އަވަހަށް ހަނދާން ނެތުމުގެ މައްސަލަ ދިމާވެފައި ތިބޭ މީހުން އެންމެ އާންމުކޮށް ފެންނަނީ ފިލްމުތަކުންނެވެ. މި ހާލަތު މެދުވެރިވެފައިވާ މީހުން ދިރިއުޅޭނެ ހާލެއް އެ މަންޒަރުތަކުން ގިނަ ބަޔަކަށް ތަސައްވުރު ނުކުރެވޭއިރު، މިއީ އެފަދަ ކުއްޖެއްގެ ކަންބޮޑުވުންތަކާއި އުދާސްތަކުގެ ވާހަކައެވެ.

އެމެރިކާއަށް ނިސްބަތްވާ ރިލޭ ހޯރނާ ނަމަކަށްކިޔާ މި އަންހެންކުއްޖާއަކީ "ޝޯޓް ޓާމް މެމަރީ ލޮސް" އާއި ކުރިމަތިލާން ޖެހި އެ މައްސަލައިން އަރައި ނުގަނެވިފައިވާ ކުއްޖެކެވެ. އޭނާއަށް އެ ހާލަތު މެދުވެރިވީ، ސްކޫލުގެ ޑާންސް ކްލާހުގައި ހުއްޓައި، މީހަކު އޭނާގެ ބޮލުގައި ޖެހުމުން ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ވެއެވެ.

އެ ދުވަހުން ފަށައިގެން ރިލޭގެ ހާލަތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ އެނޫންވެސް ޚާއްސަ ކްލިނިކްތަކުން މި މައްސަލައަށް ފަރުވާ ކުރުމަށް ކުރި މަސައްކަތް މިހާތަކަށްވީ ނާކާމިޔާބެވެ. ކޮންމެ ދެގަޑިއިރަކުން އޭނާ ހަނދާންތައް "ރީސެޓް" ވަނީ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ރިލޭގެ އާއިލާއިން ބުނެފައިވާގޮތުގައި އޭނާއަށް ދިމާވެފައިވާ މި ހާލަތަށް ފަރުވާ ކުރުމަށް މިހާތަނަށް ގިނަ ހޮސްޕިޓަލްތަކަށް ގެންދިޔަ ނަމަވެސް އެ ހުރިހައި ތަނަކުންވެސް ލިބިގެންދަނީ އެއް ޖަވާބެކެވެ. އެއީ އޭނާގެ ސިކުނޑީގައި އެއްވެސް މައްސަލައެއް ހުރިކަން ޓެސްޓުތަކުން ފާހަގަ ނުވާކަމާއި، އެކަމުގެ ސަބަބުން ހަނދާންތައް ގެއްލެން ދިމާވާ މައިގަނޑު މައްސަލަ ހޯދައިނުގަނެވޭ ވާހަކައެވެ.

ރިލޭ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ދުވަސްތަކާއި މަސްތައްވެސް ނޭނގޭ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް ގޭގެ ދޮރުމަތީގައި ކަލަންޑަރެއް ހަރުކޮށް ދުވަސްތައް ވަކިވާނެހެން ފާހަގަކޮށްފައި ހުންނައިރު، ހަނދާން ނުހުންނާތީ ކޮންމެ ފަހަރަކު ކަލަންޑަރު ފެނިފައި ވަރަށް ބޮޑަށް ހައިރާންވާ ކަމށެވެ. ރިލޭ އިތުރަށް ބުނެފައިވާ ގޮތުގައި، ހަނދާން ހަރުލާފައި ނުހުންނާތީ އޭނާ ވަރަށް ކަންބޮޑުވެއެވެ. އަދި ކުރިން ހިނގާފައި ހުންނަ ކަންކަން އެހެން މީހުންގެ ފަރާތުން އެނގުމުންވެސް ލިބެނީ ހައިރާންކަން ކަމަށާއި، މިއީވެސް ހިތްދަތި ނުކުޅެދުންތެރި ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ރިލޭއަށް މި ހާލަތު މެދުވެރިވާން ދިމާވި ގޮތެއް ނުވަތަ ސަބަބެއްވެސް އޭނާގެ ހަނދާނުގައި މިހާރަކު ނެތެވެ. އަދި އޭނާއަށް ހަމަލާދީ މި ހާލަތު އޭނާއަށް ކުރިމަތި ކުރުވި މީހާވެސް ރިލޭއަކަށް ނޭނގެއެވެ.

ރިލޭ އަންނަނީ އޭނާއަށް ދިމާވެފައިވާ ހަނދާން ނެތުމުގެ މައްސަލައިގެ ސަބަބުން އޭނާ ކުރާ މުޙިންމު ކަންކަން ނޯޓު ކުރަމުންނެވެ. އަދި ހަނދާނުގައި ނުހުންނާނެފަދަ މުހިންމު ތަކެއްޗާއި ތަންތަނުގެ ފޮޓޯ އޭނާ ދަނީ ނަގައި ރައްކާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު