ސެލީނާ ގޮމޭޒްގެ އާ ލަވަ، 'ލޫޒް ޔޫ ޓު ލަވް މީ' އަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ، ޖަސްޓިން ބީބާ އަށް ޙާއްސަކުރި ލަވައެއް ކަމަށް އެމީހުންގެ ސަޕޯޓަރުންގެ ބުނަން ފަށައިފިއެވެ. މިއީ 4 އަހަރުގެ ތެރޭގައި ސެލީނާ ގޮމޭޒްގެ ލަވައެއް ނެރުނު ފުރަތަމަ ފަހަރެވެ.

27 އަހަރުގެ ތަރީގެ އެނބުރި އައުން ދައްކުވައިދިން މި ލަވަ ނެރެފައިވަނީ އެމެރިކާ ގަޑިން ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މި ލަވައިން ފާއިތުވެދިޔަ ދުވަސްތަކުގައި ސެލީނާގެ ވިސްނުމާއި، އޭނާގެ ޙިޔާލުތައް ހުރި ގޮތް ދައްކުވައިދޭ ކަމަށްވެސް އެމެރިކާގެ މުނިފޫހުފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ފާހަގަކުރެއެވެ. އޭނާ މިއުޒިކް ދާއިރާއިން ބޮޑު ބްރޭކެއް ނަގާފައިވަނީ އޭނާގެ ސިއްހަތަށް ބޮޑަށް ސަމާލުކަން ދިނުމަށެވެ.

ސެލީނާގެ ސަޕޯޓަރުން ބުނާ ގޮތުން، 'ލޫޒް ޔޫ ޓު ލަވް މީ' އަކީ ސެލީނާ ޖަސްޓިން އަށް އަލްވަދާޢު ކިޔުމާއި ގުޅިފައިވާ ލަވައެކެވެ. އަދި އެއީ ސެލީނާގެ ޙަޔާތުގެ އެ ސޮފްޙާ ލައްޕާލިކަން ހާމަކޮށްދިން ލަވައެކެވެ. އެގޮތުން އެ ލަވައިގައި '2 މަސް ތެރޭ އޭނާ ބަދަލްކޮށްފައިވާ' ކަމަށް ސެލީނާ ބުނެއެވެ. ބެލެވޭ ގޮތުން އެއީ ވެސް ޖަސްޓިން އަށް އަމާޒުކޮށްފައިވާ ތަންކޮޅެކެވެ. އެ ލަވައިގައި ސެލީނާ، އޭނާ މިހާރު 'ސިންގަލް' ކޮށް ހުންނާތީ ވަރުގަދަވެ، އިތުބާރު ލިބޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ވިހަގަދަ ލޯބީގެ ގުޅުމެއްގެ ތެރެއިން އޭނާ ހިތްދަތިކޮށްގެން އުފާ ހޯދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖަސްޓިން އާއި ސެލީނާ އަކީ އެމީހުންގެ ވަރަށް ޅައިރުން ފެށިގެން ދުނިޔޭގެ ސަމާލުކަން ލިބުނު ދެތަރިންނެވެ. ސެލީނާ ފުރަތަމަ ފާހަގަ ވެގެން ގޮސްފައިވަނީ ކުޑަކުދިންގެ އެކިއެކި ޓީވީ ޝޯތަކުންނެވެ. ޖަސްޓިން އަކީ އޭނާގެ އުމުރުން 14 އަހަރުގައިވެސް ލަވަކިޔުމުން މުޅި ދުނިޔޭގެ، ޚާއްސަކޮށް އަންހެން ކުދިންގެ ސަމާލުކަން ހޯދި ތަރިއެކެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅިފައިވަނީ އެންމެ ފުރަތަމަ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެމީހުން އެތައް ފަހަރަކު ރުޅިވެ، އަލުން ގުޅިފައިވެއެވެ. އެމީހުންގެ ގުޅުން ރަސްމީކޮށް ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗު ތެރޭގައެވެ.