އިނގިރޭސިވިލާތުގައި މަންމައަކު އޭނާގެ ދަރިފުޅުގެ ސަލާމަތާއި މެދު ބިރުގަންނާތީ، ވަޅިއެއް ދީފައި ސްކޫލަށް ފޮނުވައިފިއެވެ.

މިކަން ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީ ހިމެނޭ މަޝްހޫރު މާޒީސައިޑް ގައެވެ. އިނގިރޭސިވިލާތަކީ ތަހުޒީބުވެފައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ވަޅި ޖެހުމުގެ ހާދިސާތައް ހިނގަމުންދާ އެއް ޤައުމެވެ. މާޒީސައިޑް ހިސާބުގައި އެކަނިވެސް، 2010 ވަނަ އަހަރުން ފަށައިގެން ވަޅި ޖެހުމުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ 135 އިންސައްތައަށް މަތި ވެފައެވެ.

ވަޅި ޖެހުމާ ދެކޮޅަށް މާޒީސައިޑްގައި ބޮޑު ކެމްޕެއިނެއް ކުރަމުންދާ ޖަމިއްޔާ އަކަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ސްކޫލަށް ދާ ކުއްޖެއްގެ މަންމަ ވަނީ ސްކޫލުގައި އޭނާގެ ދަރިފުޅުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާތީ ވަޅިއެއް ދީފައި ސްކޫލަށް ފޮނުވާފައެވެ. އެ މަޢުލޫމާތު ހޯދާފައިވަނީ އެ ސިޓީގައި 2016 ވަނަ އަހަރުގެ ތެރޭގައި 'ބަޓަފްލައި' ވަޅިއަކުން ކަރަށް ހަމަލާދިނުމުގެ ސަބަބުން މަރުވި ޑެނިއެލް ފޮކްސް ގެ ހަނދާނުގައި އުފައްދާފައިވާ ޖަމިއްޔާ އަކުންނެވެ.

މިހާރު އެ ޖަމިއްޔާ ހިންގަމުންދާ ޑޯން ޖޯންސް ކިޔާ ދިން ގޮތުގައި ވަޅި ދީފައި ސްކޫލަށް ފޮނުވި މަންމަ އަކީ ކަންދިމާކުރި ގޮތުން ޑެނިއެލް ފޮކްސް ގެ ތިމާގެ މީހެކެވެ. ޖޯންސް ބުނީ އޭނާ އަށް އެ ޚަބަރު ލިބުމުން ބޮޑު ސިހުމެއް ލިބުނު ކަމަށާއި، ނަމަވެސް އޭނާ އަށް "ބެލެނިވެރިޔާ އެގޮތަށް ޢަމަލް ކުރި ސަބަބު ވިސްނޭ" ކަމަށެވެ.

މިދިޔަ އަހަރުގައި އެކަނިވެސް، ވަޅި ނޫނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާ ދިނުމާ ގުޅޭ 1400 އަށްވުރެ ގިނަ މައްސަލަ، މާޒީސައިޑްގެ ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އެ ހިސާބުގަނޑުގައި އެ މައްސަލަ ބޮޑުވެގެން ދިޔުމާއެކު، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ މަޤްސަދުގައި، މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ 'ހޯމް އޮފީސް ސީރިއަސް ވަޔޮލެންސް ފަންޑު' ގެ ފަރާތުން ވަނީ މާޒީސައިޑް ފުލުހުންނަށް 4 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.