އެމެރިކާ އަށް ނިސްބަތްވާ ކާޓިސް ވިޓްސަން އޭނާގެ ދަރިފުޅާއި އަންހެނުންނާއި އެކު ފަރުބަދަ އެއް މައްޗައް ގޮސް އުޅެނިކޮށް ފެންފުޅި އެއްގެ ސަބަބުން އެމީހުންގެ ފުރާނަ ސަލާމަތް ވެއްޖެއެވެ.

ކެލިފޯނިއާގެ ފަރުބަދަ އެއް މައްޗައް ވިޓްސަން އޭނާގެ އާއިލާ އާއި އެކު ހައިކް ކުރުމަށް ދިޔައީ ޗުއްޓީ ދުވަސްކޮޅު ކަމުން ފޫހި ފިލުވާލުމުގެ ގޮތުންނެވެ. އެހެންނަމަވެސް، އެމީހުން ފަރުބަދަ މަތީގައި ހުރި ވޯޓާފޯލް އެއް ތެރޭ ވަނީ ތާށިވެފައެވެ.

40 ފޫޓް އުސް އެ ވޯޓާ ފޯލް އިން ތިރިއަށް ފުންމާލައިފިނަމަ ފުރާނަ ސަލާމަތް ވާނޭ ޔަގީންކަން ނެތުމުން އެ 3 މީހުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އައި ކޮޅުން އެނބުރި ދެވެން ނެތުމުން ކާޓިސް ދެން ކަންތައް ކުރި ގޮތުން އެމީހުންގެ ފުރާނަ މިވަނީ ސަލާމަތް ވެފައެވެ.

ކާޓިސް އާއި އޭނާގެ އާއިލާ ސަލާމަތް ކުރުމަށް ފަހު ނަގާފައިވާ ފޮޓޯ އެއް

އެމީހުން އަތުގައި އޮތް ޕްލާސްޓިކް ފެންފުޅިއެއްގައި ކާޓިސް ވަނީ "ހެލްޕް" އެހެން ޖެހުމަށް ފަހު ފެންފުޅި ތެރެއަށް ގަނޑުކޮޅެއްގައި އެމީހުން ތިބި ތަނާއި އެ ދުވަހުގެ ތާރީހު ޖެހުމަށް ފަހު އެހީތެރިކަން ބޭނުންވާ ކަމަށް ބުނެ، ވޯޓާފޯލްގެ ތެރެއަށް އެއްލާލާފައެވެ. ވޯޓާފޯލް އާއި ގުޅިފައި އޮތް ކޯރުން އެ ފުޅި އެއްލާލިއިރު، މީހަކަށް އެ ފެންނާނޭ ކަމަކަށް ކާޓިސް ހިއެއް ނުކުރެއެވެ. ނަމަވެސް، އެމީހުންގެ ނަސީބު ގަދަކަމުން އެތަނަށް ހައިކް ކުރަން ގޮސް އުޅުނު އެހެން ބަޔަކަށް އެ ފުޅީގައި އެހީވާން އެދި ޖަހާފައި އޮތުމުން ވަގުތުން ކަމާއި ބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.

އިރުކޮޅެއް ފަހުން ހެލިކޮޕްޓަރުގައި އެމީހުން ސަލާމަތް ކުރަން މީހުން އައި ނަމަވެސް، ވިޓްސަންގެ އާއިލާ ފެނިފައި ވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ގައުމުގެ ނޫސްތަކަށް އޭނާ މައުލޫމާތު ދެމުން ބުނީ އެވަގުތު އުފަލުން ރޮވުނެވެ. އެ 3 މީހުންގެ ހާލު ރަނގަޅު ނަމަވެސް، އެތަނުގައި ގިނަ އިރު ހުންނަން ޖެހުނުނަމަ 3 މީހުންގެ ފުރާނަ އަށްވެސް ނުރައްކާ ވާނެއެވެ.