ބޮލީވުޑާއި ހޮލީވްޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ އޭނާގެ ފިރިމީހާ، ނިކް ޖޯނާސްގެ އުފަންދުވަހަށް ބޮޑު ފުޅުބޯޅަ ދަނޑެއް ކުއްޔަށް ހިފައިފިއެވެ.

ނިކްގެ 27 ވަނަ އުފަންދުވަސް ދާދި ފަހުން ފާހަގަކޮށްފައި ވާއިރު، ޕްރިޔަންކާ އޭނާގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރަން ކުރި މަސައްކަތަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންކަން ފާހަގަކޮށްލެވެއެވެ. ޕްރިޔަންކާ ވަނީ ބޮޑު ފުޓްބޯޅަ ދަނޑެއް ކުއްޔަށް ނަގައި، އާއިލާ އަދި ގާތް ރައްޓެހިންނާއި އެކު އެ ދަނޑުގައި އެމެރިކަން ފުޓްބޯޅަ މެޗެއްވެސް ކުޅެފައެވެ.

ޕްރިޔަންކާ އާއި ނިކް ކުޅުނު މެޗު

އެ މެޗުގައި ނިކްގެ ޖާޒީ ފަހަތުގައި 10 ނަމްބަރާއި އެކު "ނިކް" މިހެން ޖަހާފައި ވާއިރު ޕްރިޔަންކާ ހުރީ 1 ނަމްބަރު ޖާޒީ އާއި އެކު "ދަ ވައިފް" މިހެން ޖަހައިގެންނެވެ. މީގެ އިތުރުންވެސް ޕްރިޔަންކާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ވަނީ ވަރަށް ގަދައަށް ނިކް އަށް އުފަންދުވަހުގެ ވެދުން އަރިސްކޮށް، ޕްރިޔަންކާގެ މީހެއްގެ ގޮތުގައި ހުރުމުން އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.

ނިކްގެ އުފަންދުވަހުގެ 13 ދުވަސް ކުރިން ނިކް އަށް 27 އަހަރު ވެއްޖެ ކަމަށް ބުނެ ޕްރިޔަންކާ މީގެ ކުރިން ޓްވީޓެއް ކުރުމާއި އެކު ނިކްގެ ފޭނުން ވަނީ ވަގުތުން ނިކްއަށް 27 އަހަރު ނުވާ ކަމަށް ބުނެ، ޕްރިޔަންކާ އަށް އޭނާގެ ފިރިމީހާގެ އުފަންދުވަސްވެސް ނޭނގޭ ކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ނިކް ވަނީ ޕްރިޔަންކާ ދިފާއު ކޮށް، ޕްރިޔަންކާ އަށް އޭނާގެ އުފަންދުވަސް އެނގޭ ކަމަށް ބުނެ ޓްވީޓެއްވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ޕްރިޔަންކާ ނިކްގެ އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކުރި ނަމަވެސް، ބައެއް މީހުން ބުނަމުން އަންނަނީ އެއީ މީގެ 13 ދުވަސް ކުރިން އޭނާ އަށް ހެދުނު ގޯސް ފޫބެއްދުމަށްޓަކައި އޭނާ ކުރާ ކަމެއް ކަމަށެވެ.