ޕްރިންސަސް އަކަށް ވާން ބޭނުން ނުވާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ ކާސަލްއެއްގައި ކައިވެނި ކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ކައިވެނި ހަފްލާގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ފިލްމީ ތަރިންނަކާއި އަދި މަޝްހޫރު އެތައް ބަޔަކު ބައިވެރިކުރަން ބޭނުން ނުވާތީ ކާކު ހެއްޔެވެ؟ ޔަގީނުން ވެސް މިއީ ގިނަ އަންހެން ކުދިން ބޭނުން ވާނެ ކަންތައްތަކެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ޕްރިންސް ހެރީގެ އަނބިމީހާ މޭގަން މާކެލް ވެސް ބޭނުންވީ މިކަންތައްތަކެވެ. ނަމަވެސް ޕްރިންސަކާއި ކައިވެނި ކުރުމަށް ވުރެ ބޮޑަށް މޭގަން ބޭނުންވީ އިނގިރޭސިވިލާތައް ނިސްބަތްވާ މީހަކާއި ކައިވެނި ކުރާށެވެ.

އެމަޤުޞަަދު ހާސިލް ކުރުމަށްޓަކައި ބައެއް ފިރިހެނުންނާއި މޭގަން "ފްލާޓް" ކުރިއެވެ.

މޭގަން އެންމެ ފުރަތަމަ ފްލާޓް ކުރީ ފިލްމީތަރި މެޓް ކާޑްލް އާއި އެވެ. މޭގަން ކުރި މެސެޖްތަކަށް މެޓް ޖަވާބު ދިނެވެ. މޭގަން އޭނާ އާއި ދޭތެރޭ ޝައުގުވެރިކަން އުފެދިގެން ދެއްކި ވާހަކަތަކުން ދެމީހުންގެ ގުޅުން ބަދަހިވެ ބައްދަލުވުމެއްގެ ދައުވަތު ވެސް ދެމީހުންގެ ދެމެދުގައި ބަދަލު ކުރެވުނެވެ. ނަމަވެސް ބައްދަލު ވުމުގެ ކުރިން މެޓް އަށް އޭނާގެ މިހާރު ލޯބިވެރިޔާ އާއި ދިމާވީ އެވެ. އެހެންކަމުން މެޓް، މޭގަން މަތިން ހަނދާން ނައްތާލީއެވެ.

ދެން މޭގަންގެ ޝައުގުވެރިކަން ހޯދީ ޗެލްސީގެ ކުރީގެ ފުޓްބޯޅަ ތަރި އޭޝްލީ ކޯލް އެވެ. ދެމީހުންގެ ދެމެދުގައި ކޮންމެވެސް ވަރަކަށް ވާހަކަތައް ދެކެވި ގުޅުން ބަދަހިވި ނަމަވެސް މާބޮޑަށް ގުޅުން ކުރިއަކަށް ނުގެންދެވުނެވެ.

މޭގަން އޭނާގެ ބައެއް ރަހުމަތްތެރިންގެ ކައިރީގައި ވަނީ "އިނގިރޭސިވިލާތުގެ މަޝްހޫރު މީހަކު" އޭނާ އަށް ހޯދައިދިނުމަށް އެދިފައެވެ. ޕްރިންސް ހެރީ އާއި މޭގަން ބައްދަލުވެ، އެގުޅުން ކައިވެންޏާއި ހަމައަށް ދިޔައީ މޭގަން ވަރަށް ގިނަ މަސައްކަތް ކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

މޭގަން އާއި ބެހޭ ގޮތުން އިނގިރޭސިވިލާތުގެ މީޑިއާތަކުން ދައްކާ މިފަދަ ވާހަކަތަކުން ބައެއް މީހުން ތިބީ ވަރަށް ރުޅި އައިސްފައެވެ. އިނގިރޭސިވިލާތުގެ މީޑިއާ އިން ބޭނުން ވަނީ ޕްރިންސަސް ޑަޔާނާ އަށް މީޑިއާތަކުން ހަދާލި ގޮތް މޭގަން އަށް ހަދާލަން ކަމަށް ބައެއް މީހުން ބުނެއެވެ.