ރަޝިޔާގައި ދަބަހެއްގެ ތެރެއަށް އަތްބުރިއެއް ލައިގެން ދިޔަ މީހަކު ހޭނެތިފައި އޮއްވައި ފެނިގެން ހައްޔަރުކޮށްފިއެވެ.

އުމުރުން 63 އަހަރުގެ އޯލެގް ސްކޮލޯވް ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ، އޭނާ ރަހުމުކުޑަ ގޮތަކަށް މަރާލި އަންހެނެއްގެ އަތްބުރި އޭނާގެ އަތުގައި އޮތް ދަބަސް ތެރެއިން ފެނުމުންނެވެ. ނޫސްތައް ބުނާގޮތުގައި ސްކޮލޯވް އަކީ ރަޝިޔާގެ ސޭންޓް ޕީޓާސްބާގް ސިޓީގެ ޔުނިވާސިޓީއެއްގައި ކިޔަވައިދެމުން ދިޔަ ޕްރޮފެސަރެކެވެ.

މި މައްސަލަ އާއި ގުޅިގެން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމުން ތަހުޤީޤުގައި އޭނާ ލޯބިވެރިޔާ މަރާލި ކަމަށް އެއްބަސް ވެފައިވާއިރު، ދަބަސް ތެރެއިން ފެނުނީ ލޯބިވެރިޔާގެ އަތްބުރި ކަމަށް ސްކޮލޯވް ވަނީ ބުނެފައެވެ. އަދި ހޭނެތުނީ ދަބަހަށް އެ އަތްބުރި ލައިގެން މީހަކަށް ނުފެންނަ ހިސާބެއްގައި ވަޅުލާން ދަނިކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

ސްކޮލޯވް ވަނީ އޭނާ ލޯބިވެރިޔާ މަރާލިގޮތްވެސް ފުލުހުންގެ ތަހުޤީޤަށް ކިޔައިދީފައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ރަޝިޔާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، ސްކޮލޯވް އޭނާގެ ލޯބިވެރިޔާ މަރާލީ ދެމީހުންގެ ދެމެދުގައި ހިނގި އަރައިރުންވުމަކަށް ފަހު ކަމަށެވެ. އެގޮތުން އެ އަރައިރުންވުން ހޫނުވެ، ލޯބިވެރިޔާގެ ބޯ ބުރިކޮށް މަރާލީ ކަމަށް ސްކޮލޯވް ތަހުޤީޤުގައި އިއުތިރާފު ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ސްކޮލޯވް ތަހުޤީޤުގައި އިތުރަށް ބުނެފައިވަނީ، އޭނާ ލޯބިވެރިޔާގެ ކަރު ބުރިކޮށްލުމަށް ފަހު އޭނާގެ އަތާއި ފައިވެސް ބުރިކޮށް ހަށިގަނޑުގެ އެކި ބައިތައް ވަކިކޮށްލީ ކަމަށެވެ. އެއީ އެ ބައިތައް ފޮރުވުމުގެ ބޭނުމުގައި ކަމަށް ސްކޮލޯވް ބުނެފައި ވެއެވެ. ސްކޮލޯވް ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ދިޔައީ އުމުރުން 24 އަހަރުގެ އަންހެނަކާއެވެ. އެ ދެމީހުން އެކުގައި އުޅެމުންދާތާ ތިން އަހަރު ވެފައިވާ ކަމަށް މި ތަހުޤީޤު ކުރިޔަށްގެންދިޔަ ފުލުހުން ބުނެފައި ވެއެވެ.

ސްކޮލޯވް ހައްޔަރުކުރި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހޭނެތިފައި އޮއްވައި ފެނުނީ ސޭންޓް ޕީޓާސްބާގްގެ ކޯރެއްގެ އައްސޭރިންނެވެ. އެވަގުތު އޭނާ އޮތީ މަސްތުގެ ހާލަތުގައި ކަމަށް ވެއެވެ. އަދި އަތްބުރީގެ އިތުރުން އޭނާގެ އަތުގައި އޮތް ދަބަސް ތެރެއިން ބަޑިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ސްކޮލޯވް ކިޔަވައިދެމުން ދިޔަ ޔުނިވާސިޓީގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.