އިންޑޮނޭޝިއާގައި ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަމުންދާ ރުޑީ ހަރްޓޮނޯ މަގުމަތީގައި ހުންނަ ކުންޏާއި، ގޮނޑުދޮށުގައި ހުންނަ ކުނިތައް ނަގަމުން ދާތީ އެކަން އެއްވެސް މީހަކު ބަލައެއް ނުގަތެއެވެ. އޭނާއަށް އެހީވާންވެސް އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ.

ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެއެވެ. އޭނާ ސްޕައިޑާމޭން ހެދުމުގައި ނުކުމެ ކުނި ނަގަން ފެށުމުން ގިނަބަޔަކު އެކަން ބަލައިގަނެފިއެވެ. އޭނާއާއެކު މިހާރު ގިނަބަޔަކު ކުނި ނަގަން އުޅެއެވެ.

"އަހަރެން ފުރަތަމަ ކުނި ނަގައި އުޅުނީ ކޮސްޓިއުމެއް ލައިގެނެއް ނޫން.އެކަމަށް އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބުނު، އެ މީހުން އެކަމުގައި ބައިވެރިވާންވެސް"އުމުރުން 36 އަހަރުގެ ހަރްޓޮނޯ ބުންޏެވެ.

އެންމެފަހުން އޭނާ ސްޕައިޑާމޭން ކޮސްޓިއުމްގައި ނުކުމެ ކުނި ނެގުމުގެ ކަންކަން ފެށުމުން އާއްމުން އެކަން ވަރަށް ފަސޭހައިން ބަލައިގަނެފިއެވެ.

އޭނާވަނީ އެކަން ޓިވީ ޝޯވތަކަށް އަރާވެސް ކިޔާދީފައެވެ.

އިންޑޮނޭޝިއާގައިވެސް އެކި ތަންތަނަށް ކުނި އުކާލާ މައްސަލަ ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ގިނަ ކުނިތަކެއް ކޯރުތަކަށާއި، މޫދަށް އެޅިފައި ހުންނަ މައްސަލަތައް ބޮޑެވެ.

ހަރްޓޮނޯ ބޭނުންވީ ކުނި އެޅުން ހުއްޓުވާށެވެ. އަދި ކުނި ތަންތަނަށް އެޅުން މަދު ކުރުމަށެވެ. އަދި ސަރުކާރުންވެސް ކުނި އެކުމުގައި ހާއްސަ ސަމާލުކަމެއް ދީ، ގަވާއިދުތައް ހަރުކަށި ކުރުމަށެވެ.

އޭނާ ބުނީ، ޕްލާސްޓިކް ވޭސްޓް ވަރަށް ބޮޑަށް މަދު ކުރަން ޖެހޭ ކަމަށާއި، އެއީ އެ ތަކެއްޗަކީ ނައްތާލަން ފަސޭހަ އެއްޗެއްސަށް ނުވާތީ ކަަމަށެވެ.