2001 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު، ގއ ދެއްވަދޫއަށް އުފަން އަފްނާން އަޙުމަދަކީ މަންދީރާ ބޮޑުބެރު ގުރޫޕުގެ އެންމެ ހަގު މެމްބަރެވެ. އަފްނާންގެ އާއިލާއަކީ ވެސް ކުޑަ އާއިލާއެކެވެ. އެއްބަނޑު އެއްބަފާ ތިބެނީ ދެ ކޮއްކޮއެވެ. އެހެންކަމުން އަފްނާނަކީ އެ އާއިލާގެ އެންމެ ދޮށީ ދަރިއެވެ.

ދެއްވަދޫ ސުކޫލުން ގުރޭޑް 7 އާއި ހަމައަށް ކިޔެވުމަށްފަހު، ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށް އޭނާ މާލެ ބަދަލުވިއެވެ. ޖަމާލުއްދީން ސުކޫލުން ގުރޭޑް 10 ފުރިހަމަ ކުރުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވެ މަންދީރާ ބޮޑުބެރު ގުރޫޕާއި ގުޅުމުގެ ފުރުޞަތު އޭނާއަށް ލިބިގެން ދިޔައެވެ. އަދި އެ ދާއިރާއަށް ޝައުޤު އުފެދުނު ގޮތް އޭނާ ވަނީ "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

"ރަށު ސުކޫލުގައި އުޅުނު އިރު އެއްދުވަހު، ޓީޗަރުންގެ ދުވަހަށް އަމިއްލައަށް ލަވައެއް ހަދައިގެން، އެއީ އަސްލު މަޖަލަކަށް ކުރި ކަމެއް ފުރަތަމަ. ދެން ބޮޑުބެރު ޗެލެންޖު ވަރަށް ގިނައިން ބަލަން. އެގޮތަށް ފުރަތަމަ ޝައުޤުވެރިކަން އުފެދުނީ. ދެން މާލެ ގޮއްސަ ސުކޫލު ނިންމާފަ އޭގެފަހުން މަންދީރާއާއި ދިމާވީ. މަންދީރާއާއި ދިމާވީ ކެޑޭޓު އިންސްޓްރަކްޓަރެއްގެ ފަރާތުން. ބާނި ގުރޫޕުގަ ނަށަން އުޅޭ މީހެއް އެއީ." އަފްނާން ބުންޏެވެ.

އަފްނާނަކީ މަންދީރާ ގުރޫޕުގެ ބެކް ވޯކަލިސްޓެކެވެ. ނަމަވެސް އޭނާ އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ލީޑް ވޯކަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ދުވަހެއް އަވަސް މުސްތަޤުބަލެއްގައި ފެނިގެން ދިއުމެވެ. ނެރުމަކީ ވެސް އޭނާއަށް ކުރަން އުނދަގޫ ކަމެއް ނޫނެވެ. ކުރުގޮތަކަށް ބުނާނަމަ، ބެރު ޖެހުން ފިޔަވާ އެހެން ހުރިހާ ކަމަށްކަށް ވެސް އޭނާ ވަރަށް ފިޓެވެ.

މަންދީރާ ބޮޑު ބެރު ގުރޫޕުގެ އަފްނާން - ފޮޓޯ: މަންދީރާ

"ފުރަތަމަ ފެށީ ޒުވާބު. ދެން މިހާރު ނަށަން ވެސް ނަށަން. އާއްމުކޮށް ޒުވާބުގައި ހުންނާނީ. ބެކް ވޯކަލިސްޓަކަށް. ވަރަށް ބޭނުންވޭ ލީޑް ވޯކަލިސްޓް އަކަށް ވުން. އެގޮތަށް ފޮލޯ ކުރާ މީހުން ވެސް ތިބޭނެ. 1438 ބޮޑުބެރު ގުރޫޕުގައި އުޅޭ މުޝީ އަކީ ފޭނެއް. ވަރަށް ބޭނުންވޭ އެ ފެންވަރަށް ލަވަ ކިޔަން. ނަށަން ފުރުޞަތު ލިބިއްޖެނަމަ ނަށަން ވެސް ނަށާނަން." އަފްނާން، އޭނާގެ އުންމީދުތައް "ވަގުތު" އަށް ކިޔައިދިނެވެ.

އުމުރުން ކިތަންމެ ހަގު ނަމަވެސް، ރަނގަޅު ދިރިއުޅުމަކާއި ދޭތެރޭ އޭނާ ވަރަށް ވިސްނައެވެ. ބޮޑުބެރު ޖެހުމަކީ އާމްދަނީ އެއް ހޯދުމަށް ކުރާ މަސައްކަތަކަށް ނުވާތީ، ޢުމުރުން 18 އަހަރު ފުރުމުން އެންމެ ފުރަތަމަ ވެސް އޭނާ ބޭނުންވަނީ ސިފައިންގެ އަށް ވަދެވޭނެ ފުރުޞަތެއް ލިބިގެން ދިއުމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސުކޫލުގައި އުޅުނު ދުވަސްވަރު އަފްނާނަކީ ކެޑޭޓެކެވެ. އެކަމުގެ ސަބަބުން ސިފައިންގެ ފަދަ ޤައުމީ ޚިދުމަތަކަށް ވަނުމަށް އޭނާ ހުރީ ވަރަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ.

މަންދީރާ ބޮޑު ބެރު ގުރޫޕުގެ އަފްނާން، ގުރޫޕިގެ ބައެއް މެމްބަރުންނާއި އެކު - ފޮޓޯ: މަންދީރާ

"ބޮޑަށް ބޭނުންވަނީ ސިފައިންގެއަށް ވަންނަން. ސުކޫލުގައި އުޅުނު އިރު އަޅުގަނޑު އުޅުނީ ކެޑޭޓުގަ އެހެންވެ ބޮޑަށް އެ ދާއިރާއިން ކުރިއަށްދާން ބޭނުންވަނީ. އަށާރަ އަހަރު ވީމަ އެ މަސައްކަތް ފަށާނަން. ސިފައިންގެއަށް ވަދެގެން ވެސް މަންދީރާ ގައި އުޅޭނީ. އެއީ ދެވަނަ ފެމިލީ. އެހެން ގުރޫޕަކުން އިރާދަކުރެއްވިއްޔާ ނުފެންނާނެ." އަފްފާން އޭނާ ދެކޭ ހުވަފެންތައް ހިއްސާ ކުރިއެވެ.

މަންދީރާ ބޮޑުބެރު ގުރޫޕުގައި މިވީ އެއް އަހަރު ދުވަސް ތެރޭގައި އަފްނާން ވަނީ މާލޭން ބޭރުގައި ވެސް އެތައް ޝޯއެއް ޕާފޯމް ކޮށްފައެވެ. ޢުމުރުން 25 އަހަރު ފުރުމުން ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާ އަފްފާން އަަބަދުވެސް ފެނިގެން ދާނީ މަންދީރާއިން ކަމަށާއި، މަންދީރާ ގުރޫޕުގެ ހުރިހާ މެމްބަރުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރާކަމަށް އޭނާ ބުންޏެވެ. "ވަގުތު" ގެ ފަރާތުން އަބަދުވެސް އެދެނީ އަފްނާނަށް އުފާވެރި ދިރިއުޅުމެއް ލިބިގެން ދިއުމެވެ. އަދި މުސްތަޤުބަލުގައި ސިފައިންގެ މީހެއްގެ ވަޒީފާއިން ފެނި، ޤައުމަށް ރަނގަޅު ޚިދުމަތެއް ކޮށްދޭނެ، ޤައުމު ދެކެ ލޯބިވާ ދަރިއެއްގެ ގޮތުގައި އަބަދުވެސް ފެނިގެން ދިއުމެވެ.