ސްކޫލް ތެރޭގައި ގަނާގެ ޝިކާރައަކަށްވި އުމުރުން ނުވަ އަހަރުގެ ކުއެޑެން ބޭލްސްގެ ވާހަކަމިހާރު ގިނަ ބަޔަކަށް އިނގޭނެއެވެ. ބައްޔެއްގެ ސަބަބުން އެހެން މީހުންނަށްވުރެ ކުޑަކޮށް، ހުރުމުން ސްކޫލް ތެރޭގައި ކުއެޑެންއަށް ގަނާ ކުރެއެވެ.

އޭނާގެ ވާހަކަ މީސް މީޑިއާގައި ދައްކަން ފެށީ މަންމަ ބޭލްސްއެވެ. ގަނާ އާއި ހެދި ކުއެޑެން ބޭނުންވަނީ އަމިއްލައަށް މަރުވާށެވެ.

އެއް ދުވަހެއްގައި ސްކޫލް ނިންމާފައި މަންމައާއެކު ކާރުގައި ކުއެޑެން ގެއަށް ދިޔައީ ރޮމުން ރޮމުންނެވެ. އޭނާގެ މަންމަ ފޭސްބުކްގައި އެ މަންޒަރު ލައިވް ކުރިއެވެ. ކުއެޑެން އަމިއްލައަށް މަރުވާން ބޭނުންވާ ވާހަަކަ އެ ވީޑިއޯގައި ބުނެއެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު، ކުއެޑެންއަށް އެތައް ބައެއްގެ އެހީތެރިކަން ލިބިގެން ދިޔައެވެ. އަދި އޭނާއަށް އެތައް ބަޔަކު ދިޔައީ ހިތްވަރު ދެމުންނެވެ. މިގޮތަށް އޭނާއަށް އެހީތެރިކަން ދެމުން އަންނަ މީހުންގެ ތެރޭގައި މަޝްހޫރު ފަންނާނުންވެސް ހިމެނެއެވެ.

އެގޮތުން އެމެރިކާގެ ކޮމޭޑިއަން ބްރެޑް ވިލިއަމްސް ވަނީ އޭނާއަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައެވެ. ބްރެޑްއަކީވެސް އިސްކޮޅުން ކުރު ކުއެޑެން ކަހަލަ ބައްޔެއް ހުންނަ މީހެކެެވެ.

އަދި ކުއެޑެން ޑިޒްނީ ލޭންޑަށް ފޮނުވުމަށް އެހީތެރިވުމަށް ފެށި ފަންޑްރައިޒިންގ ކެމްޕޭންވެސް ފެށީ އޭނާއެވެ. އެ ކެމްޕޭނަށް އެތައް ފައިސާއެއް ލިބުނު ފަހުން ކުއެޑެންގެ އާއިލާއިން ވަނީ އޭނާ ޑިޒްނީ ލޭންޑަށް ނުދާނެ ކަން ހާމަކޮށްފައެވެ.

ޑިޒްނީ ލޭންޑަށް ދިއުމަށް އެ ފައިސާތައް ހަރަދު ކުރުމުގެ ބަދަލުގައި އޭނާ އެ ފައިސާތައް ހަރަދު ކުރާނީ އެއަށްވުރެ މުހިންމު ކަންތައްތަކެއް ކުރުމަށެވެ.

އެގޮތުން އެ ފަަންޑަށް ލިބުނު ފައިސާތަކުގެ ތެރެއިން 700،000 ޑޮލަރު ހަދިޔާ ކުރަން އެ މީހުން ބޭނުންވަނީ ޗެރިޓީތަކަަށެވެ. ހަ ޗެރިޓީއަކަށް އެ މީހުން އެ ފައިސާ ހަދިޔާ ކުރާނެއެވެ.

އަދި ފަންޑުގައި ބާކީ ހުރި ފައިސާތަކަކީ ކުއެޑެންގެ ބޭނުންތަކަށް ބޭނުން ކުރާނެ ފައިސާއެވެ. އެ ފައިސާ ބޭނުން ކުރާނީ އޭނާގެ ބޭސްފަރުވާގެ ކަންތަކަަށާއި، ތައުލީމީ ބޭނުންތަަކަށާއި، ގޭގެ ކުލީގެ އިތުރުން، ކެއުމަށާއި، އާއިލާގެ ކެއުމުގެ ހަރަދުތަކަށެވެ. އަދި އޭގެން ފައިސާ އޭނާ ބޭނުންވާ ޗެރިޓީތަކަށްވެސް ހަދިޔާ ކުރާނ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ކުއެޑެން އަކީ މިހާރު އެންމެންގެ ލޯބި ލިބިފައިވާ ކުއްޖެކެވެ.