އިންޑިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަންހެނަކު "ޗިސްޗިސް" ވެގެން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ހައިދަރްބާދުގައެވެ. މިހާދިސާގައި މަރުވެފައިވަނީ މަގުމަތީގައި ޓެކްސީ އެއްގެ އިންތިޒާރުގައި މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި އަންހެނެކެވެ. އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުން ބްރިޖެއް މަތިން އައި ކާރެއް ވެއްޓިގެން ގޮސް ޖެހިފައިވަނީ އެއަންހެން މީހާގެ ގައިގައެވެ. މި ހާދިސާގައި އިތުރު ދެމީހަކަށްވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހާދިސާގެ މަންޒަރުފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކާރު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ފުރޮޅެމުން ވެއްޓިފައިވަނީ އެތަނުގައި މަޑުކޮށްގެން ހުރި އަންހެނެއްގެ ގައިމައްޗަށެވެ. އޭގެ ފަހުން އެކާރު ވަނީ ގަހެއްގައި ޖެހި މައިތިރިވެފައެވެ. މީގެ އިތުރުން އެތަނުގައި ޕާކު ކޮށްފައިތިބި ބައެއް ކާރު ތަކަށްވެސް ވަނީ މި އެކްސިޑެންޓުގެ ސަބަބުން އެކިވަރުގެ ގެއްލުން ވެފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހައިދަރަބާދްގައި ހުންނަ ފުލުހުންގެ އިދާރާގެ ކޮމިޝަނަރު ބުނެފައިވަނީ އެކާރު ދުއްވާފައި ގޮސްފައިވަނީ ގަޑިއަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށާއި ބްރިޖް މަތިން ވެއްޓިފައިވަނީ އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނައްޓައިގެން ކަމަށެވެ. އޭނާ އިތުރަށް ބުނީ މި މައްސަލަ ފުލުހުންގެ ހާއްސަ ޓީމަކުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިހާދިސާގައި ކާރު ދުއްވަން އިން މީހާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް އޭނާ އަދި ދިރިއެބަހުއްޓެވެ. އެކްސިޑެންޓުގައި މަރުވި އަންހެން މީހާގެ އާއިލާއަށް ބަދަލުގެ ގޮތުން 5 ލައްކަ ރުޕީސް އަށްވުރެން ބޮޑު އަދަދެއް ކާރު ދުއްވަން އިން ފަރާތުން ދޭން ޖެހޭނޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މިއީ އިންޑިއާގައި މިފަދަ ހާދިސާ އެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، މިމަހުގެ 9 ވަނަ ދުވަހުވެސް ވަނީ ބްރިޖެއްގެ މަތިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ވެއްޓި، އޭގެ ދަށުވެ 2 ޒުވާނަކު މަރުވެފައެވެ.

ބާރު ދުވެލީގައި ކާރާއި ސައިކަލު ފަދަ އުޅަނދުތައް ދުއްވުމުން ތިމާގެ އަމިއްލަ ފުރާނަ އާއި އެހެން މީހުންގެ ފުރާނަވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދެއެވެ. އެހެންކަމުން މިއީ އެންމެންވެސް ވިސްނާލަންޖެހޭ މުހިއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު