ރާއްޖޭގެ ޒުވާނުން އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަ ދައްކައިލާ އިރުގައި ކޮންމެ ފަހަރަކުހެން އަހާ ސުވާލެއް އޮވެއެވެ. އެއީ ބިޓެއް ނެތް ހެއްޔޭ ކިޔާފައި ކުރާ ސުވާލެވެ.

އާއްމުކޮށް މި ސުވާލު ކުރަނީ ފިރިހެނުންގެ މެދުގައި ނަމަވެސް، ޒުވާން އަންހެން ކުދިންވެސް މި މައުލޫ އަށް މާބޮޑަށް ވާހަކަ ދައްކައި ހަދައެވެ. ފިރިހެން ކުދިން އާއްމުކޮށް އެހެން އަހަނީ ލޯބީގެ ގޮތުން ގުޅޭނެ ކުއްޖަކު ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް ގިނަ އަންހެން ކުދިން މި ވާހަކަ ދައްކާނީ ވަރަށް ސީރިއަސް ކަމާއި އެކުއެވެ.

މި ބުނީ ދޮގެއް ހެއްޔެވެ؟ އެހެން ފަހުން މި ސުވާލު ތިމާ އާއި ކުރެވިފައި ވަނީ ކޮން އިރަކު ހެއްޔެވެ؟ ފަހަރުގައި ތިމާ އަކީވެސް ރައްޓެހިންގެ ގާތު ގަވާއިދުން މި ސުވާލު ކުރާ މީހަކަށް ވެދާނެއެވެ. މިއީ ޒުވާނުންގެ މެދުގައި ބޭނުން ކުރާ އަނގަމަތީ ބަހެއް ކަމުގައި ވެފައި ވާއިރު އަސްލު ހަގީގަތުގައި މި ސުވާލު ކުރުން ހުއްޓާލަން އެބަ ޖެހެއެވެ.

ސަބަބަކީ ލޯބިވެރިޔަކު ހޯދަން ބަލާއިރުގައި އެންމެ ބުއްދިވެރި ވާނީ ތިމާ އަމިއްލަ އަށް ދިމާވާ މީހަކާއި އެކު އުޅުނީމައި ކަމަށް ވާތީއެވެ. އެހެން މީހެއްގެ ފަރާތުން ބިޓެއް ހޯދައިގެން ލޯބީގެ ގޮތުން ގުޅުނަސް، ގިނަ ފަހަރަށް އެކަން ނިމޭނީ ވަރަށް ހިތިކޮށެވެ. އަދި އެކަން ކޮށްދިން ރަހުމަތްތެރިންނާއިވެސް ގުޅުން ކަނޑާލަން ޖެހޭ ހިސާބަށް ބައެއް ފަހަރު ކަންތައް ދެއެވެ.

އެހެންކަމުން ދެން ފަހަރަކު މި ސުވާލު ކުރުމުގެ ކުރިން މިކަން ހަނދާނުގައި ބަހައްޓާށެވެ. އަދި މި ސުވާލު ތިމާ އަށް ކުރާ ބަޔަކަށްވެސް އެކަން ހަނދާން ކޮށްދޭށެވެ. ނަމަވެސް، އެގޮތް ބޭނުން ނުވާ ނަމަ "ބިޓެއް ނެތް ހޭ" ހަމަ އަހަންވީއެވެ.