ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި އިނގިރޭސި ޓީވީ ހުށެހެޅުންތެރިއެއް ކަމަށްވާ ކެޓީ ޕައިޕާ އޭނާއަށް 2008 ގައި ދީފައިވާ އެސިޑު ހަމަލާގެ ފޮޓޯއެއް، ހިއްސާކޮށްފިއެވެ.

ކެޓީ އޭނާއަށް ލިބުނު އަނިޔާގެ ފޮޓޯ ހިއްސާކުރީ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައެވެ. އެސިޑު ހަމަލާގެ ސަބަބުން މޫނަށް ލިބިފައިވާ ބޮޑެތި ޒަހަމްތައް އެ ފޮޓޯއިން ފެނެއެވެ. ހަމަލާދިނުމަށްފަހު ގިނައިރުތަކެއް ނުވަނީސް ނަގާފައިވާ އެ ފޮޓޯ އިން ކެޓީގެ މުޅި ބުރުސޫރަ ވަނީ ބަދަލުވެފައެވެ. އެ ހަމަލާއަށް ފަހު ގައިމުވެސް އެތައް ވޭނެއް ތަހައްމަލު ކުރާނެއެވެ. ނަފްސާނީ ގޮތުން އެކަމުގެ ސަބަބުން ކެޓީ އަށް އެކަމުގެ ސަބަބުން ކުރިމަތިލާން ޖެހޭނެ ގެއްލުން އެއަށްވުރެ މާ ބޮޑެވެ.

"އަހަރެން ހަނދާން ހުރޭ އަހަރެން އެއްވެސް މީހަކަށް ފެންނަން ބޭނުމެއް ނުވި. އަހަރެން މީހުން ދެކެ ބިރުގަތް، ފިރިހެނުން ދެކެ ބިރުގަތް. އަހަރެން މުޅި ދުނިޔެ ދެކެ ބިރުގަތް. އަހަރެން ހަނދާން އެބަހުރި މީހުން ކައިރީ އަހަރެންނަށް އެ ހާދިސާގެ ސަބަބުން ކުރިމަތިލާން ޖެހުނު ކަންކަން ހިއްސާ ކުރުން ކުޅަދާނަ ކަމަކަށް ނުވި. މިއަދު ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގައި އަހަރެންގެ ފުރަތަމަ މީޓިންގ އޮތީ އަހަރެންގެ ތެރަޕިސްޓު އާ އެއްކޮށް. އަހަރެންނަށް ވަރަށް އެހީތެރިވެދޭ އެކަމުން، އަހަރެންނަށް ކަންކަން ކިޔާދެވޭ މިހާރު. އެންމެންވެސް ހިތްވަރުކުރޭ. ހިތްދަތިކަން ނިމޭނެ." ކެޓީގެ ފޮޓޯގެ ތަފްސީލުގައި އޭނާގެ މެސެޖު ހިއްސާކުރިއެވެ.

މިހާރު 35 އަހަރުވެފައިވާ ކެޓީގެ މޫނަށާއި، ކަރަށް އެސިޑު ޖަހާފައިވަނީ ކުރިން ރާވައިގެން ކެޓީގެ ކުރީގެ ލޯބިވެރިޔާ އެހެން މީހަކަށް ފައިސާދީގެން، އޭނާ ދިރިއުޅޭ ގެ ކައިރިން މަގުމަތީގައެވެ. ކެޓީގެ ކުރީގެ ލޯބިވެރިޔާ، ލީޗް އޭނާއަށް ހަމަލާދީފައިވަނީ ކެޓީ އޭނާއާ ދުރުވެ އެހެން މީހަކާ ރައްޓެހިވުމުން ހަސަދަވެރިވެގެންނެވެ. އެ މައްސަލައިގައި އެސިޑު ޖެހި ސިލްވެސްޓާ އަށް ޖަލަށް ހުކުމްކުރީ 6 އަހަރު ދުވަހަށެވެ. ލީޗްގެ މައްޗަށް 2 އުމުރު ދުވަހުގެ ހުކުމް އިއްވިއެވެ.

އެސިޑު ޖެހުމުގެ ސަބަބުން ކެޓީގެ މޫނާއި ކަރު އަނދައި ހަށިގަނޑަށް ބޮޑު ޖިސްމާނީ ގެއްލުންތަކެއް ލިބުނެވެ. ކެޓީ ވަނީ އެ ހަމަލާގެ ސަބަބުން ހަށިގަނޑަށް ލިބުނު ގެއްލުންތަކަށް 40 އަށްވުރެ ގިނަ އޮޕަރޭޝަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު