ބާބު 4 – ޖާސޫސް

ހޭޅީގައި ފީންޏަކަށް ހެދިފައި ހުރި މަގޫގަސްތަކުތެރޭގައި މުސްކާން ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ރުހާމްގެ ގަމީސް އޭނާގެ ދެއަތަށް އޮޅާލެވިފައިވާއިރު ދެލޯ ވަނީ މަރާ ބާރުކޮށް ތަގުޅިކޮށްލެވިފައެވެ. އެހިސާބުގައި އުޅޭ ދެ މީހުންނަށް އޭނާ ފެނިދާނެތީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. އޭނާއާ ރުހާމްގެ މެދުގައި އޮތް ގުޅުން އެއްވެސް މީހަކަށް އެނގޭކަށް މުސްކާން ބޭނުމެއްނޫނެވެ. އަދި އަމުދުން އެ ދަނޑިވަޅަކީ އެގުޅުން ބޭޒާރުވުމަށް އެކަށީގެންވާ ވަގުތެއްނޫނެވެ.

"މުސްކާން. ހަމަޖެހިބަލަ." ރުހާމް ވައި އަޑުން ބުނެލިއެވެ.

"އެއީ ބިސްނަގަން އުޅޭ ބަޔެއްނޫނޭ." މުސްކާން އަޑު ރުހާމްގެ ކަންފަތާ ހަމައަށް ފޯރި ކިރިކިރިޔާއެވެ. "އެއީ ހަމަ އެ ޒިޔާދުމެން. ކުރިންވެސް ބުނީމެއްނު އޭނާއަށް ޝައްކުވެފައޭ އޮތީ."

"ޝޫސް. މުސްކާން ބިރުގަންނަނީ ކޮންކަމަކާތަ؟ ހަމަޖެހިބަލަ!" މުސްކާންގެ ބޮލުގައި ހިފާ ރުހާމްގެ މޭގައި ޖައްސައިލައި ގަޔާލާ ބޮނޑިކޮށްލަމުން ރުހާމް ބުންޏެވެ. "ބިރުގަންނާނެކަމެއް ނެތް. އަހަރެންވެސް މިހުރީނު."

މުސްކާން ހަމައަކަށް އެޅުވުމުގެ ބޭނުމުގައި އޭނާގެ ބުރިކަށީގައި ރުހާމް މަޑުމަޑުން ފިރުމަން ފެށިއެވެ. މުސްކާން މަޑުމަޑުން ދެލޯ ހުޅުވާލަމުން ވަށްކަޅިން އެހިސާބުގައި ހަރަކާތްތެރިވަމުން ދިޔަ ދެމީހުންނަށް ބަލާލިއެވެ. އެމީހުންގެ ސިފަ އެނގޭވަރު ނުވި ނަމަވެސް އެ ހަނދުވަރުގެ އަލީގައި އެމީހުންގެ ޚަރަކާތްތައް އެނގޭވަރުވެއެވެ.

"ހިނގާދާން. އެމީހުން މުޅި ހިސާބު ބަލަނީއޭ." މުސްކާން ސިއްރުސިއްރުން ބުންޏެވެ. "ރުހާމް ބިރުނުގަތަސް އަހަރެން ބިރުގަނޭ. އެމީހުންނަށް އަހަރުމެން ފެނިއްޖެނަމަ މުޅި ރަށް ހޭލައްވާ އަހަރުމެން ދެމީހުން ބަދުނާމްކޮށްލާނެ."

ހަޤީޤަތުގައި ރުހާމް ވެސް ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. މުސްކާން ބުނި ފަދައިން އެބަޔަކު އެތަނަށް އައީ އެމީހުންނަށް ފާރަލަމުން ކަން އެމީހުންގެ ޚަރަކާތްތަކުން ދޭހަވެއެވެ. އެމީހުން ޓޯޗު ބައްތިން އެކި ދިމަދިމާއަށް އަލިކުރަމުން އެދަނީ ބަޔަކު ހޯދުމަށް މަސައްކަތްކުރާ ބީދައިންނެވެ. ގަސްތަކުތެރެއާއި މުޅި އެހިސާބުގައި އަތްފުނާ އަޅަމުން އެދަނީ ވެލާ ބިސް ހޯދުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ.

ޒިޔާދު އަތުގައި އޮތް ބައްތިން އަލިކުރަމުން ގޮނޑުދޮށާއި ދިމާއަށް ދިޔައެވެ. އޭނާއާ ދާދި ގާތުގައި ހުރި މާޒިން ވެލިގަނޑު މަތިން އެއްޗެއް ހޯދާ ފަދައިން އެކިއެކި ހިސާބަށް އަލިކުރަމުން މަޑުމަޑުން ފިޔަވަޅު ނަގަމުން ދިޔައީ ހޭޅިއާ ދިމާއަށެވެ. އޭނާ ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނެވެ. އަދި އޭނާ ފަސްދީފައިވާ ދިޔަ ހިސާބަށް އަލުން އަލިކޮށްލުމަށްފަހު އެ އަލިގަނޑު އޭނާގެ ކުރިޔަށް ބަދަލުކޮށްލިއެވެ.

"ޒިޔައްޓޭ." މާޒިން ގޮވާލިއިރު އޭނާގެ ނަޒަރު ސީދާވެފައިވަނީ ބިންމައްޗަށެވެ.

މާޒިންގެ އަޑު އިވިފައި ރުހާމްގެ ހިތުގައިވެސް ބިރުވެރިކަން އުފެދުނެވެ. މުސްކާން ބުނި ފަދައިން އެބަޔަކީ ޒިޔާދުމެންކަން ޔަޤީންވުމުންނެވެ. ޒިޔާދުގެ މަޤުޞަދު ކަށަވަރުވުމުންނެވެ. މުސްކާންއާއި ރުހާމް ފިލާ ތިބިކަން ޒިޔާދަށް އެނގިއްޖެނަމަ، އެމީހުން މުޅި ރަށަށް ބަދުނާމްކޮށްލުމަށް ވެސް ޒިޔާދު ފަހަކަށް ނުޖެހޭނެއެވެ. އޭރުން އެއްވެސް ސަބަބަކާ ނުލާ މުސްކާންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިގެން ދާނެއެވެ.

"އެއީ ހަމަ އެމީހުންނޭ." މުސްކާންގެ އަޑު އިވިފައި ރުހާމް ކުޑަކޮށް ސިހުނެވެ.

"ކިހިނެއްވީ؟" ޒިޔާދު ދުވެފައި އައިސް މާޒިންގެ ގާތުގައި ހުއްޓެމުން އެހިއެވެ. މާޒިން ޖަވާބުދިނުމުގެ ބަދަލުގައި އަލިކުރަން ފެށީ ބިން މައްޗަށެވެ. ބިންމަތީގައި ކަނޑާނެގިފައިވާ ދެމީހެއްގެ ފިޔަވަޅުތަކަށެވެ. ޝަޢުޤުވެރިކަމާއެކު އެ ނިޝާންތަކަށް ބަލަމުންދިޔަ ޒިޔާދު ހިނގުން ބާރުކޮށްލިއެވެ. ކައިރިކައިރީގައި ހުރި އެ ފިޔަވަޅުތަކުގެ މިސްރާބު ހުރީ ހޭޅީގައި ހައްދާފައިވާ މަގޫގަސްތަކާއި ދިމާއަށްކަން ޒިޔާދަށް ޔަޤީންވުމާއެކު އޭނާ ދުއްވައިގަތެވެ. މަގޫގަސްތަކު ތެރެއަށް އަލިކޮށް މުޅި އެ ހިސާބު އެފުށްމިފުށަށް ޖެހިއިރުވެސް އޭނާއަށް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ.

"އެދެގޮލާ ކޮބައިތަ؟" ޒިޔާދު ރުޅިގަދަވެގެން ހަޅޭލަވައިގަތެވެ. "ރައްކާވީތަ؟ ކޮބައިތަ؟ ފިލާ އޮތްތާކުން ނުކުމޭ. ހަމަމިހާރު ނުކުމޭ."

"އަހަރުމެން އަންނަތަން ފެނިގެން ބެޗީ ކަންނޭގެ." ޒިޔާދުގެ ކޮނޑުގައި އަތް ބާއްވައިލަމުން މާޒިންގެ ވިސްނުން ހާމަކުރިއެވެ.

ރަށުގެ ތުނޑިއަށް ފައިބަން އޮންނަ މަގުގެ އެއްފަރާތުން މުސްކާންއާއި ރުހާމް އައީ ދުވަމުންނެވެ. އެކަކު އަނެކަކު އަތާއި އަތް ޖޯޑުކޮށްލައިގެން ތިބެ މީހުން އުޅޭ ސަރަޙައްދާއި ހަމައަށް ވާސިލުވެވުނުއިރު ދެމީހުންނަށް ވެސް މާނޭވާލެވެއެވެ. އެވަރުންވެސް މުސްކާން މަޑުކުރުމުގެ ވިސްނުމެއްނެތެވެ. ޒިޔާދުމެން އައުމުގެ ކުރިން ގެއާއި ހަމައަށް ފޯރާތޯ ބާރުބާރަށް ހިނގަންފެށިއެވެ. ރުހާމްވެސް އެއްވަރަކަށް ހުރެ ހިނގަމުން ދިޔައިރު މީހެއްގެ ހިލަމެއްވޭތޯ އެކިއެކި ދިމަދިމާ ބަލަމުންދިޔައެވެ.

"ދެން ދަނީ." ގޯތީގެ އިންފާރު ކައިރީގައި މަޑުކޮށްލަމުން މުސްކާން ބުންޏެވެ. "ހާމްވެސް މީހަކަށް ނުފެންނަނީސް އަވަހަށް ދޭ. އަހަރެން މި ވަންނަނީ ގެޔަށް."

ކަނާއަތުގެ ފުށަތުން ނިތްކުރިމަތީގައިވާ ދާތިކިތައް ފޮހެލަމުން މުސްކާން ހިނގައިގަތުމާއެކު، ރުހާމް މުސްކާންގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"އަދި މަޑުކޮށްބަލަ." ރުހާމް ބުންޏެވެ. "ދެން ކޮންއިރަކުން ބައްދަލުވާނީ. މާދަމާ ރޭ އިރާކޮޅު އަހަރެން މިގެ ކައިރިއަށް އަންނަންތަ؟"

"ނޫން. ނޫން." މުސްކާން ވަގުތުން ދެއަތަށް ބޯ ހޫރުވާލަމުން ދެކޮޅު ހެދިއެވެ. "ދެން އެމީހުން މަށަށް ވަރަށް ފާރަލާނެ. ދެން ބައްދަލުކުރާނީ ހަފްތާއެއްވަރު ފަހުން. ހާމް. އަހަރެން ހޯދަން މިގޭ ދޮށަށް ނާންނާތި. ހެޔޮނުވާނެ."

"މުސްކާންގެ މައްސަލައަކީ ކޮބައިތަ؟" މުސްކާންގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން ރުހާމް ސުވާލުކުރިއެވެ.

މުސްކާންގެ ދެލޮލުން ރުހާމަށް ފެނުނީ ބިރުވެރިކަމެވެ. ކަންބޮޑުވުމާއި އެއްވަރަށް ޖެހިލުންވުމުގެ އަސަރުވެސް ފެނުނެވެ. އެކަންކަން ތަރުޖަމާކުރާނެ ގޮތެއް ރުހާމްއަކަށް ނޭނގުނެވެ. ޒިޔާދުދެކެ މުސްކާން އެހާ ޖެހިލުންވާންޖެހޭ ސަބަބެއް ވެސް ނުވިސްނުނެވެ. ދެމީހުން ރައްޓެހިވެގެން އުޅޭތާ އަހަރު ދުވަސްވެގެން ދިޔައިރު ވެސް އެ ގުޅުން ސިއްރުކުރަން މުސްކާން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟

"އޭނަ ހުންނަނީ މަށާ އަވަލާފައޭ." މުސްކާން ދުރުބަލާލަމުން ޖަވާބުދިނެވެ. "އޭނަގެ ފަރާތުން ރުހާމަށް ގެއްލުމެއް ވާކަށް މަށެށް ނޭދެމޭ."

މުސްކާން ހާސިލްކުރަން ޒިޔާދު ބޭނުންވުމާއި މުސްކާންދެކެ ލޯބިވުން އެއީ ރުހާމް ޤަބޫލުކުރަން ބޭނުންވާ އުޒުރެއް ނޫނެވެ. މުސްކާންއަކީ ކޮންމެ ފިރިހެނަކުވެސް ބޭނުންވާނެފަދަ ފަތްމިންޔެކެވެ. ފަސްމީރު ކުރި ރުކެކެވެ. މުސްކާން ހާސިލުކުރުމަށް ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެފަދަ ޒަހަރެއް ކަހަލަ ރީތިކަމެއް މުސްކާނަށް ލިބިފައިވެއެވެ. ނަމަވެސް ޒިޔާދުގެ ފަރާތުން ރުހާމަށް ދުއްތުރާއާއި އަނިޔާ ލިބުމަށް ނޭދެމޭ މުސްކާން ބުނަނީ ކޮންމެވެސް ހަޤީޤަތެއް ސިއްރުކުރަންވެގެންނެވެ. އެކަމުގައި ފޮރުވިފައިވާ ހަޤީޤަތްތަކެއް ވާނެކަން މުޖައްރިބެވެ.

"ބައްދަލުކުރެވޭ ގޮތްވީމަ އަހަރެން ބުނާނަން." މުސްކާން އިތުރަށް ބުންޏެވެ. "ދެންދޭ ރުހާމްވެސް. މިތާ ތިއްބައި އެމީހުންނަށް ފެނިއްޖެނަމަ ކަމަކުނުދާނެ. ގޯސް ނަތީޖާއެއް ނުކުމެދާނެ."

"ޒިޔާދުދެކެ ހާދަބިރެކޭ ތި ގަންނަނީ." ރުހާމް ހިތްހަމަނުޖެހުނެވެ. "މީހަކަށް އެނގިދާނެތީ ރައްޓެހިވެގެން އުޅޭކަން އަންގާކަށް ބޭނުމެއްނުވޭ. ބައްދަލުކުރާކަށް ބޭނުމެއް ނުވޭ. މިހެން ކިހާދުވަހަކު އުޅެންޖެހޭނެތަ؟ މިހާރު ތީ ކުޑަކުއްޖެއް ނޫން ދޯ؟ މަވެސް ބޭނުންވޭ އެހެންމީހުން ގޮތަށް ފާޅުގައި މުސްކާންއާ ބައްދަލުކޮށް އުޅެން. އެކަމަކު މުސްކާން އެއްގޮތަކަށްވެސް އެހެންމީހަކަށް މިގުޅުން އެނގޭކަށް ބޭނުމެއްނުވޭ. އަންގާކަށް ބޭނުމެއްނުވޭ. ކުޑަމިނުން އާއިލާމީހަކަށް ވެސް. މިހާރު އެތައް ދުވަހަކު ބުނެވިއްޖެ ޒިޔާދުދެކެ މަށެށް ބިރެއް ނުގަނެއޭ. މަ ނުގަންނަ ބިރެއް މުސްކާން ގަންނަންޖެހޭތަ؟ ބުނޭ ރަނގަޅަށް. މިރޭ މުސްކާނަށް ގެޔަށް ވަދެވޭނީ ސަބަބު ބުނެދީފަ. ވަރިހަމަ ރަށުގެ އެންމެ އެއްވިޔަސް. މުސްކާނަށް ގެޔަށް ވަދެވޭނީ ތިވެގެން އުޅޭ ގޮތެއް ކިޔާދީފައި."

ރުހާމް ހިތްހަމަނުޖެހިފައި ހުރެ މުސްކާންގެ އަތުގެ މުލަށްދަނޑީގައި ހިފާލީ ބާރަށެވެ.

"އައްދިއްޔޯތް! ތަދުވެޔޭ." ރުހާމްގެ އަތް ނައްޓުވާލަން މަސައްކަތް ކުރަމުން މުސްކާން ބުނެލިއެވެ.

"މުސްކާން ތިއުޅޭ ގޮތަކުން މަށަށްވެސް ތަދުވެޔޭ. މަގޭހިތަށް މިވާ ތަދު މުސްކާނަށް އިޙްސާސްކުރެވޭތަ؟ ވެގެން އުޅޭގޮތް ސާފުކޮށް ބުނެދީބަލަ. ހެޔޮނުވާނެ." ރުހާމް އާދޭސްކުރިއެވެ. ނަމަވެސް މުސްކާން އެ އަޑެއް ނޭހިއެވެ. ހިތުގެ އެންމެ ފުނުގައި ވަޅުލެވިފައިވާ ސިއްރު ބުނެދިނުމަށް މުސްކާން ފަސްޖެހުނެވެ. އެ ސިއްރު ބޭޒާރުވެއްޖެނަމަ ރުހާމް އޭނާއަށް ގެއްލިދާނެހެން މުސްކާނަށް ހީވަނީއެވެ. ޒިޔާދު ފަރާތުން ރުހާމަށް ލިބިދާނެ ގެއްލުމަކަށްވުރެން ބޮޑަށް އެ ސިއްރު ބޭޒާރުވުމުން އެމީހުންގެ ގުޅުމަށް ވެދާނެ ގޮތަކާމެދު މުސްކާން ކަންބޮޑުވެއެވެ.

ރުހާމްގެ ސުވާލަށް ދޭނެ ޖަވާބަކާމެދު ވިސްނަމުން މުސްކާން އިސްޖެހިއެވެ. އޭރު އޭނާގެ ދުލުން ބުނަން ބޭނުންވާ އެތަކެއް ވާހަކައެއް އެ ހިތަށް އަރައި ފައިބަމުންދިޔައެވެ. އެ ވާހަކަތަކުން ސިކުނޑި ހާސްކުރަން ފެށުމުން މުސްކާންގެ ދެލޮލަށް ކަރުނަ ގިނަވާން ފެށިއެވެ. އިރުކޮޅަކުން މަޑުމަޑުން ގިސްލެވެން ފެށުނެވެ. އެހިސާބުން ރުހާމަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. މުސްކާންގެ ގިސްލުމުގެ އަޑުއިވިފައި އެހިތުގައި އުފެދުނު ރުޅިވެރިކަން ފިލާ ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާގެ ބާރުކޮށްލެވިފައި އަތް މުސްކާންގެ އަތުން ވަކިކޮށްލަމުން ތިރިކޮށްލިއެވެ. އެއްވެސް ކަމެއްގައި މުސްކާނަށް މަޖުބޫރުކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. އެއަށްވުރެ ބޮޑަށް މުސްކާންދެކެ ރުހާމް ލޯބިވެއެވެ. ހިތާއި ފުރާނައިންނެވެ.

"ދެން ވަދޭ ގެޔަށް. މުސްކާނަށްޓަކައި އަހަރެން މުޅި އުމުރު ދުވަހުވެސް އިންތިޒާރުކޮށްފާނަން. އެހާވެސް ބޮޑަށް އަހަރެން ލޯބިވޭ."

މުސްކާންގެ ކޯތާފާތުގެ ދެފަރާތުގައި ހިފައި އުފުލާލަމުން ނިތްކުރީގައި ރުހާމްގެ ތުންފަތް ޖައްސައިލިއެވެ. ދެން އެއަތް ތިރިކޮށްލައިފައި ދެ ޖީބަށް ދެއަތް ކޮށްޕާލިއެވެ. އަދި މަޑުމަޑުން ހިނގާލައިފައި މުސްކާންއާ ދުރަށް ފިޔަވަޅު އަޅަމުން ގޮސް ލޯމަތިން ގެއްލުނެވެ.

މުސްކާން ހުރި ފިޔަވަޅު މަތިން ގުޑާލީ ދެނެވެ. ގޭގެ ބިއްފަޅިން ގޮސް މުސްކާންގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އޭނާ ހުއްޓުނެވެ. އަތުގެ އިނގިލީގެ ނިޔަފަތިތަކުން މެދުގައިވާ ދޮރުގެ ދާރާގައި ހިފައިލުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. އެޔާއެކު އެތަނުގައިވާ ކަނު އަނދިރިކަމުގެ ތެރެއަށް ފޭދިގެން އައީ ކޮޓަރި ތެރޭގައިވާ ދިއްލާފައިވާ ނިދާބޮކީގެ އަލިކަމެވެ. ދެފަރާތުގެ ދޮރުކަނީގައި ބާރަށް ހިފައިލައި މުސްކާން ހިންދެމިލަމުން ކޮޓަރި ތެރެއަށް ފުންމާލިއެވެ. ދޮރު ލައްޕާ ތަންޑު އެޅުވުމަށްފަހު އެނބުރި ހިނގައިގަތުމާއެކު މުސްކާންގެ ހަތަރެސް ފައިގައި ތަޅު އެޅުވިގެންދިޔައެވެ. އެނދުމަތީގައި ހެވިފައި އޮތް ޒިޔާދު ފެނުމާއެކު އޭނާގެ ހަށިގަނޑުގައި ބިރުވެރި ރާޅު ބާންޏެއް ދުވެލިއިރު ސިކުންތުކޮޅަކަށް ނޭވާލާން ވެސް ހަނދާންނެތުނެވެ.

*2018 ވަނަ އަހަރު*

ހިތްގައިމު ދުވަހެކެވެ. އުޑުމަތި ސާފުވެފައި ކަނޑު މަޑެވެ. ކަނޑުގައި ތަރަފާލެއް އަޅާލެވިފައި އޮތް ކަހަލައެވެ. ނަމަވެސް މާފުށްޓާ ދިމާއަށް ދުއްވަމުން އައި ލާންޗުގެ ހަލުވި ދުވެލީގެ ސަބަބުން އެ ކަނޑުގެ ރާޅުތައް ފޮނުއަރާ ކެކެމުން ދިޔައެވެ. ކަނޑުގެ ރާޅުތައް ކަފަމުން ކަހަލަ ގޮތަކަށް އައި ލާންޗު ދުވެލި މަޑުކޮށްލީ މާފުށީ ފަޅަށް ވަދެވުމުންނެވެ. ބަނދަރާއި ކައިރިކޮށްލުމާއެކު ފަޅުވެރިން ނުކުމެ ލާންޗު ހައްޔަރުކުރިއެވެ. ރަށުގެ އަހުލުވެރިންނާއި އެރަށަށް އެކިއެކި ބޭނުންތަކުގައި އައި މީހުން މަޑުމަޑުން ފައިބަން ފެށިއިރު މާޒިން އައީ ލާންޗްއާ ދިމާއަށެވެ. އޭނާ ހުރީ ފޯނު ކަންފަތުގައި ޖައްސައިލައިގެންނެވެ.

"ދަރިފުޅާ. ބައްޕައަށް ދެވެންދެން މަޑުކޮށްލަންވީނު. ބައްޕަ މިހިރީ މާފުށީގައި." މާޒިން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ދަރިފުޅު އަޝްވާއާއެވެ. "މިރޭ މާލެއަށް ދެވޭނެހެން ހީވަނީ."

"ރޭގަވެސް ބުނީ ތިހެން." އަޝްވާ ކުސްތަޅާލައިފައި ބުންޏެވެ. "ބައްޕައަށް ދުވަހަކު ވެސް ޓައިމެއްނުވާނެ."

"ދެން އެކުން ބޮޑާނުހާކާ. މިހާރު ތީ ކުޑަކުއްޖެއްވެސް.." މާޒިން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން މަޖުބޫރު ވީ ލާންޗު ކައިރީގައި ހުރި މީހަކު ފެނިފައެވެ. ކަޅުކުލައިގެ ދަބަހެއް އަޅުވައިގެން ހުރި އެމީހާ ފުރަގަހުން ފެނުނު ނަމަވެސް އެއީ ރުހާމްކަން މާޒިންއަށް ދެނެގަނެވުނެވެ. ދެން އޭނާގެ ނަޒަރު ސީދާވެގެން ދިޔައީ ލާންޗުގެ ދިރުނބާ ކޮޅުގައި ކަޅު ހެދުމަކާއި ނޫ ކުލައިގެ ޝޯލެއް އަޅައިގެން ހުރި ޒީކްއަށެވެ. ޒީކް އަތް ދިއްކޮށްލުމުން ރުހާމް އެއަތުގައި ހިފުމާއެކު ޒީކް ބަނދަރު މައްޗަށް ފުންމާލިއެވެ. އެމީހުން މާޒިން ހުރި ދިމާއަށް ހިނގާލައިފައި އަންނަމުން ދިޔައިރު ވެސް މާޒިންއަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައި ހިލައިގެ ބުދެއް ފަދައިންނެވެ.

"ބައްޕާ... ބައްޕާ.." އަޝްވާ ގޮވަމުން ދިޔައެވެ.

"ޒީކް މިރަށަށް އައީ ކޮންކަމަކު؟" ކުޑަކޮށް ސިހިފައި މާޒިންއަށް އަހައިލެވުނެވެ.

"ބައްޕައަށް ޒީ ފެނުނީތަ؟" އަޝްވާ ބުނި އަޑުއިވުނެވެ. "ޒީގެ ބައްޕައާ ބައްދަލުކުރަން ދިޔައީ."

"އާނ! އެންމެ ރަނގަޅު! ބައްޕަ މިރޭ ގޮސް ގުޅާނަން." މާޒިން ފޯނު ކަނޑާލައިފައި ޖީބު ތެރެއަށް ފޯނު ކޮށްޕައިލިއެވެ.

ޒީކްއާ ރުހާމް ވާހަކަތަކެއް ދައްކަމުން އެއްގަމަށް އަރައިގެން ދިޔައީ މާޒިން ހުރަސް ކަނޑާފައެވެ. ނަމަވެސް އެމީހުންގެ ލޮލުގައި މާޒިން އަޅައި ނުގަތީ އެމީހުން ދައްކަމުން ދިޔަ އޮލަ ވާހަކައިގެ ސަބަބުން ކަންނޭގެއެވެ. މާޒިން އެދެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން އިރުގަނޑަކު ވިސްނަން ހުއްޓެވެ. އޭނާގެ ވިސްނަމުން ދިޔައީ ކޮންކަމެއް ކަމާމެދުގައިކަން ނޭނގުނު ނަމަވެސް އެ ތުންފަތް މައްޗަށް ވެރިވި ކެހިވެރި ހިނިތުންވުން ހެކި ދިނީ ނުބައި ރޭވުމެއް ރާވަލީކަމުގައެވެ. އޭނާ މަޑުމަޑުން ރުހާމްމެންގެ ފަސްފަހަތުން ހިނގަމުން ދިޔައެވެ. އެމީހުންނަށް ނުފެންނާނެހެންނެވެ. ދިޔަ މަގުމަތީގައި އިރުއިރު ކޮޅުން އެދެމީހުންގެ ފޮޓޯއެއް ނަގާލައި ފޯނުގައި ރައްކާކޮށްލައެވެ.

މާފުށީ އަތިރިމަތީގައި ހުރި ކަނޑު ނޫކުލައިގެ ހަތްބުރީގެ އިމާރާތާ ހަމައަށް ދެވުމުން ރުހާމް ހުއްޓުނެވެ. އިމާރާތުގެ ބޭރުގައި ޖަހާފައިވާ ނަން ކިޔާލައި، އެ އިމާރާތުގެ މައްޗަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ޒީކްގެ މޫނަށް ރުހާމްގެ ނަޒަރު ސީދާކޮށްލިއެވެ. ޒީކް ލުއި ގޮތަކަށް ހީލިއެވެ. ނަމަވެސް އެ މޫނުން ފެންނަނީ ނުތަނަވަސްކަމެވެ. އެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ކަންބޮޑުވުން އެދެލޮލުން ރުހާމަށް ސާފުކޮށް ފެނުމުން ދެއަތަށް ބޯ ހޫރުވާލެވުނެވެ.

"ދެން ތިވަރަށް ނުވިސްނަބަލަ." ރުހާމް އެދުނެވެ. "މަ މޯނާ ހަމައަކަށް އަޅުވާނަމޭ."

"ބިރުގަނޭ! ހިތްވެސް ބާރަށް އެބަތެޅޭ." ދެއަތުގެ އިނގިލިތަކާ ކުޅެމުން ޒީކް އިސްޖަހައިލިއެވެ. "ދައްތައަށް އެނގިއްޖެއްޔާ ރުޅި އަންނާނެ. މިރަށަށް އައިތީވެސް ދައްތަ ހުންނާނީ ރުޅިއައިސްފަ. އަދި ހޮޓެލްގައި މަޑުކުރިކަން އެނގިއްޖެއްޔާ ދުވަސް ދިޔައީ. މިތަނަށް ވަންނާނެކަމެއް ނެތް! ހިނގާދާން. މިހާރު ގަޑިން 08 ޖަހަނީނު. ދެން އޮތީ 02 ގަޑިއިރު. ބައްޕައާ ބައްދަލުކޮށްފައި މާލެ ފުރޭނެ ގޮތެއް ހަމަނުޖެހޭނެތަ؟"

"ޒީކް. ހާސްނުވެބަލަ!." ޒީކްގެ ހިތްހަމަޖައްސައިދެވޭތޯ ރުހާމް އުޅުނެވެ. "މޯނާ ރުޅި އަންނާނެ އަހަރުމެން ފުރަންވަންދެން މަގުމަތީގައި އުޅުނަސް. ނޫޅުނަސް. އަވަހަށް މާލެދިޔަސް ނުދިޔަސް ރުޅިއަންނާނެ. މޯނާއަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެކަން އެނގޭނު. އެހެންވީމަ އޭނަ ރުޅި އަތުވެދާނެކަމަކަށް މަ މަގުމަތިގައި ތެޅިތެޅިފައެއް ނުދާނަން. އަދި އަވަހަކަށްވެސް ނުދާނަން. މާލެދާނީ ހަމަޖެހިގެން ޒީކް ކުރަން ތިއައިކަމެއް ކޮށްގެން މިރޭ ފެރީ ފުރާގަޑީގައި. އެހާއިރުވަންދެން އެއްވެސް ތަނެއް ނުނަގައި ބޭރުގަ ނޫޅެންވެގެން މިތަނަށް މިއައީ. ފާހާނާކޮށް ކުޑަކޮށް ތައްޔާރުވެސް ވެލަންޖެހޭނެ ކަންނޭގެ. މުޅި ދުވަސް އޮތްގޮތަށް އޮތީނު އަދި."

ޒީކް އިތުރަށް އެއްޗެއް ނުބުނި ނަމަވެސް އޭނާގެ ހިތް އެއްގޮތަކަށްވެސް ހަމައަކަށް ނޭޅެއެވެ. މޯނާއަށް ސިއްރުން ގެއިން ނުކުމެގެން އައިންސުރެން ބައްޕައާ ބައްދަލުވުމުން ދައްކާނެ ވާހަކައަކާމެދުވެސް އޭނާއަށް ފިކުރުކޮށް ނުލެވެއެވެ. އޭގެ ބަދަލުގައި އެނބުރި މާލެ ދިޔުމުން މޯނާ ކަންތައްކުރާނެ ގޮތަކާމެދު ވިސްނާވިސްނާ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. މޯނާ ހޭލުމުގެކުރިން ދެމީހުން ފުރައިގެން އައުމުން ވެސް މޯނާ ވިސްނާނީވެސް އެންމެ ނުބައިކޮށެވެ. އަދި އޭގެ އިތުރުން މޯނާ ދީފައިވާ އިންޒާރުގެ މަތިން ހަނދާން ނައްތާލެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟

"މަގޭ ފިރިމީހާއާ ދުރުގަ ހުރޭ. އޭނަ ގޮވައިގެން މާފުށްޓަށް ކީއްކުރަން މިހިރަ ކަންމަތީ ފިހާރައަށް ދިޔަކަން އެނގުނަސް މަގޭ ހުރި ނުބައިކަން ދައްކާލާނަން!" މޯނާގެ ހަރުކަށި އެލަފުޒުތައް ކެނޑިނޭޅި ޒީކްގެ ކަންފަތް ބުޑުގައި ގުގުމާކަހަލައެވެ.

"ޒީ..." ޒީކްގެ ކޮނޑުގައި ރުހާމް އަތްޖައްސައިލުމާއެކު ޒީކް ސިހުނެވެ.

"ހިނގާ އެތެރެއަށް ދެން." ރުހާމް ދޮރު ހުޅުވާލައިފައި ހޮޓެލް ތެރެއަށް ވަނުމުން ޒީކްވެސް ފަހަތުން ވަނެވެ. އެމަންޒަރު ބަލަން އަތިރިމަތީގައި ހުރި ރުއްތަކުގެ ނިވަލުގައި ހުރި މާޒިން ހިނގައިގަތީ ދެނެވެ.

ރުހާމުމެންނަށް ކޮޓަރި ހަމަޖެހުނީ ދެވަނަ ފަންގިފިލާއިންނެވެ. ހޮޓެލްގެ މުވައްޒަފަކު ކޮޓަރީގެ ދޮރު ހުޅުވާލައިދީފައި ދިޔުމުން ރުހާމް އެތެރެއަށް ވަނެވެ. ޒީކްވެސް ފަހަތުން ވަދެ ކޮޓަރީގެ ހަތަރުފަރާތަށް ނަޒަރު ހިންގާލިއެވެ. އޭސީގެ ފިނިކަމުންނާއި ތަނުގެ ސާފުތާހިރުކަމުން ކުޑަ ހިތްހަމަޖެހުމެއް ޒީކަށް ލިބުނެވެ. ދެއަތުންދެއަތުގެ ހިކަނދިމަސްގަނޑުގައި ފިރުމަމުން އޭނާއަށް ހިނގައިގެނުވީ ބާލުޚާނާއާ ދިމާއަށެވެ. ބާލުޚާނާއަށް ނުކުތުމާއެކު ފިނިވައިރޯޅިތައް އައިސް ޒީކްގެ ހަށިގަނޑުގައި ބީހެންފެށުމާއެކު ހަށިގަނޑަށް އަރާމްވިއެވެ. ދުރުން ފެންނަން އޮތް ކަނޑުން އަންނަ ފިނި ވައިރޯޅިތަކަށް ކިޔަމަންވުމުގެ ގޮތުން ރުއްތައް ނަށާލަނަށާލާ ތިއްބެއެވެ. ހުދުހުދު ދޮންވެލި ގަނޑުމަތީ ކުޑަކުދިން ދުވަމުން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. މޫދު ކަސްރަތުކުރުމުގައި ހޭލަމޭލަވެގެން ވެސް ބަޔަކު އުޅުނެވެ. އެ ހިތްފަސޭހަ ހިތްގައިމު މާހައުލުން އުފާ ހޯދަމުން ދިޔަ ޓޫރިސްޓުން ވެސް ދުރުދުރުން ފެނެއެވެ. ޒީކްގެ ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސްކަން ހިނދުކޮޅަކަށް ފިލާ ދިޔަ ކަހަލަ އިޙްސާސެއް އެ ގުދުރަތީ މާހައުލުން ކުރެވުނެވެ.

"ވަރަށް ހިތްފަސޭހަ ދޯ؟" ރުހާމްގެ އަޑުއިވިފައި ޒީކް އެނބުރުނެވެ. ބާލުޚާނާގެ ދޮރުގައި އެއްއަތް ވިއްދައިލައިގެން ހުރި ރުހާމަށް ބަލާލަމުން ޒީކް ހިނިތުންވެލީ މަޑުމަޑުން ބޯ ޖަހައިލަމުންނެވެ. ޒީކްގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތްމަތީގައި ކުރަހާ ލެވުނު ހިނިތުންވުމުން ރުހާމްގެ ހިނިތުން ފުންވެގެން ދިޔައެވެ.

"އަސްލުވެސް ވަރަށް ހިތްގައިމު. ދެތިންދުވަހު މިތާ މަޑުކޮށްލަންވީ ކަންނޭގެ." ސަމާސާ ރާގެއްގައި ރުހާމް ބުންޏެވެ. "ހިތްހަމަޖައްސައިލަން."

"އަދިވެސް ދައްތަ ރޭސް އަރާވަރު ކުޑަވެގެންތަ؟" ޒީކް ދެލޯ ބޮޑުކޮށްލާފައި ލޮލުގެ ހިމަކޮޅުން ރުހާމަށް ބަލާލިއެވެ. ރުހާމް ބާރަށް ހީގަތެވެ. ޒީކަށްވެސް ހެވުނެވެ.

އެވަގުތު ޒީކް އަތްދަބަހުގައި އޮތް ފޯނު ރަނގަބީލުވާން ފެށިއެވެ. ހެމުންހެމުން ފޯނު ނަގައި ބަލައިލިއެވެ. އިސްކުރީނަށް އަރާފައިވާ މޯނާގެ ނަން ފެނުމާއެކު މުޅި މޫނުގެ ކުލަވަރު ބަދަވެގެންދިޔައެވެ. ހިނދުކޮޅެއްގެ ކުރިން އޭނާ ދޫކޮށްފައިދިޔަ ހިތްނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، ބިރުވެރިކަން ހަތަރުފަރާތުން އައިސް އޭނާ ވަށައިލިއެވެ. ހާސްކޮށްލިވަރުން ނޭވާވެސް ދިޔައީ އުފުރިގެންނެވެ. ޒީކްގެ ކުލަ އޮއްސިގެންދިޔަ މޫނު ފެނިފައި އެ ފޯނަށް ގުޅަނީ ކާކުކަން ދެނެގަތުމަށް ރުހާމް ފަޅި ސިކުންތެއްވެސް ނުނެގިއެވެ. ޒީކް ފޯނަށް ބަލަހައްޓައިގެން ހުއްޓައި ރުހާމް ފޯނު އަތުލިއެވެ.

"ހަލޯ؟" ފޯނަށް ޖަވާބު ދިނީވެސް ރުހާމެވެ.

"މަކަރުވެރި އަންހެނާ. ބަހުލޫލު!" މޯނާ ފެލިގަތް އަޑު އިވުމާއެކު ރުހާމަށް ކުޑަކޮށް ފޯނު ކަންފަތާ ދުރުކޮށްލެވުނެވެ. "ހާދަހާވާ ގޮތްކުޑަ އަންހެނެކޭ ތީ. މަބުނީ ހަމަ ރަނގަޅަށް ކަލޭ ތީ ދެވަނަ މުސްކާން."

"މޯނާ.." ފޯނު ކަންފަތުގައި ޖައްސައިލަމުން މަޑުމަޑުން ރުހާމް ގޮވައިލިއެވެ.

"ކަލެޔެކޭ މުސްކާނެކޭ ހަމައެއްވެސް ތަފާތެއް ނެތީއޭ." މޯނާއަށް ރުހާމްގެ އަޑުއިވުނު ހެނެއް ހިޔެއްނުވެއެވެ. އަވަސް ނޭވާތަކެއް ލަމުން މޯނާ ދިޔައީ ބާރަށް ހަޅޭއްލަވަމުންނެވެ. "ކަލޭ ތިތެޅެނީ މުސްކާން ދުނިޔޭގަ އެ އަންހެނާއަށް ނުކުރެވުނު ހުރިހާ ކަމެއް ކުރަންތަ؟ ހުންނަ ގޮތްކުޑަކަން. ހާދަހާވާ ގޮތެއްވެސް ނެތީ. އަގަލެއް ކުލުނެއް. ގޮތެއްފޮތެއް ނެތްމީހެއް ތި ނޫނި މަ ނުދެކެން. ހަޔާތްކުޑަވީތާ މަ އެވަރަށް މަނާކުރީމަވެސް ކަލެޔަށް ދާން ތިކެރުނީތީވެސް! އަދި އެވަރުން ނުވެގެން ތަންތަނުން ކޮޓަރި ކުއްޔަށް ހިފައިގެން.."

"މޯނާ........" ރުހާމް މިފަހަރު ގޮވައިލީ ތަންކޮޅެއް ބާރަށެވެ.

"ހަޅޭލަވާނެކަމެއް ނެތް." ރުހާމްގެ އަޑުއިވުމުން މޯނާގެ ރުޅި އިތުރަށް ގަދަވިހެން ހީވިއެވެ. "ކަލޭ ޅަ އަންހެންކުދިން ގޮވައިގެން ތިތެޅޭ ތުއި ބަލާކަށް މަށެށް ނުތެޅެން. ތި އަންހެނާ ގޮވައިގެން އެނބުރި މިގެއަށް އައިސް ވަދެގެންނުވާނެ. ހަނދާންކުރާތި."

މޯނާ ވަރުގަދަ އިންޒާރެއް ދީފައި ފޯނު ކަނޑައިލިއެވެ. ރުހާމް ފޯނު ތިރިކޮށްލީ ދާދި ގާތުގައި ހުރި ޒީކަށް ފުން ނަޒަރެއް ދެމުންނެވެ. ރުހާމް އެތެރެއަށް ދަމާލި ނޭވާތައް ފަޒާގެ ތެރެއަށް ދޫކޮށްލި ގޮތުން ބޮޑުކަމެއް ވެއްޖެކަން ޒީކަށް ރޭކާލިއެވެ. ނަމަވެސް ސުވާލުކުރާކަށް ދުލެއް ޚަރަކާތެއް ނުކުރިއެވެ. ފިނިވެފައިވާ ދެއަތްތިލަ އުނގުޅަމުން އޭނާ ރުހާމްއާ ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ކޮންމެވެސް މީހަކު އަހަރުމެންނަށް ފާރަލައިފި. މިތަނުން ރޫމް ނެގިކަން މޯނާއަށް އެނގިއްޖެ." ރުހާމް ބުނަންއުޅޭ އެއްޗެއްގެ އިންތިޒާރުގައި ހުއްޓައި އިވުނު ވާހަކައަކުން ޒީކް އިތުރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

(ނުނިމޭ)

* ފަސްވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ވވރީތި މި ވާހަކަ

    4
    1
  2. ތަންކޮޅެއް ކުރި

    ތަންކޮޅެއް ކުރިންވެސް ވަގުތުގަ ވ ރީތި ވާހަކައެއް ގެނަސްދިން . އެކަމު އުޅެ އުޅެވެސް އެއްކޮށް އެވާހަކަ ނުފެނުން. މިވާހަކަ ހާދަ ރީއްޗޭ. ޢެއްކޮށް ގެނެސްދޭތި