ ގޮތްވެސް ވިއެވެ.

އެ މޫނުގައި އިނގިލިތައް ޖައްސައިލަން ޒީކް ހިތަށް އެރީ ކީއްވެގެންކަމެއް ނޭނގެއެވެ. ފުރަތަމަ ފަހަރަށް ރުހާމަށް ތަފާތު ނަޒަރަކުން އޭނާއަށް ބެލެންފެށުނީ ކީއްވެގެން ހެއްޔެވެ؟ މަޑުމަޑުން ދެކަކޫ ލަންބުވާލަމުން ޒީކް ތިރިވާން އުޅުނު ވަގުތު ރުހާމްގެ ލޯ ތޮޅިލިހެން ހީވެފައި ޒީކަށް ފުންމައިގެން ކޮޅަށް ޖެހެވުނެވެ. އަދި މަޑުމަޑުން ފަހަތަށް ޖެހި އެތަނުން އަވަހަށް ހިނގައިގަނެވުނެވެ. ކުރެވެން އުޅުނު މޮޔަ ކަންތައް ހިތަށް އަރާފައި މުޅި މިހާ ހުރީ ހާސްވެ އޮތްދާ ހިއްލާފައެވެ. ޒީކް ފަހަތަށް ބަލަމުން ސިޑިން އަރައިގެން ދިޔައީ އެފަދަ ކަމެއް ދެން ދުވަހަކު ވެސް ނުކުރަން އަޒުމް ކަނޑައަޅައިގެނެވެ.

ރުހާމް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން ހިންދެމިލީ މޭމަތީ އޮތް އަތްތިލަ މޭގައި ކާއްތާލަމުންނެވެ. އެޔަށްފަހު ޒީކް އަރައިގެން ދިޔަ ދިމާއަށް ބަލާލި ވަގުތު ތުންފަތުގެ އެއްފަރާތުން މައްޗަށް ދެމިލިއެވެ.

"ތީ ހަމަ ދެވަނަ މުސްކާން!" ރުހާމަށް މަޑުމަޑުން ބުނެލެވުނެވެ.

ޒީކްގެ ދުލުން ބޭރުވި އެންމެ ޖުމްލައަކުން ރުހާމްގެ ހިތުގެ އެންމެ ފުނުގައި ވަޅުލެވިފައިވާ މުސްކާނާއެކު ހޭދަކުރެވުނު ރޭތައް ލޯމަތީގައި ފިޔަ ޖަހާލި ކަހަލައެވެ. އެ ފޮނިފޮނި ހަނދާންތައް އާވެގެން ދިޔައެވެ. ހިތުގައި ކުރަމަގާލި ލައިފައި ހުރި ފާރުތަކުން ލޭ ހިލިގެން ގޮސް ހިތަށް އުނދަގޫވާ ގޮތްވިއެވެ. ނޭވާވެސް އަރުތެރޭގައި ތާށިވާހެން ހީވިއެވެ. އެންމެފަހުން ސޯފާގައި ނީދެވިގެން ތެދުވެ ދެކޮޅަށް ދެކޮޅަށް ހިނގަން ފެށީ ނަފުސަށް ހަމަޖެހުމެއް ލިބޭތޯއެވެ.

"ޒީކް މިހިތުގެ ހަމަޖެހުން ނަގާލައިފި. އަހަރެންގެ ހަމަޖެހޭ ދިރިއުޅުން ހަލަބޮލިކޮށްލައިފި! މިހާރު ނިދި އަހަންނާ ބީރައްޓެހި އެއްޗަކަށް ވެއްޖެ! ތި ރީތި ސޫރަ އަބަދުހެން އަހަރެންގެ ލޯމަތީގައި ރަނިކަން ކުރަންފަށައިފި! ހުވަފެންތަކުގައި ހިއްސާވާން ފަށައިފި! ކަލާ ފެނުމުން އަހަރެންގެ މިހިތަށް އެ ލިބޭ ފިނިކަމާ، މި ނަފްސުގެ މައްޗަށް ބާރުކެނޑިގެން ދާ ދިޔުން އެއީ ލޯބިކަން އަހަންނަށް އެނގުނުތާ އެތައް ދުވަހެއް ވެއްޖެ! ތި ލޯބި މި ހިތުގެ ތެރޭގައި އާލާވެ އާބާދުވެގެން ގޮސް އަހަރެންގެ މުޅި ހިތް ކަލާ ހިސޯރުކޮށްފި! މިއަދު އަހަރެން މިވަނީ ތި ލޯތްބަށް އެދި ކަރުހިތްކައި ގެންފައި! ދެން އަހަރެން ހަދާނީ ކިހިނެއް؟ މި ހިތުގެ އެދުމަށް ފުރަގަސްދޭނީ ކިހިނަކުން؟ ނޭނގުމެއް ތެރޭ ހިތުގައި މި ރޯވި ލޯބީގެ ހުޅުކޮޅުނިއްވާލެވޭނީ ކޮންގޮތަކުން؟" ރުހާމް މޫނުގެ ދެފަރާތުގައި އަތް ކާއްތަމުން ވާހަކަ ދައްކަމުން ދިޔައިރު މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ. އިންތިހާ ދަރަޖައިގެ މަޖުބޫރީއެވެ.

(ނުނިމޭ)

* ހަތަރުވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި.