ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޮޑެތި ކާމިޔާބީތައް ހޯދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް އިންޑިއާގެ ރާޖިސްތާނުގެ އަޖްމާ ޑިސްޓްރިކްޓަށް އުފަން، ލޮލުުގެ ފެނުމުން މަހުރޫމުވެފައިވާ ބްރަމަނަންދަ ޝަރުމާގެ ވާހައަކީ އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ވާހަކައެކެވެ.

ޝަރުމާ އަކީ ނުރައްކާާތެރި ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާ ޖެހި އުމުރުން 22 އަހަރުގައި ލޮލުުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. އެކަން ވެގެން ދިޔައީ އޭނާ ފަނޑިޔާރަކަށް ވުމަށް ދެކެމުން ދިޔަ ހުވަފެނަށް އެޅުނު ވަރަށް ބޮޑު ހުރަހަކަށެވެ. ނަމަވެސް ޝަރުމާ އުންމީދު ކަނޑައެއް ނުލިއެވެ.

ލޮލުުގެ ފެނުމާއި ނުލައި ތައުލީމު ހާސިލް ކުރުމަށް އޭނަާ ޓްރެއިނިން ހޯދަންވެސް ދިޔައެވެ. ނަމަވެސް އެ ފަރާތުން އޭނާއާއި މެދު އުުންމީދު ކަނޑާލީއެވެ. އޭނާއާއި މެދު އުންމީދު ކަނޑާ ނުލީ އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުން ވަނީ ފޮތްތަކުގައިވާ އެއްޗެހި އޭނާ އަށް އަޑު އިވޭ ވަރަށް ކިޔައިދީ އެ ފޮތްތައް ކިޔާ އަޑު ރެކޯޑު ކޮށްފައެވެ. ޝަރުމާގެ ތައުލީމުގެ ބޮޑުބައެއް ހާސިލު ކުރީ އެގޮތައް ރެކޯޑު ކުރި ފޮތްތައް އަޑުއަހައިގެނެވެ.

ޝަރުމާ ރާޖިސްތާނުގެ ޖުޑިޝަލް ސާވިސް އިމްތިހާނުގައި ބައިވެރިވީ 2013 ވަނަ އަހަރުއެވެ. އިމްތިހާނު ހެދި ފުރަތަމަ ފަހަރުން އޭނާ ފާސްވި އިރު އޭނާ އަށް ވަނީ އިމްތިހާނު ހެދި ހުރިހާ މީހުންގެ ތެރެއިން 83 ވަނަ ލިބިފައެވެ. އެއާއެކު ރާޖިސްތާނު ހައި ކޯޓުން ވަނީ އޭނާ ތަމްރީނު ކުރުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.

މިހާރު ޝަރުމާގެ ތަމްރީނުތައް ނިމިފައިވާއިރު އޭނާ އަކީ އަޖްމާާ ޑިސްޓްރިކްޓުގެ ސަރްވާގައި މައްސަލަތައް ބަލާ ގާޒީއެކެވެ. ލޮލުން ފެނުމުގެ ނިއުމަތް އޭނާއަށް ގެއްލިފައިވާ ނަމަވެސް އެހެން ހިއްސުތަކުގެ ބޭނުން ކޮށްގެން އޭނާގެ މަސައްކަތް ފުރިހަމައަށް ކުރެއެވެ. އެގޮތުން އޭނާ ބުނީ ކޯޓަށް އަންނަ މީހުންގެ ތެރެެއިން އާދައިގެ މަތިން އަންނަ މީހުންގެ ފިޔަވަޅު އަޑު އިވުމުން އެއީ ކޮންބައެއްކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި ކޯޓުގެ ވާހަކަ ދައްކާ މީހުންގެ އަޑަށް ބަލާފައި އެކަނި އެމީހުންގެ ތެދުވެރިކަން އެނގޭ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ވާހަކަ ދައްކާ މީހުންގެ ރެކޯޑިންތައް އެތައް ފަހަރެއްގެ މަތިން އޭނާ އަޑުއަހައެވެ.

ހާއްސަ އެހީއަށް ބޭނުންވެފައިވާ ނަމަވެސް މިއަދު ޝަރުމާ ވަނީ އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ. އެނާގެ ވާހަކައިންވެސް އެނގެނީ ކޮންމެ ކަމަކީވެސް އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފި ނަމަ ހާސިލު ކުރެވޭނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަމަލުސް

    މިރަށުގަ އުޅޭނެ ސީރިޔަލް ކިލާރއެއް. 1 ލޮލަށް ނުފެންނަނީ

  2. އަޅުގަނޑު

    އަލްހަމްދުލިއްލާހި
    މާޝާﷲ
    މާތްﷲ ތެދުމަގު ދަށްކަވާށި އަދި ތިކަމަކީ ފަސޭހަކަމެއް ކަމުގާ ލައްވަވާށި އާމީންﷲ