އެމެރިކާގެ އެންމެ ޒުވާން އެއް ބިލިއަނަރު، އަދި މަޝްހޫރު ޓީވީ ތަރި/ މޮޑެލް، ކައިލީ ޖެނާ އޭނާގެ އަލަތު ދަރިފުޅު، ސްޓޯމީގެ ބައްޕަ، ޓްރެވިސް ސްކޮޓް އާއި ބްރޭކްއަޕްވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވަނީސް، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އާއި ގުޅުންތަކެއް ބާއްވަން ފަށައިފި ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ކައިލީ އާއި ޑްރޭކް، މިފަހުން ވަނީ ވަރަށް ގިނަ ތަންތަނަށް އެކީގައި ގޮސްފައެވެ. އަދި މި ދެތަރިން، އެކަކު އަނެކަކާ މެދު ޚާއްސަ ޝައުޤުވެރިކަމެއް ހިތުތެރޭގައި އުފެދިފައިވާ ކަމަށްވެސް ޚަބަރުތައް ލިބެއެވެ. އެމެރިކާގެ މަޝްހޫރު މީހުންނާ ގުޅޭ ޚަބަރުތައް ގެނެސްދޭ މީޑިއާއެއް ކަމަށްވާ 'ޕީޕަލް' ގައި ރިޕޯޓުކޮށްފައިވާ ގޮތުން ކައިލީ އާއި ޑްރޭކްގެ ގުޅުން މިހާރުވެސް ވަނީ ލޯބީގެ ގުޅުމަކަށް ބަދަލްވެފައެވެ.

ކައިލީ އާއި ގާތް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހުން އަދި ލޯބީގެ ގޮތުން ގުޅިފައި ނުވާ ކަމަށާއި، އަދި އެމީހުން ޑޭޓު" ކުރަން ވެސް ނުފަށާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ކައިލީ ޑްރޭކް އާއި އެއްކޮށް އުޅެނީ "ހަމަ ރައްޓެއްސެއްގެ" ގޮތުންނެވެ. ކައިލީ އާއި ޓްރެވިސް ސްކޮޓް ބްރޭކްއަޕްވެފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. ބްރޭކްއަޕަށް އަދި ދުވަސްތަކެއް ނުވަނީސް ކައިލީ އެންމެ ފުރަތަމަ ޑްރޭކް އާއި އެއްކޮށް ފެނިފައިވަނީ ޑްރޭކްގެ 33 ވަނަ އުފަންދުވަހުގެ ޕާޓީ ތެރެއިން، މީގެ 2 ހަފްތާ ކުރިންނެވެ.

"ކައިލީ އެ ޕާޓީތެރޭގައި މުޅިންވެސް އުޅުނީ ޑްރޭކް އާއި ކައިރީގައި، ކައިލީވެސް ރެޕްކޮށް، ލަވަކިޔައި، ޑާންސްކޮށް ހެދި އޭނާގެ ރައްޓެހިންނާއެކު، ޑްރޭކް އާއި ޖެހިގެން ހުއްޓަސް، އެ ދެމީހުން އެއްކޮށް ޑާންސެއް ނުކުރޭ. އެކަމަކު އެމީހުންގެ ގުޅުން ވަރަށް ދިމާވާ ކަމަށް ފާހަގަވި. އެމީހުން ވަރަށް ބޮޑަށް ގުޅޭ." ޑްރޭކްގެ ޕާޓީ އަށް ދިޔަ މީހަކު އެމެރިކާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކަށް މަޢުލޫމާތު ދެމުން ބުންޏެވެ.

ކައިލީގެ އުމުރުން 22 އަހަރުގައި މިހާރުވެސް ވަނީ މަޝްހޫރު 2 ރެޕް ލަވަކިޔުންތެރިޔަކާ ރައްޓެހިވެ، ލޯބީގެ ގުޅުންތައް ބާއްވާފައެވެ. އެންމެ ފުރަތަމަ އޭނާ ރައްޓެހިވީ ޓައިގާ އާއެވެ. އޭގެ ފަހުން ޓްރެވިސް ސްކޮޓް އެވެ. 33 އަހަރުގެ ޑްރޭކް ވަނީ މީގެ ކުރިން ހޮލީވުޑް ލަވަކިޔުމުގެ ދާއިރާގެ އެންމެ ހުނަރުވެރި ލަވަކިޔުންތެރިޔާ، ރިހާނާ އާ ރައްޓެހިވެފައެވެ. އަދި ޓެނިސް ތަރި، ސެރީނާ ވިލިއަމްސް އަކީވެސް ޑްރޭކްގެ ކުރީގެ ލޯބިވެރިޔެކެވެ. ޑްރޭކް އާއި ކައިލީގެ ޖޯޑު ގުޅޭ ކަމަށް ބުނާ ފަރާތްތަކަށް ދެން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނީ އެމީހުން ރައްޓެހިވިކަން ރަސްމީކޮށް އިއުލާންކުރާ ޚަބަރެވެ.