ދުނިޔެއިން ބޭރުގައި ފުރަތަމަ ފަހަރަށް އިންސާނަކު ކުށަކަށް އަރައިގަތް މައްސަލަ ބަލަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމާއި ގުޅިގެން ނޫސްތަކުގައި ބުނެފައިވަނީ، ދުނިޔެއިން ބޭރުގައި ފުރަތަމަ ފަހަރަށް ކުށެއް ކޮށްފައިވަނީ، ދުނިޔޭގެ ބޭރުގައި ދައުރުވަމުންދާ އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ، ޖައްވީ އިދާރާގައި ކަމަށެވެ.

އެގޮތުން އެސްޓްރޮނޯޓަކު، ޖައްވީ އިދާރާގައި ހުރެގެން، އޭނާގެ ކުރީގެ ފިރިމީހާގެ ބޭންކް އެކައުންޓު ބޭނުންކޮށްފައިވާ މައްސަލައެއް ފެންމަތިވެ މިހާރު މައްސަލަ ތަހުޤީޤޫ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި މައްސަލައިގެ މާގިނަ ތަފްސީލެއް، ކަމާއި ބެހޭ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެނީ މެކްލެއިން ނަމަކަށްކިޔާ އެ އަންހެން މީހާ ވަނީ ކުރީގެ ފިރިމީހާގެ އެކައުންޓު ބޭނުންކުރި ކަމަށް އިއުތިރާފުވެސް ވެފައެވެ. ނަމަވެސް އޭނާ ބުނެފައިވަނީ، އެކައުންޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ނުވާނެ ކަމަށެވެ.

އެނީ އޭނާގެ ކުރީގެ ފިރިމީހާ އާއި ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ފިރިހެން މީހާ އަކީ އެމެރިކާގެ އެއާފޯސްގެ އިންޓެލިޖެންސް އޮފިސަރެކެވެ. އެ ދެމީހުން ވަކިވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު އެކި ފަހަރު މަތިން އެނީ، ކުރީގެ ފިރިމީހާގެ ބޭންކް އެކައުންޓު ބޭނުން ކުރަމުންދިޔަކަން ވަނީ ހާމަވެފައެވެ. މި މައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅީވެސް އޭނާގެ ކުރީގެ ފިރިމީހާއެވެ.

މި މައްސަލަ އާއި ގުޅިގެން ނާސާގެ އިސް އޮފިޝަލަކު އެމެރިކާގެ ނޫހެއްގައި ބުނެފައި ވަނީ، އެފަދަ ކަމެއްގެ މައުލޫމާތު އަދި އެ އިދާރާއަށް ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު