އާއްމު ދިރިއުޅުމުގައި އެތައް ފަހަރަކު ރުންކުރު މީހުންނާއި ދިމާވެއެވެ. އެހެންމީހުންނަށް އިޚުތިރާމް ނުކުރުމާއި އެހެންމީހުގެ އިހުސާސްތަކަށް ކަމޭ ނުހިތާ މީހުންނާއި މުއާމަލާތު ކުރަން ޖެހުމަކީ ބޮޑު ބޮލުގަ ރިހުމެކެވެ. އަދި ރުޅި އައުމުން ހިތަށް އެރިހާ އެއްޗެއް ކިއުމާއި، އެހެންމީހުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކޭ މީހުންނާއި އެކުގައި އުޅުމަކީ ހިތަށް ތުރާވާ ކަމެކެވެ. ބައެއް ފަހަރު އެކަހަލަ މީހުންނަށް ކިތަންމެ ރަނގަޅަށް ކަމެއް ކޮށްދިނަސް އެކަމެއް ނުދަންނާނެއެވެ. ނުވިތާކަށް ތިމާ ކޮށްދޭ ހެޔޮކަންކަން ބަލައެއް ވެސް ނުގަންނާނެއެވެ.

އާއްމުކޮށް އިނގިރޭސި ބަހުން މި ކަހަލަ މީހުންނަށް ކިޔަނީ "ރޫޑް" މީހުންނެވެ. ސުވާލަކީ އެ މީހުންނަށް އެހެން ވަނީ ކީއްވެގެންތޯއެވެ؟ އެމެރިކާގެ ޔުނިވާސިޓީއަކުން ކުރި ދިރާސާ އަކުން ދައްކާގޮތުން މިޒާޖުގައި "ރޫޑް" މީހުން އެގޮތަށް އަމަލު ކުރަނީ އެހެންމީހުންނަށް ކުރެވޭ ކުށެއްގެ ސަބަބަކުން ނޫނެވެ. އެއަށް ވުރެ ބޮޑަށް އެކަހަލަ މީހުންނަކީ ނަފްސާނީ ދުޅަހެޔޮކަން ކުޑަ، ބޮޑާ މީހުންނަށް ވުމުގެ ސަބަބުންނެވެ.

މި ދިރާސާއިން ދައްކާގޮތުން މީހަކު "ރޫޑް" ވުމަށް މެދުވެރިވާ ސަބަބުތައް މިހުރީއެވެ.

އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވުން

އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަ ވަނީ ގިނަ ފަހަރު ގޭ ތެރެއާއި ސްކޫލްގައި އެ މީހާގެ ޚިޔާލު މާބޮޑަށް ނުހިނގުމާއި ދިރިއުޅުމުގައި މީހަކަށް ވެވޭނީ ތިމާ އެދޭ ގޮތަކީ ކުރި ލިބޭ ގޮތް ކަމަށް ވެގެން ކަމަށް ދެކޭތީއވެެ. އަދި އެހެންމީހުންގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލްކަން އެފަދަ މީހުންގެ މަދު ވަނީ، އެ މީހުންނަށް ކުޑައިރުން ފެށިގެން ބޭނުންވި އަޅާލުމާއި އޯގާތެރިކަން ނުލިބުމުންނެވެ.

މި ދިރާސާއިން ދައްކާގޮތުން އެފަދަ މީހުންނަކީ އާއިލާ ތެރޭގައި ވެސް ބަސްނުވިކޭ، ހުރިހާ ކަަމަކަށް އެހެން މީހުންނަށް ބަރޯސާވާ މީހުންނެވެ. މި ދިރާސާގައި ބައިވެރިވި ބްރެޒިލްގެ ލިޔުންތެރިއަކު ބުނީ، އެހެން މީހުންނަށް މީހާ ކަމޭއް ހިތަ މިންވަރުން ދޭހަ ކޮށްދެނީ އެ މީހެއްގެ އަމިއްލަ ނަފްސާއި މެދު އެ މީހަކު ދެކޭ ގޮތް ކަމަށެވެ.

ގިނަ ފަހަރު "ރޫޑް" މީހުންނަކީ ރައްޓެހިން މަދު، ލޯބީގައި ނާކާމިޔާބު އެކަނިވެރިންނެވެ.

މީގެ މާނައަކީ އެމީހުން ވަށައިގެން މީހުން ނެތެކޭ ނޫނެވެ. ނޫނީ ބައިވެރިއަކު ނެތެކޭވެސް ނޫނެވެ. އެކަމަކީ ނަފްސާނީ ގޮތުން މީހުންނާއި ގުޅުމުގެ ޤާބިލްކަމެއް "ރޫޑް" ގިނަ މީހުންގެ ނުހުންނާނެއެވެ.

ދިރިއުޅުމުގައި ދިމާވާ މައްސަލަތައް

އެއްވެސް މީހަކީ، ދިރިއުޅުމުގައި ދިމާވާ ކަންކަމުން އަސަރު ނުކުރާނެ މީހެއް ނޫނެވެ. ޒާތީ ދިރިއުޅުމާއި، އާއިލާ އާއި ރަހުމަތްތެރިން ބުނާ ބަސްބަހާއި އަމަލު ކުރާ ގޮތުން ކޮންމެ މީހަކަށް ވެސް އަސަރު ކުރާނެއެވެ.

"ރޫޑް" މީހުންނަކީ ގިނަ ފަހަރަށް އެހެންމީހުންގެ ލޮތްބާއި ސަމާލުކަން ވަރަށް ބޮޑަށް ބޭނުންވާ މީހުންނެވެ. އެ ސަމާލުކަން ނުލިބުމުން ބައެއް މީހުންނަށް ހީވަނީ ތިމާ އެހެންމީހުންނާއި ދުރުވެއްޖެ ނަމަ އެހެން މީހުން ބުނާާ އެއްޗަކުން ދެރަ ވުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށް އެފަދަ މީހުންނަށް ބެލެވެއެވެ. އަދި ތިމާ އަކީ ކޮންމެ ފަދަ އެއްޗެއް ވެސް ބުނަން ޖެހިލުން ނުވާ މީހެއް ކަމަށް، ހީވާނަމަ އެހެންމީހުން ތިމާ އަށް އިހުތިރާމް ކުރާ މިންވަރު އިތުރުވާނެ ކަމަށް އެ ފަދަ މީހުންނަށް އޮންނަނީ ހީވެފައެވެ.

އެހެންކަމުން "ރޫޑް" މީހެއްގެ ދުލުން "މަށަށް ވަރިހަމަ"، "އެއްވެސް މީހެއް ދެކެ ބިރެއް ނުގަނޭ"، "އެކަކު ނެތަސް މަށަށް އޯކޭ"، "މަށަށް ހެޔޮ ކޮންމެ ގޮތަކަށް ހީކުރިއަސް" މިފަދަ ލަފްޒުތައް އިވުމަކީ އެކަށީގެންވާ ކަމެކެވެ.

ބޭރުފުށުން ކިތަންމެ ހަންބޯކޮށް ފެނުނު ނަމަވެސް މިފަދަ މީހުންނަކީ އެތެރެ ހަލަބޮލި، ދިރިއުޅުމުގައި ގިނަ މައްސަލަތަކާއި ކުރިމަތިލާން ނޭނގޭ މީހުންނެވެ.

އާއިލާ އާއި ދިރިއުޅޭ މާހައުލުގައި ދިމާވާ ކަންކަން

ކުޑަ އިރު ދިމާވާ ކަންކަމަކީ ބޮޑު ވުމަށް ފަހު ވެސް އެކަންކަމުގެ އަސަރު މީހުންގެ ކިބައިން ފެންނަ ކަންކަމެވެ. ކުޑަ އިރު ކުދިން ކުރިމަތީގައި ޒުވާބު ކުރުމާއި، އެ ކުދިން ދަށް ކުރާ ނަމަ އެ ކުދިން ބޮޑެތި ވެގެން އަންނަ އިރު މީހުންނާއި ނުގުޅޭ ރުންކުރު މީހުންނަށް ވުމުގެ ފުރުސަތު ބޮޑެވެ.

ބަދު ބަސްތައް ބުނުމާއި މަލާމާތް ކުރުމަކީ ކުދިން ބޮޑުވާ މާހައުލުތަކުގައި އާއްމުކަމަކަށް ވެއްޖެ ނަަމަ އެ ކުދިން ބޮޑުވުމުން، ބަސްމަގު ބަހައްޓާނީ ކުޑަ އިރު ބޮޑެތި މީހުން ވާހަކަދައްކާ ގޮތަވެ.

ނަފްސާނީ މައްސަލަތައް

ކުޑަ އިރުއްސުރެ ބައެއް މައިންބަފައިން ބޭނުން ވަނީ ކުދިންނަކީ ވީހާވެސް މަޑުން ތިބޭ ބަޔަކަށް ވުމެވެ. އެއީ ބަސްއެހުން ކަމަށް އޮންނަނީ ހީވެފައެވެ. މިހެން ކަންތައް ކުރުމުން ކުއްޖާ ކަމަކާއި ރުޔަސް ވަގުތުން ހުއްޓާލަން މައިންބަފައިން އަމުރުކުރެއެވެ. އަދި ކުއްޖާ ރުޅި އައިސްފިނަމަ އެއަށް ވުރެ ބޮޑަށް ރުޅި އައިސް، ބިރު ދައްކައިގެން ކުއްޖާ ކޮންޓްރޯލް ކުރުމަކީ މާ ބޮޑު މައްސަލައަކަށް ނުވެއެވެ.

އެހެންނަމަވެސް މިކަމުން ކުއްޖާ އަށް ކުރާ އަސަރު ވަރަށް ބޮޑެވެ. ބޮޑު ވެގެން އަންނަ އިރު ކުއްޖާގެ އެތެރޭގައި އެތައް ކަމެއްގެ ރުޅިވެރިކަން ހުންނަނީ އަށަގަނެފައެވެ. ރުޅި ކޮންޓްރޯލް ކުރާކަށް ނޭނގެއެވެ. ޖަޒުބާތުތައް ބުނެދޭކަށް ނޭނގެއެވެ.

ނަތީޖާ އަކަށް ވަނީ ރުޅި އައިސް އަޑު ގަދަކޮށްގެން، ނޫނީ ރުންކުރު ޖަވާބުތަކުން ކަންކަން ކޮންޓްރޯލް ކުރަން އުޅުމެވެ.

މި ހުރިޙާ ކަމެއް ބަލާލުމުން "ރޫޑް" މީހުންނާއި މެދު ހިތްހަމަ ނުޖެހުމުގެ ބަދަލުގައި ހަމްދަރުދުވާނެއެވެ. ބޭރުފުޅުން "ގަޓް" ވެފައި އުޅުނު ނަމަވެސް އެފަދަ މީހުންނަކީ ފިނޑި ކަންކަމާއި ކުރިމަތިލާން ނުކެރޭ، އެހެންމީހުންނަށް ލިބޭ ކުރިއެރުމުން ހިތް ނުތަނަވަސްވާ މީހުންނެވެ. އަދި ކަންކަމުގައި ނާކާމިޔާބު ވުމުން އެކަން ގަބޫލުކުރުމުގެ ބަދަލުގައި އެހެން މީހުން ކުށްވެރިކުރުމަކީ އެފަދަ މީހުންގެ އާދައެކެވެ.

އެންމެ އުނދަނގޫ ވާނީ މިފަދަ ބަޔަކަށް ބޮޑެތި ޒިންމާތަކެއް އުފުލަން ޖެހުމުންނެވެ. އެއީ މި ފަދަ މީހުންނަކީ މުއާމަލާތު ކުރަން އުނދަނގޫ، ހުޅުވިފައިވާ ޚިޔާލަށް ބޯ ނުލަނބާ، ބޯހަރު ގޮތް ދޫނުކުރާ މީހުންނަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު