އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު އޭނާގެ ތިން އަހަރުގެ ދަރިފުޅު މަރުވި ގޮތުގެ ވާހަކަ ހިއްސާކޮށްފައި ވަނީ ފޭސްބުކްގައެވެ. އެ ދަރިފުޅު ބަނޑުގައި ރިއްސާ ރިއްސުމަކީ ބަނޑުހަރުވުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށް ބުނީ ޑޮކްޓަރުންނެވެ. އެހެން ނަމަވެސް ފަހުން އެ ދަރިފުޅަށް ދިމާވެގެން އުޅޭ މައްސަލައަކީ މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރު ޖެހުމުގެ ސަބަބުން ބަނޑުގައި ރިއްސަނީ ކަން ވަނީ އެނގިފައެވެ.

އުމުރުން ތިން އަހަރުގެ އަޔޯފީ ފްލެނަގަން ބަނޑުގައި ރިއްސާތީ އުޅެން ފެށި ޖޫން މަސް ތެރޭގައެވެ. އޭނާ ގައިގާ ރިއްސާތޯވެސް އުޅެއެވެ. އެހެންވެެ އެތައް ފަހަރެއްގެ މަތިން ދަރިފުޅު ގޮވައިގެން މަންމަ، އެއިލިޝް ފްލެނަގަން ޑޮކްޓަރަށް ދިޔައެވެ. އަދި އެ ކަންތައް ދިމާވަނީ، ބަނޑުހަރު ވުމުގެ ސަބަބުން ކަމަށް ކޮންމެ ފަހަރަކުވެސް ޑޮކްޓަރުން ބުނާ ކަމަށް އެއިލިޝް ބުނެފައި ވެއެވެ.

"އަހަރެން ތިން ހަފްތާ ތެރެގައި 11 ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކަން ދިޔަ، ކޮންމެ ފަހަރަކުވެސް އެ މީހުން ބުނަމުން ދަނީ ބަނޑުހަރުވުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް". އޭނާ ބުންޏެވެ.

އޭނާ ބުނީ، ޑޮކްޓަރުން އެހެން ބުނި ނަމަވެސް ދަރިފުޅުގެ ސިއްޙީ ބޮޑު މައްސަލައެއް އުޅޭކަން އޭނާއަށް އިހުސާސް ކުރެވޭ ކަމަށެވެ.

"ދަރިފުޅު އެހެން ތަންތަނުގައި ރިއްސާތީ ވެސް އުޅުނު. އެހެން ނަމަވެސް ދަރިފުޅުގެ ޓެސްޓުތަކެއް ހަދަން ޑޮކްޓަރުން ބޭނުން ނުވި". އެއިލިޝް ބުންޏެވެ.

އޭނާ ބުނީ، ދަރިފުޅުގެ ހަށިގަނޑުގައި ޓިއުމަރު އުފެދިފައި ހުރީ ފުރަގަސް ފަރާތުގައި ކަމަށެވެ. އެއިލިޝް ބުނިގޮތުގައި، އެކި ކަހަލަ އުނދަގޫތައްވެގެން ކުރިން ޑޮކްޓަރަށް ދައްކަން ދިއުމުން ޑޮކްޓަރުން އޭނާ ކައިރީގައި، ދަރިފުޅަށް ރަނގަޅަށް ކާންދޭތޯ އާއި ދަރިފުޅު ލައްވައި ކަސްރަތު ކުރޭތޯ ސުވާލުކޮށް ހެދިއިރު، މިފަދަ ބޮޑު ކަމެއް އޭނާގެ ހަށިގަނޑުގައި ހުރެގެން ޑޮކްޓަރުންނަށް ނޭނގި ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

"ދަރިފުޅު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަސް ދުއްވާ، ދުވާލަކު ދެ ފަހަރުވެސް އެކަން ކުރޭ އެއީ ދަރިފުޅު ވަރަށް ކުރާހިތުން ކުރާ ކަމެއް". އޭނާ ބުންޏެވެ.

މިގޮތަށް އަޔޯފީ އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކިއިރު، އަޔޯފީގެ ހަށިގަނޑުގައި ޓިއުމަރު ހުރިކަން އެނގުނީ އެހެން ހޮސްޕިޓަލަކުން ހެދި އެކްސްރޭ އަކުންނެވެ. އެއިން އެނގުނީ، އަޔޯފީގެ ހަށިގަނޑުގައި ބޮޑު ޓިއުމަރެއް އުފެދި ބޮޑުވަމުންދާ ކަމެވެ. އަދި އެކަމުގެ ސަބަބުންއޭނާއަށް ފާހަނަ ނުކުރެވެނީ ކަމަށެވެ. އެއީ ވަރަށް މަދުން ނޫނޫ ނުފެންނަ ވައްތަރެއްގެ ކެންސަރެއް ކަން ވަނީ އެނގިގެން ގޮސްފައެވެ. އަދި އެއީ ފަރުވާ ހޯދޭނެ ބައްޔެއްކަން އެނގުނު ނަމަވެސް، އެކަމުގެ ވަގުތު އޮތީ ފާއިތުވެފައެވެ.

އޭނާގެ ހަށިގަނޑުގައި ކެންސަރު ހުރިކަން އެނގުނުތާ ހަތް ދުވަސް ފަހުން އަޔޯފީ ވަނީ މަރުވެފައެވެ. އޭނާ މަރުވީ މަންމަގެ އަތްދަޑި މަތީގައެވެ. އޭނާ މަރުވީ ގައިގައި އުފެދެމުންދިޔަ ޓިއުމަރުގެ ވޭނަށް އެ ތުއްތު ހަށިގަނޑަށް ކެތްނުކުރެވި، ހާޓް އެޓޭކެއް ޖެހިގެންނެވެ. އެއިލިޝް ބުނިގޮތުގައި، އޭނާގެ ދަރިފުޅަކީ ހިތްވަރުގަަދަ އެހާމެ ރަނގަޅު ކުުއްޖެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު