އެމާ އާއި ޑޭނަލްއަށް ލިބުނު ރެމީ ފްރާންސެސް މިލާ ވިހެއި އިރު ބަރުދަން ވަރަށް ބަރެވެ. ސިޑްނީގެ ވޮލޮންގގޮންގ ހޮސްޕިޓަލްގައި މިދިޔަ ހޯމަ ދުވަހު އެމާ، ސިޒޭރިއަން ހަދާ ދަރިފުޅު ނަގާފައި ވަނީ ދުވަސްވެސް ނުފުރާއެވެ.

އާއްމުކޮށް އޮސްޓްރޭލިއާ ކުދިންގެ ބަރުދަނުގައި ހުންނަނީ 3.3 ކިލޯ އެވެ. ނަމަވެސް އެމާ ވިހާފައި ވަނީ 06 ކިލޯގެ ކުއްޖެކެވެ. އޭރު އޭނާގެ ބަނޑަށް ވީ 38 ހަފްތާ އާއި ދެ ދުވަހެެވެ.

މި ދެމަފިރިންނަށް އެ މީހުންނަށް ލިބެން އުޅެނީ އެހެން ކުދިންނަށްވުރެ ބޮޑު ކުއްޖެކަން އިނގެއެވެ. އެއީ އެމާގެ ގެސްޓޭޝަނަލް ޑައިބެޓިސް ހުންނާތީއެވެ. ނަމަވެސް ލިބުނު ދަރިފުޅަކީ ހީކުރި ވަރަށް ވުރެ ބޮޑު ކުއްޖެއް ކަަމަށް އުމުރުން 27 އަހަރުގެ އެމާ ބުންޏެވެ.

އެމާ ބުނީ،އޭނާގެ ބަނޑަށް 25 ހަފްތާގައި އަލްޓްްރާ ސައުންޑް ސްކޭނުން އެނގުނުގޮތުގައި، ދަރިފުޅުގެ ބަރުދަނުގައި ހުންނާނެ ކަމަށް ބެލެވެނީ 4 ކިލޯ ކަމަށެވެ.

ރެމީ އަކީ އެ އާއިލާއަށް ލިބުނު ހަމައެކަނި ބަރުދަން ބަރު، އަންހެން ކުއްޖާއެއް ނޫނެވެ. އެ މީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު ވިހޭއިރު ހުރީ 5.5 ކިލޯއެވެ. އަދި ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު އޭސް ވިހެއި އިރު ހުރީ 3.8 ކިލޯއެވެ.

އެމާ ބުނީ، އޭނާގެ ހުރިހާ ދަރިންވެސް ވަރަށް ސިއްހަތު ރަނގަޅު ކަމަށެވެ. އޭގެ ތެރެއިން ރެމީ ވަކިން ބޮޑަށް ހާއްސަ ކަމަށް އޭނާ ބުންޏެވެ.

ރެމީ އަކީ އެ ހޮސްޕިޓަލްގައި މިހާތަނަށް ވިހެއި އެންމެ ބޮޑު ކުއްޖާއެވެ.

ކިޔުންތެރިންގެ ހިޔާލު