ސްމާޓްފޯން އިންޑަސްޓްރީގައި ރަސްކަން ކުރަމުން އަންނަ "އެޕަލް" އިން އެކުންފުނީގެ އައިފޯނު ސީރީޒްގެ އިތުރު ތިން ފޯނު، މި އަހަރު ނެރޭނެކަންވަނީ ހާމަވެފައެވެ. މި އަހަރުގެ ފަހުކޮޅު މި ފޯނުތައް ލޯންޗުކުރާނެކަމަށް ބެލެވުނުކަމުގައިވިޔަސް، ސީދާ ތާރީޚެއް ނޭނގެއެވެ.

ދާދިފަހުން، ފޯނުތައް ހުންނާނެ ގޮތް ލީކުކުރުމުގައި މަޝްހޫރު، "މެކޯޓަކާރާ" އިން ވަނީ އެޕަލް އިން މި އަހަރު ފަހުކޮޅު ނެރޭނެކަމަށް ބެލެވޭ ފޯނުތަކެއްގެ ފޮޓޯ ދައްކާލާފައެވެ.

އެފަރާތުން އާއްމުކޮށްފައިވާ ފޮޓޯއިން، އައިފޯން އެކްސް 2، އައިފޯނުގެ އަށަކާ ޖެހިގެން ނެރޭނެކަމަށް ބެލެވޭ ފޯނު އަދި އައިފޯން އެސްއީގެ ކުރިއަށް ދެން ނެރޭނެ ފޯނު ފެނިގެންދެއެވެ.

ފޯނުތަކުގެ ފޮޓޯތައް ދައްކާލާފައިވީނަމަވެސް، ފޯނުތަކުގެ މޮޅު ފީޗަރތަކާއި އެނޫންވެސް ޚާއްޞަ ކަންކަން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އައިފޯން އެކްސް 2 ގައި، އައިފޯން އެކްސްގެ ސްކްރީނުގެ މަތީގައި އިންނަ ބައި ހިމެނޭކަމަށްވެއެވެ.

މި ފޯނުތައް ނެރޭނެ ދުވަހަކަށް އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކުން ދަނީ އިންތިޒާރުކުރަމުންނެވެ.