ހޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޮމޭޒް އާއި ޒެއިން މާލިކް ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްކޮށްފިއެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސެލީނާ އާއި ޒެއިން މާކިލް އެންމެ ފުރަތަމަ ދެ މީހުން އިންސްޓަގްރާމްގައި ފޮލޯ ކުރީއެވެ.

އެއަށް ފަހު މިދިޔަ ހަފްތާ ތެރޭގައި ދެ މީހުން އެކުގައި ރެސްޓޯރެންޓަކަށް ކާން ދިޔަ ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ. އެ ރެސްޓޯރެންޓް ތެރޭގައި ދެ މީހުން ބައްދައިގެން ތިބި މަންޒަރު ވެސް ފެނުނެވެ.

ޒެއިން މާލިކް މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މަޝްހޫރު މޮޑެލް ޖީޖީ ހަޑީޑް އާއިއެކެވެ. ޖީޖީގެ މަންމައާއި ޒެއިނާއި ޖެހުނު މައްސަލައެއްގައި ދެ މީހުން ރުޅިވީއެވެ. އެ ދެ މީހުން ދަރިއަކު ވެސް ހުރެއެވެ.

ސެލީނާ މީގެ ކުރިން ރައްޓެހިވީ ޖަސްޓިން ބީބާ އާއެވެ. ޖަސްޓިން ބީބާ، ސެލީނާ ދޫކޮށްލުމަށް ފަހު ހެއިލީ އާ ކައިވެނި ކުރީއެވެ. ހެއިލީ އާއި ސެލީނާއި ދެމެދުގައި ވަރަށް ފަހުން ވެސް ވަނީ ބޮޑު މައްސަލައެއް ޖެހިފައެވެ.

އެ މައްސަލައިގައި ހެއިލީއަށް މަރުގެ އިންޒާރު ވެސް ލިބުނެވެ. އެ ކަމާއި ގުޅިގެން ސެލީނާ ވަނީ އޭނާގެ ފޭނުންގެ ކިބައިން ހެއިލީއަށް ބުލީ ނުކުރުމަށް އެދިފައެވެ. އަދި ހިތްތިރި ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.