މީސްމީޑިއާއަކީ މިޒަމާނުގައި އެންމެންވެސް ބޭނުން ކުރާ ދެވިހިފާ އެއްޗެކެވެ. ޚާއްސަކޮށް އަންހެންކުދިންގެ މެދުގައެވެ. ފުރާވަރުގެ އަންހެން ކުދިން މީސްމީޑިއާގައި ފޯރިގަނާކަމީ އާ ކަމެއް ނޫނެވެ. ނަމަވެސް އަންހެން ކުދިންނަށް މީސްމީޑިއާއަށްވުރެ މުހިއްމީ ނިދި ކަން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް ފޯ އެޑިއުކޭޝަނުން ހެދި އެ ދިރާސާގައި 7000 އަންހެން ކުދިން ބައިވެރިކުރުވާފައިވެއެވެ. އެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި އެ އުމުރުގެ އަންހެން ކުދިންގެ މެދުގައި ސިއްހީ ދުޅަހެޔޮކަން އަށަގަތުމަށް އެންމެ މުހިއްމީ ނިންޖެވެ. އަދި މީސްމީޑިއާގެ (ފޭސްބުކް، ޓްވިޓަރ، އިންސްޓަގްރާމް ފަދަ) އެކި ވަސީލަތްތަކުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެއެވެ. އަދި އެކުދިން ޑިޕްރެސް ވެއެވެ.

އާދައިގެ މިންގަނޑުގައި ބަލާ ނަމަ މީސްމީޑިއާގެ ސަަބަބުން އެކުދިންނަށް ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ނުވާ ކަމަށް ދިރާސާއިން ދައްކައެވެ. ނަމަވެސް އޮންލައިން މެދުވެރިކޮށް ކުރިމަތިވާ ގަނާ ކުރުމާއި އެފަދަ ކަންކަމުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރަށް ބަދަލު އައިސް ކުދިން ނަފްސާނީ ގޮތުން ބަލިކަށިިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން އުމުރުން 14 އަހަރާއި 15 އަހަރާ ދެމެދުގެ އަންހެން ކުދިންގެ ތެރެއިން ދުވާލުގެ ބޮޑު ބައި މީސްމީޑިއާގައި ހޭދަކުރާ އަންހެން ކުދިންނާއި، ދުވާލަކު މަދު ފަހަރަކު މީސްމީޑިއާ ބޭނުންކުރާ އަންހެން ކުދިންނާ އަޅާބަލާއިރު ނަފްސާނީ ސިއްޙަތު ރަނގަޅީ މަދުން ބޭނުން ކުރާ އަންހެން ކުދިންގެއެވެ.

މީގެ އިތުރުން، މީސްމީޑިއާއާ ދުރު، ނަމަވެސް ރައްޓެހިންނާއި ގާތް ތިމާގެ މީހުންނާ އެކު ގިނައިން ވަގުތު ހޭދަ ކުރާ އަންހެން ކުދިންގެ އުފާވެރިކަމާއި ހިތްހަމަ ޖެހުން އިތުރުވާ ކަމަށްވެސް ދިރާސާއިން ދައްކައެވެ. އަދި މީސްމީޑިއާ ބޭނުންކުރާއިރު ކުރިމަތިވާ ގަނާކުރުންތަކުގެ ސަބަބުން އެކުވެރިންނާ ކުރިމަތިލާން ބޭނުން ނުވެ، ޑިޕްރެޝަންގައި އެކަނި ތިބެން އަންހެން ކުދިން ބޭނުންވާ ކަމަށްވެސް ދިރާސާއިން ދައްކައެވެ.

ޖުމްލަކޮށް މުޅި ދިރާސާއިން ދެއްކި ގޮތުގައި އަންހެން ކުދިން އެންމެ އުފާވަނީ މީސްމީޑިއާ ބޭނުން ކުރުމަށްވުރެ ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމާއި ރަނގަޅަށް ނިދުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު