އިންޑީޔާގެ ސްޓޭޓެއްގައި 4 ކިލޯ ފިޔަޔަށް ރަން ކިޔައިފިއެވެ.

ކައިވެނީގެ ރަނުގެ ގޮތުގައި 4 ކިލޯ ފިޔާ ހޯދާފައިވަނީ އިންޑީޔާގެ ކެރެލާ ސްޓޭޓުގައެވެ. އެ ދެމީހުން ކައިވެނިކޮސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ކައިވެނި ކުރި އަންހެން މީހާ އިންޑިޔާގެ ނޫސްތަކާއި ހަވާލާދީ ބުނެފައިވަނީ، މި ދުވަސްވަރަކީ ފިޔާގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށް ވުމާއެކު، 4 ކިލޯ ފިޔަޔަށް ރަން ކިޔާފައިވަނީ، ތަފާތު އެއްޗަކަށް ރަން ކިޔުމުގެ ގޮތުންނެވެ.

ކައިވެނި ކުރި ފިރިހެން މީހާ ބުނީ، މި ދުވަސްވަރު އިންޑީޔާގެ ކެރެލާ ސްޓޭޓުގައި ފިޔާ ކިލޯއެއް އުޅެނީ ގާތްގަނަކަށް 150 ވަރަކަށް ރުޕީސްއަށެވެ. އަދި އޭނާ 4 ކިލޯ ފިޔާ ގަނެފައިވަނީ 200 ރުޕީސްއަށް ކިލޯއެއްގެ މަގުން، 800 ރުޕީސް އަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 173.96 ރުފިޔާއެވެ.

އިންޑީޔާގައި މިފަދަ ތަކެއްޗަށް ރަން ކިޔުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުގައި އިންޑިޔާގައި، ޒުވާރި ބަސްތާއަކަށްވެސް ވަނީ ރަން ކިޔާފައެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ގިނަ ފިހާރަތަކުންވެސް ފިޔާ ހުސްވެ، ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. އެގޮތުން ކުރިން 18 ރުފިޔާއަށް ލިބުނު ފިޔާ ކިލޯއެއް ވަނީ 50 ރުފިޔާއަށް އަގު އަރާފައެވެ.