ސައުތް އެފްރިކާގައި ދެ ލޯބިވެރިން ކޭއެފްސީ އެއްގައި ފްރައިޑް ޗިކަން އެއް ކެއުމުގެ މެދުތެރެއިން ފިރިހެން މީހާ، އަންހެން މީހާގެ އަތުގައި އަނގޮޓިއެއް އެޅުުވުމަށްފަހު، އޭނާއަށް "ޕްރޮޕޯސް" ކޮށްފިއެވެ.

ރަހަމީރު، ކޮލިޓީގެ ކުކުޅުގެ ބާވަތްތައް ކެއުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް ޗެއިން، ކޭއެފްސީ އަށް ސައުތް އެފްރިކާގެ އެ ލޯބިވެރިން ގޮސްފައި ވަނީ ހަމައެކަނި ކެއުމަކަށް އިންސާފް ކުރާކަށެއް ނޫނެވެ. އެމީހުންގެ ލޯބީގެ ދަތުރުގައި އިތުރު ގޮށެއް ޖަހަން ފިރިހެން މީހާ ބޭނުންވެފައިވާތީ، ކެއުމުގެ މެދުތެރެއިން، އޭނާ ވަނީ އެކަން އަންހެން މީހާއަށް އަންގާފައެވެ. އޭނާވެސް އެކަމަށް ރުހުނެވެ.

ކޭއެފްސީ ސައުތް އެފްރިކާއިން ވަނީ އެ ވީޑިއޯ ހިއްސާކޮށް، އެ ދެ ލޯބިވެރިން ހޯދުމަށް އާއްމުންގެ އެހީއަށް އެދިފައެވެ. އެމީހުން ހޯދާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ކޭއެފްސީ އަށް ގޮސް ޕްރޮޕޯސް ކޮށްފައިވަނީ ބުޓް ހެކްޓާ، އޭނާގެ ލޯބިވެރިޔާ، ނޮންލަންހްހާ އަށެވެ. އެމީހުންގެ މަޢުލޫމާތު އާއްމުވުމާ ގުޅިގެން އެޤައުމުގެ އާއްމުންނާއި، ކުންފުނިތަކުގެ ފަރާތުން އެމީހުންނަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުޙީބެއް ވަނީ ލިބެން ފަށާފަައެވެ.

އެމީހުންނަށް ހިލޭ ކައިވެނީގެ ހަފްލާއާއި، ހަނީމޫން ހޭދަކުރުމުގެ ފުރުސަތުތައް ދޭން ބައެއް ފަރާތްތަކުން ހުށަހަޅާފައިވާއިރު، ކައިވެނީގެ ހަފްލާގައި އެއްވެސް ޚަރަދަކާއި ނުލާ، ހުށަހަޅަންވެސް އެޤައުމުގެ ބައެއް ފަންނާނުން ތިބީ ތައްޔާރަށެވެ. ނޫސް މަޖައްލާތަކުން އެ ދެލޯބިވެރިންގެ ފޮޓޯ އެމީހުންގެ މަޖައްލާގެ ފުރަތަމަ ގަނޑުގައި ޖަހަން ބޭނުންވެއެވެ.

ދުނިޔޭގެ މަޝްހޫރު ތަންތަނުގައި ލޯބިވެރިން އެކަކު އަނެކަކަށް ޕްރޯޕޯސް ކުރުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަންކަމެވެ.