ބޮލީވުޑަށް ރިލީޒްވި ފިލްމުތަކުގެ ތެރެއިން މިހާރު އެންމެ ގިނަބައެއްގެ ތައުރީފް ލިބެމުންދަނީ ސޫޖިޓް ސިރްކާ ޑައިރެކްޓްކޮށް، ޝީލް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމް "އޮކްޓޫބާރ" އަށް ކަން ގައިމެވެ. ލީޑުރޯލުން ކުޅަދާނަ ބަތަލު ވަރުން ދަވަންއާއިއެކު އަންހެން އެކްޓްރެސްއެއްގެ ގޮތުން ފެނިގެންދާ ބަނީތާ ސަންދޫ ވެސް މިވަނީ މި ފިލްމަށް ލިބުނު ކާމިޔާބީއާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި އެކަމާއި އުފާވާ ކަމަށް ބުނެފައެވެ.
މި ފިލްމަކީ "ލަވް ސްޓޯރީ" އެއް ނޫން ކަމަށާއި އެހެންނަމަވެސް ލޯބި އެކުލެވިގެންވާ ފިލްމެއްކަމަށް އަބަދުވެސް އާންމުން ގާތު ބުނަމުން އަންނަ ކަމަށާއި ރޮމޭންޓިކް ބައި މި ފިލްމުގައި ކުޑަވާނެ ކަމަށްވެސް ބުނެފައިވާނެ ކަމަށް ފިލްމުގެ ޓީމުން މީގެކުރިންވެސް ވަނީ ބުނެފައެވެ.
"ކޮންމެހެން އަހަރެންގެ ރޯލުން ވެސް ފެނިގެންދާނީ ޚިޔާލީ ދުނިޔެއެއްގަ އުޅޭ އަންހެން ކުއްޖެއް ނޫން. އެކަމަކު ލޯބި ހިމެނުނަސް ހަޤީޤީ ދިރިއުޅުމުގައިވެސް ކަންތައްތައް ވާ ގޮތަށް މި ފިލްމު ކުޅެފަ އިންނާނީ" ފިލްމުގެ އަންހެން ބަތަލާ ބަނީތާ ބުނެފައިވެއެވެ.
"ފިލްމުގެ އެ އަންހެން ކުއްޖާ މަރުވާ ރޯލު ކުޅެން ވަރަށް ދެރަވެސް ވި. އެކަމަކު އެއީވެސް ހަޤީޤީ ދިރިއުޅުމުގެ ހާދިސާއެއް ވީމަ އެ ނޫން ގޮތެއް ނޯންނާނެ" އޭނާ އިތުރަށް ބުނެފައިވެއެވެ.
ބަނީތާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ "ލެންގުއޭޖް" ގެ މައްސަލައަކީ ދިމާވި ދައްޗެއް ކަމަށެވެ. ނަމަވެސް ގިނައިން އިނގިރޭސީން ވާހަކަ ދައްކާތީ އެހާ އުނދަގޫ ނޫންކަމުގައެވެ.
"އެންމެ އުނދަގޫ ކަމަކަށް ދިމާވީ ލޯ މަރައިގެން ޝޫޓިން ނަގަން. 8 – 10 ގަޑިއިރު ޝޫޓިން ނަގާއިރު ލޯ މަރައިގެން އެކްޓް ކުރަން ވަރަށް އުނދަގޫވި. އަމުދުން ބައެއް ގަޑިތަކުގަ ނުކައިވެސް ހުންނަން އެބަ ޖެހޭ ޝޫޓިންގަ އުޅޭ އިރުވެސް. ދެން ކައިރީގައ އުޅޭ އެންމެން އެހާ މިނިވަންކޮށް އުޅެފަ އަހަރެން އެހެން އުޅެންޖެހުނީމަ ދެރަވޭ" ބަނީތާ އޭނާއަށް ދިމާވި އެންމެ އުނދަގޫ ކަންތައް ހިއްސާ ކުރަމުން ބުނެފައިވެއެވެ.
ވަރުން އާއި އެކު މިހާރު ބަނީތާ ފިލްމެއްގެ މަސައްކަތް ކޮށްފައިވާއިރު، ދެން އެންމެ އަވަހަށް ފިލްމެއް ކުޅެން ބޭނުންވަނީ އާމިރް ޚާން އާއިއެކުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"އެކްޓްކުރުމުގެ ދާއިރާއިން އަހަރެން ނުފެނިއްޖެނަމަ ދެން ފެންނާނީ ޕެއިންޓާއެއްގެ ގޮތުގަ" ކުޅަދާނަ އެކްޓަރު ބުނެފައިވެއެވެ.
"އޮކްޓޫބާރ"ގެ މި ފިލްމަކީ ބަނީތާ ބޮލީވުޑަށް ނިކުތް ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.