އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މެންބަރު އިލްހާން އުމަރު ސިއްރު ލޯބިވެރިޔަކާއި ގުޅުން ބާއްވާކަމުގެ ތުހުމަތު ކުރެވި، އެންމެފަހުން އެކަމަނާގެ ކައިވެނި ވެސް ރޫޅުމާއި ހަމައަށް ހިނގައްޖެ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

"ނިއުޔޯކް ޕޯސްޓް" އިން ބުނާ ގޮތުގައި އިލްހާން ގުޅުއްބާއްވާފައި ވަނީ އެކަމަނާ ކޮންގްރެސްގެ މެންބަރު ކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި ކޮންސަލްޓަންޓެއްގެ ގޮތުގައި ލަފާދެއްވި ޓިމް ނެޓް ކިޔާ މީހަކާއި އެވެ.

އިލްހާން އާއި ޓިމް ގުޅުމެއް ބާއްވާ ކަމަށް ބުނެ އެމައްސަލަ ފުރަތަމަ ފެންމަތިކުރީ ޓިމްގެ އަނބިމީހާ އެވެ. ޓިމްގެ އަނބިމީހާ ވަނީ މިމައްސަލައިގައި ޓިމް ކައިރިން ވަރިވާން ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ.

ޓިމްގެ ކައިރިން ވަރިވާން އޭނާގެ އަނބިމީހާ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މިހާރު އިލްހާންގެ ފިރިކަލުން އަހްމަދު ހިރްސީ ވެސް ވަނީ ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިލްހާން ވަނީ ޓިމް އާއި އެކު ރަސްމީ މަސައްކަތުގެ ގުޅުމުގެ އިތުރުން އިތުރު ގުޅުމެއް ބޭއްވި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސިޔާސީ ގޮތުން އެކަމަނާގެ އަބުރު ކަތިލުމުގެ އާމަސައްކަތްތަކެއް ކަމަށާއި ކުރެވޭ ތުހުމަތުތަކުގެ އެއްވެސް ހަޤީޤަތެއް ނެތް ކަމަށެވެ.

އިލްހާން އާއި ހިރްސީ ފުރަތަމަ ކައިވެނި ބައްލަވައި ގެންނެވީ 2002 ވަނަ އަހަރު އިސްލާމީ އުސޫލުތަކާއި އެއްގޮތަށެވެ. ނަމަވެސް އެކައިވެނި އެމެރިކާގައި ރަޖިސްޓްރީ ކޮށްފައެއް ނުވެއެވެ. 2008 ވަނަ އަހަރު ދެކަނބަލުން ވަރިވިއިރު ދެ ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ.

ޖެހިގެން އައި އަހަރު އިލްހާން ވަނީ އަހްމަދު ނޫރު ނަމަކަށް ކިޔާ ބޭފުޅަކާއި ކައިވެނި ބައްލަވައިގެންފައެވެ. ނަމަވެސް 2011 ވަނަ އަހަރު އެގުޅުން ނިމުމަކަށް އައިސް އިލްހާން އާއި ހިރްސީ އަނެއްކާވެސް ގުޅުނެވެ. 2012 ވަނަ އަހަރު އެބޭފުޅުންނަށް ވަނީ އިތުރު ބޭފުޅަކު ލިބިވަޑައިގެންފައެވެ.

އިލްހާން ފާހަގަ ކުރެވެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެއްވާ ބޭކަނބަލެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުރަފި

    އެކަމަނާއެއްކަމަކު އެހެރީ ބުރުގާ އަޅާފައެއްނު؟

    1
    1
  2. ާައަސްލަމް

    ގޯހެއްނެތް

  3. މީހަ

    ބުރުގާއޭ.....އަމާބުނީތީ ފަރަށްގޮއްސަ އެހުރީ.

    3
    1