މިއަދު މީސް މީޑިއާގައި ގިނަ ބައެއްގެ މަޝްހޫރުކަމާއި ސަމާލުކަން ލިބުމަކީ ހިތައް ލިބޭ ހިތްހަމަޖެހުމެއްގެ އިތުރުން، އާމްދަނީ ހޯދަން ވެސް ހުޅުވޭ ދޮރެކެވެ. އެހެންކަމުން ވަރަށް ގިނަ މީހުން ކޮންމެފަދަ ކަމެއް ކޮށްގެން ނަމަވެސް ގިނަ ބައެއްގެ ސަމާލުކަމާއި، ގިނަ ބައެއްގެ މެދުގައި މަޝްހޫރު މީހަކަށް ވުމަށް މަސައްކަތް ކުރެއެވެ.

ދާދިފަހުން އެމެރިކާގެ ދެ ލޯބިވެރިއެއް ކަމަށްވާ ކެލީ ކާސްޓިލް އާއި ކޮޑީ ވޯކްމަން ވަނީ މަޝްހޫރު ވުމަށްޓަކައި ފަރުބަދައެއްގެ މަތީގައި ތަފާތު ފޮޓޯއެއް ނަގާފައެވެ. ފަރުބަދައިގައި ކެލީގެ ފައި ޖައްސައިގެން ފަރުބަދައިގެ ބޭރަށް ހަށިގަނޑު ނެރެގެން އޭނާ ހުރިއިރު ކޮޑީ އިނީ، ކެލީގެ އަތުގައި ހިފަހައްޓައިގެންނެވެ.

ކޮޑީގެ އަތް ކެލީގެ އަތުން ދޫވިނަމަ ނުވަތަ ކެލީގެ ފައި ނައްޓާލި ނަމަ، އޭނާ އަށް މަރާއި ބައްދަލުވުން އޮތީ ދާދި ގާތުގައެވެ.

ދެމީހުންނަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ 176000 މީހުން ތިބިއިރު މި ފޮޓޯއަށް 15000 އަށް ވުރެ ލައިކް ލިބިފައިވެއެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ވަނީ މަޝްހޫރު ވުމުގެ ބޭނުމުގައި މިފަދަ ގޮތަކަށް ތިބެ ފޮޓޯ ނަގާފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް އެމީހުންނަށް ފާޑުކިޔާފައެވެ.

https://www.instagram.com/p/B1tnuT9BUOz/

މީގެ ކުރިން ވެސް މިދެމީހުން ވަނީ މިފަދަ ނުރައްކާތެރި ފޮޓޯތައް ނަގަފައެވެ. އެފޮޓޯތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

މީސް މީޑިއާގައި ހިއްސާ ކުރުމަށްޓަކައި ނުރައްކާތެރި ތަންތަނުގައި ތިބެ ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި މަރުގެ ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އާއްމު ވެފައެވެ. އެހެންކަމުން އެކަން ހުއްޓުވަން ނުރައްކާތެރި ބައެއް ތަންތަނުގައި ތިބެ ފޮޓޯ ނެގުން އެފަދަ ތަންތަން ހުންނަ ގައުމުތަކުގެ ސަރުކާރުތަކުން މަނާ ވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    ފެންނަފެނުމަށް ތިއީ އެހައިއުސްތަނެއް ކަމަކަށްނުބެލޭ.. އަނެއްކާ ފެންގަނޑެއްއޮތުމުން ވެއްޓޭނީވެސް ފެންގަނޑަށް..