އިންޑިއާގެ ބެންގަލް ރޭލެގައި ލަވަކިޔަން ހުއްޓާ މީސް މީޑިއާގައި އޭނަ ލަވަކިޔާ މަންޒަރު އާންމުވި ރީތި އަޑެއް ލިބިފައިވާ ރާނޫ މަންޑޯލް އަށް ބޮލީވުޑްގެ ރަސްގެފާނު ސަލްމާން ހާން އަގުބޮޑު ގެއެއް ހަދިޔާ ކޮށްފިކަމަށް ރިޕޯޓްތަަށް ބުނެފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ރާނޫ އަށް ސަލްމާން ހަދިހިޔާ ކުރި ގޭގެ އަގު 55 ލައްކަ ރުޕީސް އަށް އަރައެވެ. ސަލްމާން ވަނީ މީގެ ކުރިން ވެސް މަގުމަތިވެފައިވާ ގެދޮރު ނެތް މީހުންނަށް އެހީވެފައެވެ.

ސަލްމާން ވަނީ އޭނާގެ ތިން ފިލްމަކަށް ރާނޫގެ އަޑުން ލަވަ ރިކޯޑް ކުރަން ވެސް ފުރުސަތު ދީފައެވެ.

އިންޑިއާގެ ކޮލްކަޓާ އުފަން ރާނޫ މޮންޑަލްގެ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް އޭނާގެ ރީތި އަޑު ބޭނުންކޮށްގެން ލަވަ ކިޔައިދީ ހަދައެވެ. ރާނޫގެ ފިރިމީހާ މަރުވުމުން އޭނާގެ އަންހެން ދަރިފުޅުވެސް އޭނާ ދޫކޮށްލިއެވެ.

މީސް މީޑިއާގައި ވައިރަލްވި ވީޑިއޯއާއި އެކު ރަނޫއަށް ވަނީ ތަފާތު ގިނަ ރިއަލިޓީ ޝޯ ތަކާ ލަވަކިޔުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައެވެ.

ރެއިލްވޭ ސްޓޭޝަނެއްގައި ލަވަކިޔާ މި ވީޑިއޯ އާންމުވެ އުމުރުން 59 އަހަރުގެ ރާނޫގެ މުޅި ހަޔާތް ބަދަލު ކޮށްލި އިރު މި ވީޑިޔޯ ދެދުވަސް ތެރޭގައި 4 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ.

ރާނޫގެ ލަވަ ކިޔުމުގެ ހުނަރާއެކު ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، އަދި ޑިރެކްޓަރ ހިމޭޝް ރާޝަމިއްޔާ ވަނީ އޭނާގެ ފަހުގެ ފިލްމު “ހެޕީ ހާރޑީ އެންޑް ހީރް” ގެ ލަވައެއް ކިޔުމުގެ ފުރުސަތު ރަނޫ އަށް ދީފައެވެ.

ރާނޫ އަށް ވަނީ އިންޑިއާގެ "ސުޕާސްޓާ ސިންގަރ" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުގެ ފުރުސަތުވެސް ލިބިފައެވެ. ރާނޫ މީސް މީޑިއާގައި މަޝްހޫރުވީ ލަތާ މަންގޭޝަރުގެ މަޝްހޫރު ލަވަ "އޭކް ޕްޔާރްކާ ނަގްމާ ހޭ" މި ލަވަ ކިއައިގެންނެވެ.