ބާބު 5 - ކަޝްފު

ޒިޔާދު އެނދުން ތެދުވީ ކެހިވެރި ހިނިތުންވުމެއް ފާޅުކުރަމުންނެވެ. އޭނާ މަޑުމަޑުން އައިސް މުސްކާންއާ ދާދިގާތުގައި ހުއްޓުނު އިރުވެސް މުސްކާން ހުރީ ގަނޑުވެފައެވެ. އިސްޖެހިފައެވެ. އޭނާ ތުބުން ފުމެމުން މުސްކާންގެ ވަށައިގެން މުގޯލި އަޅަން ފެށިއެވެ. ބައެއް ފަހަރު މުސްކާންގެ ހަށިގަނޑަށް ބަލަމުން އަނެއްބައި ފަހަރު ފަންގިފިލަޔަށް ނަޒަރެއް ދެމުންނެވެ. މުސްކާން ހުރީ ސިހިސިހިއެވެ.

"ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަސް.." ޒިޔާދު ފަޚުރުވެރިކަމާއެކު ކިޔަމުން ދިޔައެވެ. "މިއަދު މީ ވެރިމީހާގެ ދުވަސް. ވަގު ހިފިއްޖެ."

މުސްކާންގެ ދޮން ކަނދުރާގައި ޒިޔާދުގެ އިނގިލިތައް ޖައްސައި ބީހިލުމާއެކު މުސްކާނަށް ކަރަންޓު ޝޮކެއް ލިބުނު ކަހަލައެވެ. ކުއްލިއަކަށް ޒިޔާދު އާ ދުރަށްޖެހިލަމުން އިސްއުފުލާ ބަލާލިއިރު އެދެލޮލުގައި ފުނިޖެހިފައިވާ ކަރުނައިގެ ސަބަބުން ޒިޔާދު ފެނުނީވެސް ފުސްކޮށްނެވެ.

"ޒިޔާދު! ހެޔޮނުވާނެ! އަހަރެން އުޅޭނެ މީހަކާއެކު އުޅެން ދޫކޮށްލާ! އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ!" މުސްކާން ދެއަތް އުފުލާލަމުން އާދޭސްކުރާ ހާލުގައި ބުނެލިއެވެ.

ޒިޔާދު ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނާ ދަތްދޮޅީގެ ތިރިންފަޅާފައި ހުރި ދެތިން އިސްތަށީގައި އިނގިލިތަކުން ހިފާލަމުން ވިސްނާކަމަށް ހެދުނެވެ.

"މުސްކާން ތި ލޯބިވާ އޭނައަކީ ކާކު؟" ވަރުގަދަ ދެބުމަ ކައިރިކޮށްލަމުން ޒިޔާދު ސުވާލުކުރިއެވެ. "އޭނައަށް ވެސް ކޮންމެވެސް ނަމެއްކިޔާނެ ދޯ؟ އެސޮރަށް ކިޔަނީ ކޮންނަމެއްތަ؟"

ޒިޔާދު އެ ސުވާލުތައް ކުރީ ހުރިހާ ހަޤީޤަތެއް އެނގިހުރެކަން މުސްކާނަށް ޔަޤީންކުރެވުނީ އެ މޫނުން ފެންނަމުން ދިޔަ ކިބުރުވެރިމާއި ބޮޑާކަމުންނެވެ. އޭނާ ޖަވާބެއް ނުދީ ހަނު ހުންނަން ނިންމީ އެހެންވެއެވެ. ޒިޔާދު ކައިރިއަށް ޖެހިލަމުން ސުވާލު ތަކުރާރު ކުރިއެވެ. މިފަހަރުވެސް މުސްކާން އިޚްތިޔާރުކުރީ ހިމޭންކަމެވެ. ނަމަވެސް ދެލޮލުން ފައިބައިމުން ދިޔަ ކަރުނަތައް ފޮހެމުން އޭނާ ދެއަތަށް ބޯ ހޫރުވާލީ އެސުވާލު ނުކުރުމަށް އެދޭ ހާލުގައެވެ. ނުވަތަ އޭނާއާއި ރުހާމްއާ ދެމެދަށް އެޅޭ ހުރަކަށް ޒިޔާދު ނުވުމަށް އެދެމުންނެވެ. ހިމޭން ބަހުރުވައިން ޒިޔާދު ގާތުގައި މުސްކާން އެތައް ވާހަކައެއް ދެއްކިއެވެ. ކަރުނަވީ ލޮލުން ފެންނަމުންދިޔަ މޮޅިވެރިކަމާއި ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯ ތިރިކޮށްލުން ފަދަ އިޝާރާތްތަކުން އެތަކެއް ވާހަކައެއް ބުނެދިނެވެ. ޒިޔާދަށް އެހުރިހާ ކަމެއް ތަރުޖަމާ ކުރެވުނެވެ. މުސްކާންގެ ކަންބޮޑުވުން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"މަ ކުރިންވެސް ބުނީމެއްނުން ތިމާ ބިނުމުގެ ނަސީބު ލިބެންޖެހޭނީ މަށަށޭ. މަ ހާދަހާ ލޯބިވާ މީހެކޭ ތީ." ކުއްލިއަކަށް މުސްކާންގެ އަތުގައި ހިފައި ގާތަށް ދަމާލަމުން ޒިޔާދުގެ ދެއަތުގެ ތެރޭގައި މުސްކާން ހައްޔަރުކޮށްލިއެވެ. ލިބުނު ސިހުމާއެކު މުސްކާނަށް ދެ އުޅަނބޮށި ވިއްދާލެވުނީ ޒިޔާދުގެ މޭމަތީގައެވެ.

"ޒިޔާދު. ދޫކޮށްލާ." މުސްކާން އިދިފުށަށް ލެނބި މޫނު ދުރަށް އަނބުރާލިއެވެ. އެދެއަތުގެ ތެރެއިން ވީއްލިގަތުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ޒިޔާދު ހުރީ އެކަމަށް ހުށިޔާރުވެގެންނެވެ. އެ ލުއި ހަށިގަނޑު ސަލާމަތް ނުވެވޭ ގޮތަށް ކަސްތޮޅު އަޅުވައިގެންނެވެ.

"ޒިޔާދު.. ދޫކޮށްލާށޭ.." މުސްކާންގެ އަޑު ބާރުވިއެވެ.

"މުސްކާން ތީ މަގޭ ހައްޤެކޭ ކުރިންވެސް ބުނީމެއްނު." އެދެމުގައި ވި ދުރުމިން އިތުރަށް ކައިރި ކުރަން މަސައްކަތްކުރަމުން ޒިޔާދު ހަނދާންކޮށްދިނެވެ. "އެހެންމީހެއްދެކެ ލޯބިވުމުގެ ހައްޤެއް މުސްކާނަކަށް ނޯންނާނޭވެސް ބުނީމެއްނު. ދެން ކީއްވެގެން މަށަށް ސިއްރުން ތި ހުރިހާ ސަކަރާތެއް ތި ޖަހަނީ! މުސްކާންގެ ހަޤީޤަތް އެނގުނީމަ ރުހާމް ވެސް މުސްކާން ބޭނުމެއް ނުވާނެ! އެކަން މުސްކާން ހަނދާންނެތުނީތަ؟ މަ މިހުރީ މުސްކާންގެ ހުރިހާ ހަޤީޤަތެއް އެނގިހުރެ މުސްކާންއާ އިންނަން ތައްޔާރަށް! އަދިވެސް މިހުރީ އެގޮތުގައި. މުސްކާންދެކެ ކުޑަކޮށްވެސް ފޫހިނުވޭ! ތި ކުރެވުނު ކުށަށް މަ މާފުވެސް ދީފިން. އަދި ވަގުތު ފާއިތެއްނުވޭ. ރުހާމްއާ ގުޅުން ކަނޑާލާ. ހިނގާ އަހަރުމެން ދެމީހުން އިންނަން."

މުސްކާނަށް ހަރުކަށިކަން ދެއްކުމުގެ ބަދަލުގައި ޒިޔާދު ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ލޯތްބާއި އޯގާތެރިކަމާއެކުއެވެ.

"އަހަރެން ބޭނުންވަނީ ރުހާމް.. ލޯބިވަނީވެސް އޭނަދެކެ.. އިންނަން ބޭނުންވަނީވެސް އޭނައާ." ޒިޔާދުގެ މަޑުމައިތިރިކަން ފެނި އެހެންބުނާނެ ހިތްވަރު މުސްކާނަށް ލިބުނެވެ.

ކުއްލިއަކަށް ޒިޔާދުގެ މެއަށް އެރި ތޫނު ތަދާއެކު މުސްކާންގެ ހަށިގަނޑުން ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެތަދުގެ މައްޗަށް ވެރިވެގެން އައީ ރުޅިއެވެ. ހިތުގައި ރޯވެ އަނދަންފެށީ ރުހާމްގެ މައްޗަށް އުފެދުނު ނަފުރަތާއި ހަސަދައިގެ އަލިފާނެވެ. މުސްކާނަކީ ހަމައެކަނި އޭނާގެ މިލްކެކެވެ. އެހެން މީހެއްދެކެ ލޯބިވުމުގެ ހައްޤެއް މުސްކާނަށް ނޯންނާނެއެވެ. އެ އިންޒާރު އޭނާ މުސްކާނަށް ދިންވެސް މެއެވެ. އެހެނަސް އޭނާ ހުށަހެޅި ލޯބީގައި ކޮޅުފައި ޖަހާފައި ގޮސް މުސްކާން އެހެން މީހެއްދެކެ ލޯބިވީއެވެ. އިންނަންވެސް ބޭނުންވީއެވެ. ޒިޔާދަކީ އޭނާއަށް ނުލިބުނު އެއްޗެއް އެހެން މީހަކަށް ލިބުމަށް އެދޭނެ މީހެއް ނޫނެވެ. އޭނާގެ ޟަމީރު އެކަމަށް ތަނެއް ނުދޭނެއެވެ. އެހެންވެއްޖެނަމަ އަމިއްލަ ނަފުސުވެސް އޭނާއަށް މަލާމާތްކުރާނެއެވެ. އޭނާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލިގޮތުން ކަތުރުކަށިގަނޑަށް ވާންވެލިތަން ފެނިފައި މުސްކާނަށް ފަހަތަށް ޖެހެވެން ފެށުނެވެ.

"އޭނަދެކެ ލޯބިވާ ވާހަކަ އަދި އެއްފަހަރު ބުނެބަލަ." ޒިޔާދު ދެލޯ ވައްކޮށްލަމުން ބަލާލިއިރު އެ ދެލޮލުން އަލިފާންކަނި ބުރައެވެ.

މުސްކާން ފަހަތަށްފަހަތަށް ޖެހެމުން ގޮސް ފާރުގައި ލައްވިއެވެ. ޒިޔާދު އެދިޔަ ބާރު މިނުގައި ގޮސް މުސްކާންގެ ގާތަށް ހުއްޓިލަމުން އެއް އަތް ފާރުގައި ވިއްދާލިއެވެ. އޭނާ ލަމުންދިޔަ ހޫނު ނޭވާތަކުން މުސްކާންގެ ހިތު ވިންދު އަވަސްވަމުން ދިޔައެވެ. ޒިޔާދު އަތް މުއްކަވައި ބާރުކޮށްލުމާއެކު ލޭ ނާރުތައް ފުފިގެން ދިޔަ މަންޒަރު މުސްކާނަށް ރީއްޗަށް ފެނުނެވެ. ރުޅި އައިސްފައި ހުރި މިންވަރު އަންދާޒާކޮށްލެވުނެވެ. ހިތް އަވަސްވެފައި ހުއްޓައި އެ އަތް އުފުލާލަމުން ފާރުގައި ބާރަށް ޖެހުމާއެކު މުސްކާނަށް ލިބުނީ ސިހުމެކެވެ. އޭނާއަށް ބޭއިޙުތިޔާރުގައި ދެލޯ މަރާލެވުނު ވަގުތު ދެވަނަ އެތި ފަހަރެއް ފާރަށް އަރުވާލި އަޑު އިވުނެވެ. ޒިޔާދު ކިތަންމެ ރުޅިގަދަވި ނަމަވެސް މުސްކާނަށް އަނިޔާއެއް ދިނުމަށް އޭނާގެ ޟަމީރު ދެކޮޅުހެދުމުން އެ ރުޅީގެ ޝިކާރައަކަށް ހެދީ އެ ފާރެވެ. އަތުގެ ފުށަތުން ހަންމަށައިގެން ގޮސް ދިލަ އަރަން ފެށުމުން އަތް ތިރިކޮށްލިއިރު މުސްކާން ހުރީ އަނގަމަތީ އަތް އަޅައިގެން ރޯށެވެ.

"މުސްކާނަށް ޖެހޭނީ މަށާ އިންނަން." މުސްކާންގެ ދެކޮނޑުގައި ހިފައި ފާރާލައި ފިއްތާލަމުން ޒިޔާދު އަމުރުކުރިއެވެ. "މުސްކާނަށް ރުހާމަކާ ނީދެވޭނެ. މަ ދުނިޔޭގައި ހުރިހާ ދުވަހަކު ތިކަން ހަމަހިލާ ވިޔަކަ ނުދޭނަން."

"މަ ޒިޔާދުދެކެ ލޯތްބެއް ނުވެޔޭ." މުސްކާން ގިސްލަމުން ބުންޏެވެ. "ދުވަހަކުވެސް ނުވެވޭނެ."

"ހެވޭ. ލޯބި ނުވިޔަސް ހެވޭ." ޒިޔާދު ހަޅޭއްލަވައިގަތެވެ. "ލޯބި ނުވިޔަސް ހެވޭ. މުސްކާނަށް އިތުރު ގޮތެއް ނޯންނާނެ. މަ ލޯބިވާ ވަރު މުސްކާނަށް ނުވިސްނިގެން ތިއުޅެނީ ކީއްވެގެންތަ؟"

"ޒިޔާދަށް ނުވިސްނެވީ ކީއްވެގެންތަ؟" މުސްކާން ހިތްވަރުކޮށްފައި ބުންޏެވެ. "ލޯތްބަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫނޭ. ގަދަކަމުން ވެވޭނެ އެއްޗެއްވެސް ނޫން."

"ހޯދޭނެ. މުސްކާން ރުހުމުގައި ނުލިބުނިއްޔާ ގަދަބާރުން ނަމަވެސް ތި ލޯބި ހޯދާނަން." ޒިޔާދު ދުރަށް ޖެހިލަމުން ބާރަށް ބުންޏެވެ. "މުސްކާނަށް އޮތީ ދެގޮތް. އެއް ގޮތަކީ މަށާ އިނުން. އަނެއް ގޮތަކީ ރުހާމްއާ އިނދެ މުޅި ރަށަށް މުސްކާންގެ އަނދިރިފަރާތް ހާމަކުރުން. މަށަކަށް ހިޔެއްނުވޭ މުސްކާންގެ ހަޤީޤަތް ރުހާމަށް ވެސް އެނގޭ ހެނެއް. ތީ ކޮންތާކުން މިރަށަށް ފުންމާލައިގެން އުޅޭ އެއްޗެއްކަމާއި މުސްކާން އޭނައަށް އޮޅުވާލީކަން އެނގުނީމަ އޭނަވެސް ފޫހިވެދާނެ. އެހެން ނޫނަސް މުސްކާންގެ ހަޤީޤަތް މިރަށު މީހުންނަށް އެނގިއްޖެނަމަ ރަށު އެންމެން ނުކުމެ މުސްކާން މިރަށުން ބޭރުކުރާނެކަން އެއީ މުޖައްރިބުކަމެއް. ރަށުމީހުންނަށް އެކަން ކުރަން ނުކެރުނިއްޔާ މަ އެކަންތައްކުރާނަން. މަށަށް ނުލިބުނު އެއްޗެއް އެހެން މީހަކަށްވެސް ނުލިބޭނެ. މަށަށް ނުލިބުނު އުފަލެއް ރުހާމަށް އަދި މުސްކާނަކަށް ވެސް ނުލިބޭނެ. އެހެންވީމަ މުސްކާން ވިސްނާފައި ގޮތެއް ނިންމާ."

ޒިޔާދު ނުކުމެގެން ދިޔައީ އެ އިންޒާރެއްދެކެ މުސްކާން ބިރުން އުޅުނު އިންޒާރުވެސް ދީފައެވެ. މި ހުރިހާ ދުވަހު އޭނާއާއި ރުހާމްގެ ގުޅުން ޒިޔާދަށް ސިއްރުކުރަން މަޖުބޫރުވީވެސް އެ ސަބަބާ ހުރެއެވެ. ޒިޔާދުގެ ފަރާތުން އެފަދަ އިންޒާރެއްގެ ފެހި ސިގުނަލް ލިބެމުންދާތީއެވެ.

***2018 ވަނަ އަހަރު***

ހެނދުނުގެ ނާސްތާ ނެގުމަށްފަހު ރުހާމްއާއި ޒީކް މާފުށީ ޖަލާ ދިމާއަށް ދިޔައިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުން ދިޔައީ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު މައިތިރިކުރެވޭތޯ ބަލަމުންނެވެ. ރުހާމް ވިސްނަމުން ދިޔައީ މާލެ ދިޔުމުން މޯނާ ކަންތައްކޮށްފާނެ ގޮތަކާމެދުއެވެ. މޯނާ ހަމައަކަށް އަޅުވައި ޒީކަށް ހަމަޖެހިލައިގެން އުޅުމަށް ފުރުޞަތު ހޯދައިދޭނެ ގޮތަކާމެދުއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް ޒީކް އެގެއިން ނެރުމަކީ މޯނާއަށް ކުރެވޭނެ ކަމެއްނޫނެވެ. ރުހާމް އެކަން އެގޮތަކަށް ހިނގިޔަކަވެސް ނުދޭނެއެވެ. ޒީކްގެ ސިކުނޑިއަށް ހުރީ ބަރުވެފައެވެ. އޭނާ ގިނަވަގުތު ވިސްނީ ބައްޕައާމެދުއެވެ. ބައްޕައާ ކުރިމަތިލައި އޭނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދާނެ ގޮތަކާމެދުއެވެ. ބައްޕަ އޭނާއަށް ހުރިހާ ކަމެއްގެ ތަފުސީލް ދީފާނެ ހެއްޔެވެ؟

"ޒިޔާދު ވަރަށް އުފާވާނެ ޒީ ބައްދަލުކުރަން އައީމަ." ރުހާމް ވާހަކަ ދެއްކީ މާފުށީ ޖަލާ ހަމައަށް އާދެވުމުންނެވެ.

ޒީކް ގަދަކަމުން ހިނިތުންވެލިއެވެ. އޭނާ ބައްޕައާ ބައްދަލުވާތީ އުފަލެއް ނުވެއެވެ. އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. ބައްޕަ ފެންނަން އުޅޭތީ ހިތްއަވަސްވާ ކަހަލަ ގޮތެއްވެސް ބައެއްފަހަރު ވެއެވެ. އެހެނަސް މަންމަ މަތިން ހަނދާންވުމާއެކު އެކަންވެސް ނެތިގެން ދެއެވެ.

"ޒީ ފެނުނީމަ ޒިޔާދަށް ލިބޭނީ ޝޮކެއް." ޖަލުގެ ބޮޑު ގޭޓު ކައިރީގައި ހުރި ދޮރުގެ ބެލް އަޅާލަމުން ރުހާމް ބުންޏެވެ. "އެނގޭތަ ކީއްވެގެންކަން."

ޒީކްގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. ސަބަބު އަހަން ބޭނުންވިއެވެ.

"މުސްކާންއާ ޒީ ވައްތަރުކަމުން." ރުހާމް ހީލާފައި ބުނެލިއެވެ.

މަންމަގެ ނަން ކިޔާލި ވަގުތު ރުހާމްގެ މޫނުން ފާޅުވި އަލިވިދުވަރު ޒީކަށް ފާހަގަ ކުރެވުނެވެ. އެދެމައިން ވައްތަރުވުމުން ރުހާމް އުފާވާ މިންވަރު ހާމަވެގެން ދިޔައެވެ. އެޔާއެކު ޒީކް އެންމެ ފުރަތަމަ ފެނުނު ދުވަހު ރުހާމަށް ވެގެންދިޔަ ގޮތް ޒީކްގެ ހަނދާނަށް އައެވެ. އެދުވަހު ރުހާމަށް ވެސް ލިބުނީ ޝޮކެކެވެ. އަނގަ ހުޅުވި ހުއްޓުން އަރާފައި އެތައް އިރަކު ހުއްޓެވެ. ޤަބޫލުނުކުރެވިގެން އެތަކެއް ފަހަރު އެސްފިޔަ ޖަހާލިވެސް މެއެވެ. މޯނާ މޫނުގެ ކުލަ އޮއްސުނު މަންޒަރުވެސް ސިފަވިއެވެ. އެމީހުންނަށް ވީ ގޮތް ޒީކަށް ވިސްނުނީ އަދި ކިރިޔާއެވެ. އެޔާއެކު ބައްޕައަށް ވެސް ވާނީ އެކަހަލަ ގޮތެއްކަން އަންދާޒާކޮށްލެވުނެވެ. ޒީކްގެ ހިޔާލީ ވާފަށް ކެނޑުނީ ޖަލުގެ ދޮރު ހުޅުވާލި އަޑު އިވިފައެވެ.

ރުހާމްމެން އެތެރެއަށް ވަނުމުން އިސްތިޤުބާލުގައި (ރިސެޕްޝަންގައި) ތިބި މުވައްޒަފުން ސަލާމް ދެންނެވިއެވެ. ރުހާމް ޖަލަށް ޒިޔާރަތް ކުރި ބޭނުން އޮޅުންފިލުވައި ދިނެވެ. ޒީކްގެ އައިޑީ ކާޑު ނެގުމަށްފަހު އެ މުވައްޒަފުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމަށް އަވަސްވެގަތެވެ. އިރުކޮޅަކުން ޒީކްގެ އަތަށް އެތެރެއަށް ވަނުމަށް ބޭނުންކުރާ ފާސް ދިނެވެ. ސެކިއުރިޓީ މީހަކު އައިސް އޭނާއާއެކު ޖަލުގެ އެތެރެއަށް ދިޔުމަށް އެދުނެވެ. ޒިޔާދުއާ ބައްދަލުކުރުމުގެ ޙުއްދަ ލިބިފައި އޮތީ ޒީކަށް އެކަނިކަމުގައި ވުމުން ރުހާމަށް ޖެހުނީ އެހިސާބުގައި މަޑުކުރާށެވެ.

ޖަލުގައި ޤައިދީންނާ ބައްދަލުކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަނޑައެޅިފައި އޮވެއެވެ. އެހިސާބަށް ޒީކަށް ދެވުނީ މުޅި ހަށިގަނޑު ރަނގަޅަށް ބަލާ ފާސްކުރުމަށްފަހުގައި ހުސްއަތާއެވެ. އޭރު މީހާ ހުރީ ހިސާބަކަށް ފިނިވެފައެވެ. ފުރަތަމަ ފަހަރަށް ބައްޕަ ދުށުމަށް ހިތްއެދުމުން އޭނާގެ ދެލޯ ހޯދައިލިއެވެ. ނަމަވެސް ބައްޕަ ފެންނާކަށް ނެތެވެ. ދެ ޤައިދީންނާއި ބައްދަލުކުރުމަށް އެމީހުންގެ އާއިލާ ބަޔަކު ތިއްބެވެ. ސެކިއުރިޓީ މީހާގެ އެދުމަށް ޒީކް ގޮސް އިށީނީ އެތަނުގައި ހުރި މޭޒުގެ އެއްފަރާތުގައި ހުރި ގޮނޑީގައެވެ. ކުރިމައްޗަށް ވާގޮތަށް މޭޒުގެ އަނެއް ފަރާތުގައި އިތުރު ގޮނޑިއެއް ބެހެއްޓިފައި ހުއްޓެވެ. އިރުކޮޅަކުން ދޮރެއް ހުޅުވުނު އަޑުއިވިގެން ބަލާލިއިރު ބައްޕައެވެ. ބައްޕަގެ ތުނބުޅި މަތިމަހާއި ބޮލުގެ އިސްތަށިގަނޑު ދިގުކަމުން ސިފަ ވަނީ ގެއްލިފައެވެ. ފޮޓޯތަކުން ފެނުނު ބައްޕައާ ހާސްބައި ތަފާތެވެ. ޒީކްގެ ހިތް އަވަސްވެލިއެވެ.

ޒިޔާދު ކުރިޔަށް އަޅަމުން އައި ފިޔަވަޅުތައް ހުއްޓުމަކަށް އައީ ކުއްލިއަކަށެވެ. ޒީކް ފެނިފައި ފުރަތަމަވެސް އޭނާގެ ހަނދާނަށް އައީ މުސްކާނެވެ. އޭނާއަށް މަޑުމަޑުން މުސްކާންގެ ނަން ކިޔާލެވުނެވެ. މުސްކާން ވެސް ބުރުގާ އެޅުމުން ހުންނާނީ ހަމަ އެކަހަލަ ގޮތަކަށެވެ. ހަމުގެ ކުލަ ކުޑަކޮށް ތަފާތުކަމުގައި ވިޔަސް މެއެވެ. ޒިޔާދު އައިސް ގޮނޑީގައި އިށީންއިރު އޭނާ ވަނީ ހަމަ ރަނގަޅަށްވެސް ފެންކަޅިވެފައެވެ.

"ދަރިފުޅާ...." ޒީކަށް ގޮވައިލެވުނުއިރު ޒިޔާދުގެ ކަރުތެރެ ހިކިގެން ގޮސް ހިންދިރުވަން އުނދަގޫވިއެވެ. ދެލޮލަށް ބާރުވެލިއެވެ. އެޔާއެކު ލޮލުތެރެއަށް ބޮނޑިވަމުން އައި ކަރުނަ ބަރާވެގެން ގޮސް ބަންޑުން ވެއްޖެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާ އެ ދަރިފުޅު ދުށުމަށް އެދޭތާ ހާދަހާ ދުވަހެއް ވެއްޖެއެވެ. އެކަމަށް އެދި ހާދަހާ ދުޢާއެއް ވެސް ކުރެވިއްޖެއެވެ. އެންމެފަހުން އޭނާގެ ދުޢާ އިޖާބާކުރެއްވީއެވެ. އެކަމަށް ޝުކުރުކުރާ ހާލުގައި ޒީކްގެ ދެއަތުގައި ހިފަހައްޓައިލައިގެން އިނދެ ޒިޔާދު ހިތްހަމަޖެހެން ދެން ރުޔެވެ.

އެ ހުރިހާ އިރަކުވެސް ޒީކް އިނީ ބަސް ހުސްވެފައި ފަރުވާތެރިކަމާއެކު ބައްޕަގެ މޫނަށް ބަލާށެވެ. ޒީކަށް ފެނުނީ ދަރިއެއްގެ ލޯތްބަށް ފެންބޮވައިގެންފައިވާ ބަފައެކެވެ. އެދަރިފުޅު ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ޒިޔާދަށް ވާހަކަ ނުދެއްކިގެން އުޅޭތަން ފެނުމުން ޒީކް ފެންކަޅިވާން އުޅުނެވެ. އޭނާދެކެ ބައްޕަ ލޯބިވާވަރު އިޙްސާސްވުމުންނެވެ. ނަމަވެސް މަންމަ މަތިން ހަނދާންކޮށް ޒީކް އަމިއްލަ ނަފުސު ކޮންޓްރޯލް ކުރިއެވެ. ކަރުނަތައް ދިރުވާލިއެވެ. ބައްޕަގެ ކުށެށް ނެތްކަން ޔަޤީން ނުވަނީސް އޭނާގެ ޖަޒުބާތުތައް ފާޅުނުކުރުމަށް އަޒުމު ކަނޑައެޅިއެވެ.

"ދަރިފުޅު ފެނުނީމަ ވަރަށް އުފާވެއްޖެ. ދަރިފުޅު މަންމައާ ވަރަށް ވައްތަރު. އެހެންވެ ބައްޕައަށް އުފަލުން ރޮވުނީ." ޒިޔާދު އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. އަދި ހިންދިރުވާލިއެވެ.

"ދަރިފުޅު ރަނގަޅުތަ؟" ޒީކް އެއްޗެއް ނުބުނެ އިނުމުން އަނެއްކާވެސް ޒިޔާދު ވާހަކަ ދެއްކިއެވެ. ޒީކް ޖަވާބު ދިނީ ބޯ ޖަހައިލުމަކުންނެވެ. އެ އިޝާރާތުން ޒީކް އިނީ ހިތްހަމަނުޖެހިފައިކަން ޒިޔާދަށް ނަގައިގަނެވުނެވެ. ސަބަބު ދެނެގަންނާކަށް ވެސް މާ ބޮޑަކަށް ވިސްނާކަށް ނުޖެހުނެވެ. މަންމައަށް އަނިޔާވެރިވި ބަފަޔަކަށް އެއްވެސް ދަރިއެއްގެ ހިތެއް ހެވެއް ނުވާނެއެވެ.

"ދަރިފުޅު ތީނީ ބައްޕަދެކެ ހިތްހަމަނުޖެހިފަ ދޯ؟" ޒިޔާދު ސުވާލުކުރިއެވެ.

"ބައްޕަ އެގޮތަށް ކަންތައްކުރީ ކީއްވެގެން؟" ޒީކަށް ސުވާލުކުރާނެ ހިތްވަރު ލިބުމާއެކު އެހިއެވެ.

ޒިޔާދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ފުރަތަމަ ފަހަރަށް އެ ދަރިފުޅުގެ އަޑު އިވުނުއިރު އެ އަޑުގައި ހުރި ނުރުހުމާއި ރުޅިވެރިކަން އިޙްސާސްވުމުންނެވެ. ނަމަވެސް އެކަމުގައި ޒީކްގެ އެއްވެސް ކުށެށްނެތެވެ. އަދި އެހެންމެ ޒިޔާދުގެވެސް ކުށެށް ނެތެވެ.

"އެކަމުގައި ބައްޕަގެ އެއްވެސް ކުށެށް ނެތް. މި އަދަބަކީ ބައްޕައަށް ދިފާޢުގައި ދައްކާނެ ހެކިނެތިގެން ލިބުނު އަދަބެއް." ޒިޔާދު ހަޤީޤަތް ހާމަކުރިއެވެ.

ޒީކް އިނީ އިތުރު ތަފްސީލް ބޭނުންވެފައެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހުނެވެ. ބައްޕައަށް ދިފާޢުގައި ދައްކާނެ ވާހަކައެއް ނެތުނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް އަޑުއިވިފައިވާ ގޮތުން މަންމަ މޫދަށް ގަންބުވާ ދޫކޮށްލީ ބައްޕައެވެ. އެރޭ ފަތިހު މަހަށްދާން ނުކުތް އެންމެނަށް އެމަންޒަރު ފެނިގެން ހެކިބަސްދީފައި ވެއެވެ. މަންމައާއެކު ބައްޕަ މޫދުގައި އޮންނަ ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ތުއްތުތުއްތު ދަރިފުޅު ގޭގައި ބާއްވާފައި ދެމަފިރިން މޫދުގައި އޮންނަން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. ބައްޕަ ކުށްވެރި ނުވަންޏާ އެކަމަށް ޒިންމާވާނެ އިތުރު މީހަކު ވާނެއެވެ. އެހުރިހާ ކަމެއްގެ ތަފުސީލު ދިނުމަށް ޒީކް އެދުނެވެ. އޭނާ މިއަދު ބައްޕަގެ ކުރި މައްޗަށް އައިސް މި އިނީވެސް ހަމައެކަނި އެ ބޭނުމުގައިކަން ޒީކް ހާމަކުރިއެވެ.

"އެރޭ ދަރިފުޅު ވަރަށް ގިނައިން ރުއި." ޒިޔާދު އެރޭގެ ހާދިސާ ކިޔާދޭން ފެށިއެވެ. "ކުރިމަތިވާން އުޅޭ ތޫފާންގެ ބިރުވެރިކަން ދަރިފުޅަށް އެނގިގެން ރުއި ކަހަލަ. ރޯން ފެށިގޮތަށް ހުއްޓައިނުލި. އެންމެފަހުން ދަރިފުޅު ބައްޕަގެ އަތަށް ދީފައި މަންމަ ދިޔައީ ފާހާނާކޮށްލަން. ދިޔަގޮތަށް ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް މަންމައެއް ނާދޭ. ދަރިފުޅު ރޯވަރުން ބައްޕަ ހުރީ ބޭރަށް ނުނުކުމެވިފައި. އެހެންހުއްޓައި މާމައަށް ހޭލެވިގެން މާމަ އައީ. ދެން މާމަ އަތަށް ދަރިފުޅު ދީފައި ބައްޕަ ނުކުތީ ބޭރަށް. ނަމަވެސް މަންމައެއް ނުފެނުން. ގިފިލީގެ ދޮރު ހުޅުވާފައި ހުރީ. ގިފިލީގައި މަންމަ ނެތުމުން މަންމައަށް ގޮވަމުން މަގުމައްޗަށް ނުކުތީ. އެވަގުތު އަތިރިމަތިން މީހަކު ހަޅޭލަވާ އަޑު އިވިގެން ބައްޕަ ދިޔައީ އެދިމާއަށް. ދިޔައިރު .. ދިޔައިރު.."

ޒިޔާދަށް ވާހަކަ ނުދެއްކިގެން ހުއްޓައިލިއެވެ. އެދުވަހުގެ މަންޒަރުތައް އޭނާގެ ލޯކުރިމަތީގައި ސިފަވަމުން ދިޔުމުން އޭނާގެ މެޔަށް ހުރީ ބާރުވެފައެވެ. ހަށިގަނޑު ތެރެއިން އަރަމުން ދިޔަ ދިލައިގެ ސަބަބުން ދެ ލޮލުން އޮހެމުން ދިޔައީ ލޭކަރުނައެވެ.

"ދެން ކިހިނެއްވީ؟" ޒީކަށް ނީދެވިގެން އަހައިލިއެވެ.

"މަންމަ އޮތީ ބަރަހަނާ ހާލުގައި. ދުނިޔޭން މޮޔަވެފައި. މަންމައަށް ނޭނގޭ ބައްޕަ މީ ކާކުކަމެއްވެސް. މަންމަ ހަޅޭލަވަމުން ގޮވީ ހުސް މޮޔަ. ކަޅު ހެދުމެކޭ. ފެން އެޅިއްޔޭ. އެނޫން އެއްޗެއް ނުކިޔާ. އެ ގޮވެލިފަތި ގޮވަމުން ގޮސް މަންމަ މޫދަށް އެރުނީ އަމިއްލައަށް. އެހެންވެ މަންމަގެ ފަހަތުން ބައްޕަވެސް މޫދަށް އެރުނީ. އެމަންޒަރު ރަށު މީހުންނަށް ފެނުނީ. މީގަ ބައްޕަގެ ކުށަކީ ކޮބާ؟"

ޒިޔާދު ވާހަކަ ހުއްޓައިލިއިރު ގިސްލަމުން ރޮނީއެވެ. ބައްޕަގެ ހާލަށް ޒީކް ހަމްދަރުދީވިއެވެ. އޭނާއަށް ބައްޕަގެ ދެއަތުގައި ބާރަށް ހިފައިލެވުނީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެ އަމަލުން ޒީކް އެވާހަކަތައް ޤަބޫލުކޮށްފިކަން ޒިޔާދަށް އެނގުމުން ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޒީކްގެ ދެބުމަ ކައިރިވެގެން ދިޔަތަން ފެނިފައި އިތުރު ސުވާލެއް އެ ހިތުގައި އުފެދިއްޖެކަން އެނގުނެވެ.

"ދެން ރަށު މީހުންނަށް މަންމަ ގަންބުވާލި މަންޒަރު ފެނުނީ ކީއްވެގެން؟" ޒީކް ކުރި ސުވާލާއެކު ޒިޔާދު މޫނުން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.

"މީހަކު ސަލާމަތްކުރަން އުޅުމާއި، މީހަކު މަރާލަން އުޅުމާއި އެ ދެކަމުގައި ހުރި ފަރަޤު އެމަންޒަރު ފެނުނު ބަޔަކަށް ނޭނގުނީ ކީއްވެގެން؟" ޒީކް ބައްޕަގެ ދެލޮލަށް ބަލަން އިނދެ ދެވަނަ ސުވާލުވެސް ކުރިއެވެ.

ޒިޔާދަށް އެސުވާލުތަކުގެ ޖަވާބު ދޭކަށް ފަސޭހައެއް ނުވިއެވެ. އޭނާ ތެދުތެދަށް ޖަވާބުދިނަސް ޒީކް ޤަބޫލުކުރާނެކަމުގެ ޔަޤީންކަމެއް ނެތެވެ.

"ތި ސުވާލު ބައްޕައާ ނުކުރޭ." ޒިޔާދު ބުނީ އެހެންނެވެ.

"ޖަވާބު ލިބިއްޖެ." ޒިޔާދުގެ އަތުތެރޭގައި އޮތް ޒީކްގެ އަތް ދަމައިގަންނަމުން ޒީކް ބުންޏެވެ. "ބައްޕަ މިހުރިހާ އިރު ތި ދެއްކި ވާހަކަތަކަކީ ހަމަ ހަދަހަދައިގެން ދެއްކި ދޮގު ވާހަކަތަކެއްކަން ޔަޤީންވެއްޖެ. އަޅުގަނޑު މިތަނަށް އައިއިރުވެސް އެނގޭ ކުއްވެރިއަކީ ބައްޕަކަން. އެކަމަކު ކޮންމެ ރެއަކު މަންމަ ހުވަފެނުގައި އައިސް ބައްޕައާ ބައްދަލުކުރުމަށް އެދި އާދޭސްކުރާ ވަރުން މިއައީ. ބައްޕައަކީ ކުއްވެރިއެއްނޫނޭ މަންމަ ބުނާތީ މިއާދެވުނީ. ދެން ދަނީ."

ޒީކް ގޮނޑިން ތެދުވުމާއެކު ޒިޔާދު އެ އަތުގައި ހިފައިލީ ބާރަށެވެ. ތަންކޮޅެއް ދުރުގައި ހުރި ސެކިއުރިޓީ މީހާ އެދިމާއަށް އައީ ހަލުވިކޮށެވެ. ޒީކް އަތުން އިޝާރާތްކޮށްލީ އެއީ މައްސަލައެއް ނޫންކަމުގައެވެ.

"ދަރިފުޅަށް ހުވަފެނުގައި މަންމަ ފެނޭތަ؟" ޒިޔާދު ވާހަކަ ދެއްކި އަޑަށް ޒީކް އެނބުރިލައިފައި އެމޫނަށް ބަލާލިއެވެ. ޒިޔާދުގެ މޫނުން މިހާރު ފެންނަނީ ތަފާތު ކުލައެކެވެ. އެ މޫނުން ފެންނަނީ ހައިރާންކަމެވެ.

"ހޫމް.." ޒީކް ފޫހިގޮތަކަށް ޖަވާބު ދިނެވެ. "އަޅުގަނޑު އަތުން ދޫކޮށްލާ. ދާންވެއްޖެ."

"ތީގެ މާނައަކީ ދަރިފުޅުގެ މަންމަ މަރެއްނުވެޔޭ." ޒިޔާދު އުފާވެފައި ބުންޏެވެ. "މުސްކާން މަރެއް ނުވޭ. ދަރިފުޅުގެ މަންމަ ދުނިޔޭގައި އެބަހުރި. މަންމައަށް ކޮންމެވެސް ކަމެއް ދިމާވެގެން މިހިސާބަށް ނާދެވިގެން އެ އުޅެނީ."

"ބައްޕަ މޮޔަވީތަ؟" ދެބުމަ ގޮށްޖެހިގެން ދިޔަ ވަގުތު ޒީކަށް ބުނެވުނެވެ.

"ދަރިފުޅާ މީ ޙަޤީޤަތް. ދަރިފުޅުގެ މަންމައަކީ އިންސާނެއްނޫން." ޒިޔާދު ހާމަކޮށްލި ހަޤީޤަތާއެކު ޒީކަށް ލިބުނީ ޝޮކެކެވެ.

(ނުނިމޭ)

* ހަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!
* "ޒީރު" ކޮންމެ ދުވަހެއްގައި

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހާ

    ވަރަށްރީތި މިބައިވެސް...
    6 ވަނަ ބައި ނުކުންނަނީ ކޮންއިރަކުބާ؟؟؟