ގިނިހިލަތައް މޮނިޓާކުރާ އިދާރާތަކާއި، ފުންނާބު އުސް ސައިންސްވެރިންނަށް ނޭނގި ތިއްބައި ދުނިޔެއަށް ދިހަ ފޫޓުގެ ގިނިހިލައެއް ވެއްޓިއްޖެއެވެ.

އެމެރިކާގެ ބައިނަލްއަޤުވާމީ ޖައްވީ އިދާރާ، ނާސާ އިން ދުނިޔެ އާއި ދިމާލަށް މިސްރާބުޖަހާފައިވާ ގިނިހިލަތައް ބަލައި މޮނިޓާ ކުރަމުން ދަނިކޮށް، އެފަރާތްތަކަށް ނޭނގި ގިނިހިލައެއް ވެއްޓިފައި ވަނީ ކެރީބިއަން ސަރަޙައްދަށެވެ. ނަމަވެސް އެ ސަރަޙައްދުގެ ބިމުގައި ނުވަތަ ކަނޑުގައި ޖެހުމުގެ ކުރިން ގިނިހިލަ ވަނީ ވައިގެ ތެރޭގައި ގޮވާފައެވެ. މިކަމުގެ ސަބަބުން މި ގިނިހިލައިގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.

މި ހާދިސާ ފެންމަތިވުމާއި ގުޅިގެން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ދުނިޔެއަށް ވެއްޓިފައި ވަނީ ފުޅާމިނުގައި ދިހަ ފޫޓު ހުރި ގިނިހިލައެކެވެ. މި ގިނިހިލަ ދުނިޔެއަށް ވެއްޓިފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ދިރާސާވެރިން ބުނެއެވެ.

މި ގިނިހިލައަކީ ޖައްވީ އިދާރާތަކުން ބޮޑު ގިނިހިލައެއްގެ ގޮތުގައި ސިފަކުރާ ބޮޑުމިން ހުރި ގިނިހިލައަކަށް ނުވީނަމަވެސް، މި ގިނިހިލަ ދުނިޔެއަށް ވެއްޓުނުއިރު އިދާރާތަކަށް އެކަން ނޭނގުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މި ގިނިހިލަ ދުނިޔެއަށް ވެއްޓިފައި މިވަނީ، ދުނިޔެއަށް ބޮޑު ގިނިހިލައެއްގެ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ސައިންސްވެރިން ބުނަމުން ދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ސާރުގެ ނަސްލު ދުނިޔެއިން ނައްތާލި ވަރުގެ ގިނިހިލައެއް ކޮންމެ 100 މިލިއަން އަހަރަކުން އެއްފަހަރު ދުނިޔެ އާއި ފުށުއަރައި ބޮޑު ކާރިސާއެއް ހިނގާނެއެވެ. މިހާރުވެސް ގިނަ އަދަދެއްގެ ގިނިހިލަ ދުނިޔެ ކައިރިން ދަތުރު ކުރާތީ ދިރާސާވެރިން ކަންބޮޑުވެފައި ތިބިއިރު، އެފަދަ ކަމަކުން ސަލާމަތްވުމުގެ އީޖާދެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.

ދުނިޔެއާއި ދިމާލަށް އަންނަ ގިނިހިލަތަކަށް، ޚާއްސަ އުޅަނދެއް ފޮނުވާލައިގެން އެ ގިނިހިލައިގެ މިސްރާބު ބަދަލުކޮށްލާފަދަ މި އީޖާދު އަސްލަކަށްވާނެ ދުވަހެއް އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒީ

    ﷲގެ އިރާދަފުޅުގަ ވާންހުރިކަމެއް ވާނެ އެކަން ބަދަލެއް ނުކުރެވޭނެ!

    49
  2. ގަބުރޭ

    ޢެކަމަކު ޓްރަންޕުޓަޢް ނޭގޭ ބާ ނިއުކްލިޔަ އަތައް ނަގާގެން ހުންނަ ބޭކަލެއްވިޔާ ދޯ

    17
  3. ކޮސްބެ

    މި ޚަބަރު ދީފަ މިވަނީ މުސްލިމް އިލްމވެރީން ދޯ

    11